ޑިޒްނީ އިން ގެނެސްދޭ "ލިޓްލް މާމެއިޑް" ގެ ލައިވް އެކްޝަން ފިލްމު އަންނަ މެއި މަހަށް ތާވަލް ކޮށްފިއެވެ.

އަންނަ މެއި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ޓީޒާ ޓްރެއިލާއެއް މިހާރު އާންމުކޮށްފައި ވާއިރު މި ފިލްމަކީ މިއުޒިކަލް ފެންޓަސީއެކެވެ. ފިލްމުގައި "އޭރިއަލް"ގެ ރޯލުން ފެންނާނީ "ކްލޮއީ އެކްސް ހެލީ" ގްރޫޕްގެ ލަވަކިިޔުންތެރިޔާ ހެލީ ބެއިލީ އެވެ. ތިން އަހަރު ކުރިން މި ފިލްމަށް ހެލީ ހަމަޖައްސަމުން ފިލްމުގެ ޑިރެކްޓަަރު ރޮބް މާޝެލް ބުނީ "އޭރިއަލް" ހޯދުމަށް ބުރަ މަސައްކަތެއް ކުރެވުނު ކަމަށާއި އެ ރޯލަށް އެންމެ އެކަށީގެން ވަނީ ހެލީ ކަމަށެވެ. އޭނާގެ ގައިން "އޭރިއަލް"ގެ ސިފަ ފެންނަ ކަމަށާއި އޭނާގެ ގައިން ރަނގަޅުހެން ހީވާ ހުރިހާ ސިފަތަކެއް ފެންނަ ކަމަށެވެ. އަދި އޭނާގެ އަޑުވެސް "އޭރިއަލް" ގޮތަށް ފުރިހަމަ ކަމަށެވެ. އަދި އެ ކާޓޫންގެ ވިލަން "އުރްސެލާ"ގެ ރޯލުން ފެންނާނީ މެލިސާ މެކާތީއެވެ.

ހަމައެއާއެކު ޕްރިންސް އެރިކްގެ ރޯލު ކުޅޭނީ ޖޮނާ ހައުއާ ކިންގް އެވެ. 1989 ވަނަ އަހަރު ނުކުތް "ދަ ލިޓްލް މާމެއިޑް: ސިންގް އަލޯންގް" އަކީ 90 ދިހައިގެ ޖެނެރޭޝަންގެ ކުދިންނަށް އެންމެ މަގްބޫލު އެއް ޑިޒްނީ ޕްރިންސަސް ކާޓޫނެވެ. މިއަދު ވެސް ދިވެހިން ބަލަމުން އަންނަ މި ކާޓޫންގެ ލައިވް އެކްޝަން ފިލްމެއް ގެނެސްދޭން ނިންމުމާއި ގުޅިގެން ފޭނުން ތިބީ އުފަލުންނެވެ.

މީގެ ހަތަރު އަހަރު ކުރިން މި ފިލްމު އިއުލާންކުރި އިރު މީގެ ލައިވް އެކްޝަން ފިލްމުގައި ކާޓޫން އިން ފެނިގެންދިޔަ ހުރިހާ ލަވަތަކެއް ރީކްރިއޭޓް ކުރުމަށް ވަނީ ނިންމާފައެވެ.

މި ފިލްމުގެ އިތުރުން ވެސް ވޯލްޓް ޑިޒްނީ އާއި ޕިކްސާ ސްޓޫޑިއޯޒް އިން ގުޅިގެން އަންނަނީ ގިނަ ކާޓޫންތަކެއްގެ ލައިވް އެކްޝަން ފިލްމު އާންމުންނާ ހަމައަށް ގެނެސްދޭން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި "މުފާސާ: ދަ ލަޔަން ކިންގް"، "ސްނޯ ވައިޓް"، "ހޯކަސް ޕޯކަސް 2" އަދި "ޑިސްއެންޗާޓަޑް" ހިމެނެއެވެ. މި ހުރިހާ ކާޓޫން ތަކަކީ ވެސް އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދި، އަދި ބޮކްސް އޮފީހުގައި ވެސް ހިނގި ކާޓޫން ތަކެކެވެ.