އެމެރިކާގައި އުފެދުނު އެންމެ މަގްބޫލު އެއް ބޭންޑު "ބެކްސްޓްރީޓް ބޯއީސް" 13 އަހަރު ފަހުނަ އިންޑިއާގައި ޕާފޯމްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖުމްލަ ފަސް މެންބަރުން ހިމެނޭ މި ބޭންޑު އިންޑިއާގެ އިތުރުން ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިޖިޕްޓް އަދި އިޒްރޭލް އަދި ސައުތު އެފްރިކާ ގައި ވެސް ޕާފޯމް ކުރަން ވަނީ ހަމަޖެހިފައެވެ. އަންނަ މެއި މަހު ފަށާ މި ޓުއާގައި އިންޑިއާގެ މުމްބާއީގައި އެ ބޭންޑު ހުށައަޅާނީ މެއި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި ދިއްލީ ގައި މެއި ފަސް ވަނަ ދުވަހު ޕާފޯމް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބެކްސްޓްރީޓް ބޯއީސް އިން ޓުއާ ފެށާނީ އިޖިޕްޓްގެ ކައިރޯ އިންނެވެ.

ނަވާރަސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު އުފެދުނު "ބެކްސްޓްރީޓް ބޯއީސް" އިން ނެރުނު އަލްބަމުތަކުގެ 130 މިލިއަން އަލްބަމުގެ ކޮޕީ ވަނީ ވިކިފައެވެ. އެއާއެކު މި ބޭންޑު ވެފައިވަނީ އެންމެ ކާމިޔާބު ބޯއީ ބޭންޑަށެވެ. ބޭންޑުގެ މެންބަރުންނަކީ ނިކް ކާޓާ، ކެވިން ރިޗަޑްސަން، ބްރަޔަން ލިޓްރެލް، ހޯވީ ޑޮރޯ އަދި އޭޖޭ މެކްލީން އެވެ. މިހާތަނަށް 10 އަލްބަމް ނެރިފައިވާ ބެކްސްޓްރީޓް ބޯއީސް އިން އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރު ނެރުނު "އަ ވެރީ ބެކްސްޓްރީޓް ކްރިސްމަސް" އެވެ.

"ޑީއެންއޭ ވޯލްޑް ޓުއާ 2023" ގެ ދަށުން ގައުމުތަކުގައި ޓުއާ ދޭ އިރު ޓުއާ ޓިކެޓް ވިއްކަން ފަށާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ބޭންޑުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އެވްރީބޮޑީ"، "އޭޒް ލޯންގް އޭޒް ޔޫ ލަވް މީ" އަދި "ޝޭޕް އޮފް މައި ހާޓް" ހިމެނެއެވެ