ޔަހޫދީ އިޒްރޭލުން ގާއިމުވެ ތިބޭ ގޯލާނުގެ އުސްބިންތަކުން، ސީރިއާއަށް އަމާޒުކޮށް ދޭތެރެ ދޭތެރެއިން ހަމަލާ ދެއެވެ. ވައިގެ މަގުން މިސައިލުން ދޭ މިހަމަލާތަކުގައި ސީރިއާގެ އެތައް ބަޔަކު މަރުވަމުން ދާ އިރު، އެކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކުންވެސް އަދި ސީރިއާއަށް ވެސް ކުރެވޭނެ ކަމެއް ނެތެވެ.

ހަނގުރާމައިގައި ސީރިއާ ސުންނާފަތިވެފައި ވާ އިރު، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން އިޒްރޭލާއެކު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން، އިޒްރޭލުން ބޭނުން ނަމަ، ނުރައްކަމެއް ކަމަށް ހީވާ ކޮންމެ މަގާމަކަށް ހަމަލާ ދެވިދާނެއެވެ.

ދާދި ފަހުން ސީރިއާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވެސް މިސައިލް ހަމަލާއެއް ދީ ދެމީހަކު މަރާލާފައި ވެއެވެ.

މިފަހަރު ހަމަލާ އަމާޒު ކުރީ ވެރިރަށް ދިމިސްގުގައި، ހައި ސެކިއުރިޓީ ޒޯންގައި ހުންނަ 10 ބުރީގެ އިމާރާތަކަށެވެ. އެ އިމާރާތަކީ، ސަލާމަތީ ބާރުތަކުގެ އޮފިސަރުންނާއި އާންމުންވެސް ދިރިއުޅޭ އިމާރާތެއްގެ އިތުރުން، ސީރިއާގައި ހަރަކާތްތެރިވާ އީރާނުގެ ފައުޖުތައް ތިބޭ ސަރަހައްދާ ކައިރި އިމާރާތެކެވެ.

މިސައިލް އެރުމާއެކު ބާރު ގޮވުންތައް ގޮވާ، އިމާރާތުގެ ތިރީ ބުރިތައް ފުނޑުފުނޑުވެފައި ވާ އިރު 15 މީހަކު މަރުވި ކަމަށް ސިރިއާ އޮބްޒަވޭޓަރީން ވަނީ ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން ޔަހޫދީ އިޒްރޭލުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައި ނުވާ އިރު، އިޒްރޭލުން ސީރިއާއަށް ހަމަލާތައް އަމާޒުކުރަނީ އީރާނުގެ މަގާމުތައް ބަލިކަށި ކުރުމަށާއި ސަރަހައްދީ އިމަށް އީރާނުން ކައިރިވިޔަ ނުދިނުމަށް ކަމަށް މީގެ ކުރިން ބުނެއެވެ.

އިޒްރޭލުން މިސައިލް ހަމަލާ ދިން މި ވަގުތަކީ، ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް އެތައް ހާސް ބަޔަކު މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާ ހިތާމައިގެ ވަގުތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.