ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ރޯކޮށްލަން ގޮވާލި މައްސަލާގައި ހައްޔަރުކުރި އައްބާސް އާދިލް ރިޒާ އަށް ދައުވާކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ދައުލަތުން އައްބާސްގެ މައްޗަށް އުފުލާފައިވަނީ "ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ" އެވެ.
މިދައުވާ އައްބާސްގެ މައްޗަށް އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައި ވާތީއެވެ.
މީގެއިތުރުން ދެން ދައުލަތުން އައްބާސްގެ މައްޗަށް ދައުވާކޮށްފައިވަނީ 2022 ވަނަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ކުރި ޓްވިޓަކާއި ގުޅިގެންނެވެ.
ދައުލަތުން އައްބާސްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އިންޑިއާ ހައި ކޮމިޝަންގައި ރޯކޮށްލަން ގޮވާލައި ކުރި ޓްވީޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް ހައްޔަރުކޮށްފައިވާއިރު އޭރު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. އަދި މި ޓްވީޓުގެ މައްސަލަ ސީރިއަސްކޮށް ނަގައި ފިޔަވަޅު އަޅާނެކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ.