އިންޑިއާގައި ބީބީސީ އެއްކޮށް މަނާކުރުމަށް ހިންދޫ ކަނާތު ފިޔައިގެ ގުރޫޕެއް ކަމަށް "ސެނާ"ގެ ރައީސް ވިޝްނޫ ގުޕްތާ، ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމައިފިއެވެ..

ބީބީސީ އިން ގުޖުރާތު ގަތުލުއާންމާ ގުޅޭ ގޮތުން ދެއްކި ފިލްމްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔާފައި ވުމުން އެކަމާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ވަނީ އެ ގައުމުގައި ބީބީސީ އެއްކޮށް މަނާކުރުމަށް ގޮވާލާފައެވެ. އަދި މިކަމާ ގުޅިގެން ވިޝްނޫ ގުޕްތާ ކޯޓަށް ހުށަހެޅި މަައްސަލައިގައި ވަނީ ބީބީސީގެ ހުރިހާ ވަސީލަތެއް އިންޑިއާގައި ބޭނުން ކުރުން މަނާ ކުރުމުގެ އަމުރަކަށް އެދިފައެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ވެސް އިންޑިއާގައި ހަރަކާތްތެރިވުން މަނާ ކުރުމަށް ވިޝްނޫ ވަނީ އެދިފައެވެ.

މީގެ އިތުރުން ވިޝްނޫ ހުށަހެޅި މައްސަލައިގައި ބުނީ މޯދީ އާ ދެކޮޅަށް އުފައްދާފައިވާ އެ ޑޮކިއުމެންޓްރީ ސަރުކާރުގެ އަމުރުތަކަށް ބްލޮކްކޮށްފައިވީ ނަމަވެސް އެއީ އިންޑިއާ އާ ދެކޮޅު ޕްރޮޕަގެންޑާ މަނާ ކުރުމަށް އެޅުނު ވަގުތީ ފިޔަވަޅެއް ކަމަށެވެ. އަދި މިކަން ދާއިމީކޮށް ހުއްޓުވުމަށް ބީބީސީ އިންޑީއާގައި މަނާކުރަންޖެހޭ ކަމަށްވެސް ވިޝްނޫ ވަނީ ބުނެފައެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް އިއްޔެ ސްޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ވިޝްނޫގެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށް ނިންމާފައެވެ. އަދި އިންޑިއާގައި ބީބީސީ އެއްކޮށް މަނާކުރެވެން ނެތްކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ބީބީސީގެ ފިލްމުގައި ބުނެފައި ވާ ގޮތުން 2002 ވަނަ އަހަރު އިންޑިއާގެ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ނަރެންދްރަ މޯދީ ހުންނެވި އިރު މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ކުރިމަތިލުމުގައި 1000 އެއްހާ މީހުން މަރުވެގެން ދިޔައީ، އެ ކުރިމަތިލުން ހުއްޓުވަން ފުލުހުން ކުރި މަސައްކަތަށް މޯދީ ހުރަސް އެޅުއްވުމުންނެވެ.