ފުޓްބޯޅައިގެ ދުނިޔޭގައި ނަން މަޝްހޫރު ރޮނާލްޑޯއަކީ ރާއްޖޭގައި ވެސް އޭނާގެ އެތަކެއް ހާސް ސަޕޯޓަރުން ތިބި މީހެކެވެ.
ފުޓްބޯޅައިގެ ދުނިޔޭގައި ރޮނާންޑޯ މަޝްހޫރު ވެފައި ވާ ގޮތަށް ކެއްކުމުގެ ދުނިޔޭގައި ދިވެހި ޝެފް ޒިޔާނަކީ ދޫދެރަ ޝެފެއް ނޫނެވެ. ރޮނާލްޑޯގެ އުފަންދުވަހު، ސުފުރާމަތީގަައި އަތުރާފައި ހުރި މީރު ކެއުން ތައްޔާރު ކޮށްދިނުމުގެ ޝަރަފުވެރި ފުރުސަތު ލިބިގެން ދިޔަ ފުރަތަމަ ދިވެހި ޝެފަކީވެސް އޭނާއެވެ. ކ. ހުރައަށް އުފަން މި ހުނަރުވެރި ޝެފް، އަލީ ޒިޔާނަކީ ރާއްޖޭގެ އެކި ރިސޯޓްތަކުގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގެ ރެސްޓޯރަންޓް ތަކުގެ ސުފުރާމަތި ފަޅުފިލުވަދީފައިވާ މޮޅު ކެއްކުންތެރިއެކެވެ.
ކެއްކުމުގެ އިތުރުން މިއުޒިކާއި ލަވަކިއުމަށް ޝައުގުވެރިކަން ހުންނަ އުމުރުން 29 އަހަރުގެ ޒިޔާން މިދާއިރާއަށް ޝައުގުވެރިކަން ހުންނަން ފެށީ އޭނާގެ ބައްޕަގެ ސަބަބުން ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުންޏެވެ. ޒިޔާން ބުނިގޮތުގައި ކުޑައިރު ބައްޕަ އަބަދުވެސް ބަދިގެއަށް ވަދެ ކައްކާތަން ފެންނަ ކަމަށާއި އެގޮތުން މިދާއިރާއަށް ވަނުމުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ވީ ބައްޕަ ކަމުގައި ފާހަގަ ކުރިއެވެ.
އަވަށްޓެރި ސްރީލަންކާގައި އޯލެވަލް ނިންމާ އޭގެ އިތުރުން މިދާއިރާގެ ބިންގާ އެޅިގެންދިޔައީ ލަންކާގެ "ތޭމްސް ކޮލެޖް" އިން ހާސިލް ކުރި ފައުންޑޭޝަން ސެޓިފިކެޓްއާ އެކީއެވެ. ޝެފަކަށްވެ ދާއިރާގެ އަމަލީ މަސައްކަތް ފެށުނީ 2014 ވަނަ އަހަރު ފޯ ސީޒަން އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިންނެވެ. ޕްރޮފެޝަނަލް ފެންވަރުގައި ދާއިރާއަށް ނިކުތުމަށް ފަހު ސިކްސެންސަސް ލާމު ރިސޯޓުގެ އިތުރުން ކްލަބު މެޑްގައިވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.
އަމިއްލަ ރެސްޓޯރަންޓް އެއް ހުޅުވުމުގެ ފޮނި އުންމީދު ދެކެމުން އަންނަ ޒިޔާން އަށް ސައުދީ އަރަބިއްޔާގައި ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިޔައީ ޝެފް ނެމީގެ އެހީތެރިކަމާ އެކީއެވެ. އެއް އަހަރު ދުވަހަށް ސައުދީގައި މަސައްކަތް ކުރާ ގޮތަށް ނިންމާފައި އޮތް ނަމަވެސް އިތުރު ރަނގަޅު ފުރުސަތުތަކެއް ލިބިއްޖެ ނަމަ ސައުދީގައި މަޑުކުރާނެ ކަމަށް ޒިޔާން ބުންޏެވެ.
ޒިޔާންގެ ހާއްސަ ވަގުތުކޮޅު ރޮނާލްޑޯއަށް
މުޅި ކެރިއަރުގައި ވެސް އެންމެ އުފާވި ދުވަހަކީ ރޮނާލްޑޯއަށް ސުޝީ ޑިނާއެއް ތައްޔާރު ކުރުމުގެ ފުރުސަތު ލިބި އޭނާ އާ ބައްދަލުކޮށްލެވުނު ދުވަސް ކަމަށް ބުންޏެވެ.
އެދުވަސް ސިފަ ކުރަމުން ޒިޔާން އިތުރަށް ބުނީ ސައުދީގައި މަސައްކަތް ކުރަމުންދާ، އަލަމިއާ މީޑިއާ ކުންފުންޏަކީ އެގައުމުގައި ބޮޑެތި އިވެންޓްތަކުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މި ޝަރަފްވެރި ފުރުސަތު ފަހިވީ ރޮނާލްޑޯއާއި ކުންފުންޏާ ދެމެދު އޮތް ގުޅުމެއްގެ ސަބަބުން ލިބުނު ކޭޓަރިންއެއް ގައެވެ. ޒިޔާންގެ އިތުރުން އަރަބި ދެ ޝެފުން ކޭޓަރިން ތައްޔާރު ކުރުމުގައި ހަރަކާތްތެރި ވެފައި ވެއެވެ. ކޭޓަރިން ތައްޔާރުކުރީ ސަހަރާއެއްގައި ހުންނަ އޯއެސިސްއެއްގަައި ކަމަށާއި އެއީ ޕްރައިވެޓް ވިލާތައް ހުންނަ ލަކްޒަރީ ދިރިއުޅުމަށް ހާއްސަ ސަރަހައްދެކެވެ. އެތަނަށް ދިޔުމަށްޓަކައި އޭނާ ހުންނަ ހިސާބުން ގަޑިއިރެއްގެ ދަތުރެއް ކުރަން ޖެހުނުކަމަށާއި، ކަންދިމާކުރި ގޮތުން އޭގެ ކުރީ ރޭ ނުނިދާ ހުރުމުގެ ސަބަބުން ހުރިީ ވަރަށް ވަރުބަލިވެފައިވާ ކަމަށް ޒިޔާން ބުންޏެވެ. އެހެނަސް އެތަނަށް ދެވުމާއެކު އެންމެ ބޮޑު އިސްކަމެއް ދިނީ ކާތަކެތި ރަނގަޅު ފެންވަރުގައި ތައްޔާރު ކުރުމަށެވެ. ރޮނާލްޑޯއަށް އެންމެ ކަމުދާ ސުޝީ ތައްޔާރު ކުރީ ޒިޔާންގެ ދެއަތުން ކަމަށް ވާއިރު މިއީ ކެރިއަރުގަވެސް ލިބުނު އެންމެ މަތީ ޝަރަފް ކަމުގައި ދެކެއެވެ.
އެއީ އެންމެ އުފާވެރި ދުވަހަށްވީ ނަމަވެސް ރޮނާލްޑޯއާއެކީ ސެލްފީ އެއް ނެގުމުގެ ފުރުސަތު ނުލިބުނީތީ ދެރަވާ ކަމަށް ބުންޏެވެ. މިއީ މާގިނައިން ލިބޭނެ ފުރުސަތެއް ނޫންކަމަށް ފާހަގަ ކުރަމުން ޒިޔާން ބުނީ "އަސްލު ވީ ގޮތަލީ ސެލްފީއެއް ނެގުމުގެ ކުރިން ދާން ޖެހުނީ، އެކަމަކުވެސް ބުފޭ ތެރޭގައި ކާ އެއްޗެހިވެސް ސާވް ކޮށް ވާހަކަވެސް ދައްކާ ހެދިން، އެކަމަކު ހަމަ ސެލްފީއެއް ނަގާ ނުލެވުނީ". ކަން މިހެން އޮތަސް ދެވުނު ހިދުމަތާ މެދު ޒިޔާން ހުރީ އުފަލުން ފޮަޅިފައެވެ.
ދާއުރާއިން ލިބުނު ކާމިޔާނީ
މި ދާއިރާއިން ލިބިފައި ހުރި ކާމިޔާބީތައް ހިއްސާ ކުރަމުން ޒިޔާން ބުނީ، އަބަދުވެސް ކެއްކުމުގެ މުބާރާތްތަކުގައި ވާދަ ކުރާހިތްވާ ކަމަށާއި ނަމަވެސް ކޮންމެވެސް ކަމެއް ދިމާވެގެން ގިނަ މުބާރާތް ތަކުގައި ބައިވެރި ނުވެވޭ ކަމަށެވެ. އެހެން ނަމަވެސް ކެއްކުމުގެ އެފްއެޗްއޭއެމް ގެ މުބާރާތުގައި ވާދަކޮށް "ސީފުޑް ހޮޓް ކުކިންގް ސެކްޝަން" އިން ސިލްވާ މެޑަލް ހާސިލްކޮށްފައި ވެއެވެ. މީގެ އިތުރުންވެސް 2018 ވަނަ އަހަރު މެލޭޝީއާގައި ކުރިއަށް ދިޔަ ވޯލްޑްސް ޝެފް ކޮންގްރެސް އެންޑް އެކްސްޕޯގައި ބައިވެރިވެ "ވޯލްޑް ޝެފް" ގެ ސެޓިފިކެޓް ހާސިލްކޮށްފައި ވެއެވެ.
މި ދާއިރާގައި 9 އަހަރު ހޭދަކޮށްފައިވާ ޒިޔާން ބުނި ގޮތުގައި މިހާ ހިސާބަށް އައިރު ބަދިގޭގެ ހުރިހާ ސެކްޝަނެއްގައި މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޯލްޑް ކިޗަން، ހޮޓް ކިޗަން، ވެސްޓާން، އިޓަލިއަންގެ އިތުރުން ފްރެންޗްގެ ގިނަ ކާނާ ތައްޔާރު ކޮށްފައިވާ ކަމަށާއި މިހާރު އެންމެ ބޮޑު ފޯކަސްއެއް އޮތީ ފައިންޑައިނިންގެ ރޮނގުން ކުރިއަށް ދިއުމަށް ކަމުގައި ބުންޏެވެ. ރާއްޖެއިން ބޭރު ގައުމެއްގައި ޕާފޯމް ކޮށްލުމަކީ އެނާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.
ޖަޕަނީސް ކެއްކުމުގައި ތިން އަހަރު ސްޕެޝަލައިޒްވެ މަސައްކަތް ކުރި ޒިޔާން ދެކޭ ގޮތުގައި ކޮންމެ ކަމެއް ކުރި ކަމުގައި ވިއަސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން މިދާއިރާގައި ދިމާވި ގޮންޖެހުންތައްވެސް ގިނަކަން ފާހަގަކުރިއެވެ. އެގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕްރެޝާގެ ދަށުން މަސައްކަތް ކުރުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުން ކަމުގައި ބުނެފައި ވެއެވެ. އަދި އެކި ގައުމު ތަކުގެ މީހުންނާއެކީ މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމާއި ގިނައިން ސީނިއާސް ގެ ގޮތުގައި ވެސް ތިބެނީ ބޭރު މީހުން ކަމަށް ވުމީ އުނދަގޫ ވެގެން ދާ ކަމެއް ކަމުގައި ބުނެއެވެ.
މި ގޮންޖެހުންތަކާ އެކުވެސް ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް އެހީތެރިކަން ލިބެމުންދާ މީހުންގެ ތެރޭގައި ޝެފް ޝާޒީ އަދި ޝެފް އާދިލްގެ ނަން ފާހަގަ ކުރިއެވެ. އަދި މި ދެ ޝެެފުން ފޯރުކޮށްދިން އެހީއާއި މޯޓިވޭޝަން އަކީ މި ދާއިރާގެ އެންމެ އުހަށް ދެވުނު އެއް ސަބަބެވެ.
މި ސްޓްރެސްފުލް ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިން ހުރިހާ އެންމެންނަށްވެސް ޝުކުރު އަދާ ކުރާ ކަމަށާއި ނަން ހިމަނާ ނުލެވުނަސް ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރާ ހުރިހާ ކޮލީގްސްގެ އިތުރުން މަންމަ އާއި ބައްޕަ އަށް ޝުކުރު އަދާ ކުރަމުން އިތުރަށް ޒިޔާން ބުނީ، ގިނަ މީހުން ދެކޭ ގޮތުގައި މިއީ ޕްރޮފެޝަންއެއްގެ ގޮތުގައި މަސައްކަތް ކުރުން ރަނގަޅު ދާއިރާއެއް ނޫން ކަމަށް މީހުން ދުށުމަކީ ކުށްހީއެއް ކަމަށެވެ.
މި ދާއިރާއަށް ޝައުގުވެރިކަން ހުރި ހުރިހާ އެންމެންނަށްވެސް މި ފުރުސަތު އެބައޮތް ކަމަށް ބުނަމުން އޭނާ ބުނީ އެކުގައި މަސައްކަތް ކުރާ މީހުންނަށް އިހްތިރާމްކޮށް މަސައްކަތުގައި ފަރުވާ ބަހައްޓައިގެން ކުރާ ކޮންމެ މަސައްކަތަކީ ފަސޭހަ މަސައްކަތަކަށް ވާނެ ކަމަަށެވެ. އަދި ހަމަ އެއާއެކު އެންމެނާ ވެސް ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އިސްކަން ދިނުމަށާއި އަބަދުވެސް ދާއިރާ އާ ގުޅޭ އާ ހޯދުންތައް ހޯދައިގެން ކުރިއަށްދާން މަސައްކަތް ކުރުމަށް ޒިޔާން ނަސޭހަތްތެރިވިއެވެ.
ނިންމާލަމުން ޒިޔާން ބުނީ، އާއިލާ އާ ދުރުގައި އުޅެން ޖެހުމުން ގޭގެ ކެއުން ވަރަށް ހަނދާންވާ ކަމަށާއި އާއިލާގެ ފަސް ބެއިންގެ ތެރެއިން އެންމެ ދޮށްޓަށް ހުންނަ ޒިޔާން، އާއިލާގެ އެންމެންގެ މަތިންވެސް ހަނދާންވާ ކަމަށެވެ.
އަދި އެހާ މޮޅު ޝެފަކަށް ވެވުނަސް މަންމަ ކައްކާ އެއްޗެހިހާ މީރު އެއްޗެއް ނުކެވޭ ކަމަށް އޭނާ އޭނާ ބުނެއެވެ.