މިސްރުގައި ބޭއްވި ކީރިތި ޤްރުއާން ކިޔެވުމުގެ 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޮލީ ޤްރްއާން" މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި މއ. އަސާސް، ފާތިމަތު ޝާޔާ ޒާހިރު، އެ މުބާރާތުން ދެވަނަ ހާސިލު ވާހަކަ އަކީ ފާހަގަ ނުކޮށް ދޫކޮށްލާވަރުގެ ވާހަކައެއް ނޫނެވެ.

މުބާރާތުގެ 1 ވަނަ އާ ވާދަކޮށް ޝާޔާ ދެވަނަ ހޯދީ 99.45 ޕޮއިންޓުންނެވެ. 1 ވަނަ އަށް ދިޔަ ދަރިވަރާ ތަފާތީ އެންމެ 0.45 ޕޮއިންޓެވެ.

މއ. އަސާސް، ފާތިމަތު ޝާޔާ ޒާހިރުަކީ ތިން ކުދިން ހިމެނޭ އާއިލާއެއްގައި ހުންނަ އެންމެ ހަގު ކުއްޖާއެވެ. ނާސަރީ ދައުރުން ފެށައިގަނެ ކީރިތި ޤްރުއާން ފެށުމަކީ މިއަދު ހާސިލް ކުރި ކާމިޔާއާ ހަމައަށް ވާސިލުވުމުގެ ސިއްރެވެ. މިހާރުވެސް ކީރިތި ޤްރުއާން ކިޔެވުމުގެ ދާއިރާއިން ފަނޑުވުމެއް ނެތި ފިޔަ ޖަހަމުން އަންނަ ތަރިއަކަށް ވާ ޝާޔާ، މިކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލިއެވެ. އެ ހުރިހާ ވާހަކަތަކެއް ޝާޔާގެ މަންމަ "ދަ ޕްރެސް" އާ ހިއްސާކުރަމުން ފެށީ މިގޮތަށެވެ.

ޤްރުއާން ހިތުދަސްކުރުމަށް ފެށި ދަތުރު

ގޭގައި ދޮށްޓަށް ތިބި ދެ ކުދިންނަށް ޤްރުއާން އުގަންނައި ދިނުމުގެ މަރުހަލާގައި ޝާޔާ ބައިވެރިކޮށް، މަށި ފިލާ އަޅައިދީގެން ކިޔަވާ ދިނުމަށް މަސައްކަތް ކުރި ކަމަށާއި، އެހެން ކުދިންނާ ހިލާފަށް ޝާޔާ އެދުވަހަކު ފިލާގައި ލިޔާ އެއްޗެހި އެދުވަހުން ދުވަހަށް ދަސްކުރާ ކަމަށް ބުންޏެވެ. މި ދާއިރާ އަށް ޝާޔާގެ ޝައުގު ހުރި މިންވަރު ފެނި އިތުރަށް އޭނާ ކުރި އަރުވަން ޤްރުއާންގެ އިލްމު އުގަންނާ ދިނުމުގެ ނިޔަތުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒް ކްލާހަށް ވައްދަން މަސައްކަތް ފެށިއެވެ. އުމުރު ހަމަނުވުމުން އެ ކުލާހަށް އެ އަހަރު ވައްދަން ކުރި މަސައްކަތް ކާމިޔާބު ނުވި ވި ނަމަވެސް ޝާޔާގެ އުމުރުން 7 އަހަރު ވުމުން ހިފްޒް ކްލާހުގައި ބައިވެރި ކޮށް މި ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހި ކޮށްދިނެވެ.

ފާތިމަތު ޝާޔާ ޒާހިރު ޤްރުއާން ކިޔަނީ / ފޮޓޯ: ޝާޔާގެ އާއިލާ

އުމުރުން ހަތަރު އަހަރުން ފެށިގެން އުގަންނާ ދިނުމުގެ މަރުހަލާ ފެށި، އުމުރުން ނުވަ އަހަރުގައި މުޅި ހަތިމް ހިތުދަސްކޮށް ނިންމާލިއެވެ. މަންމަ ދުށް ހުވަފެނުގައި ކުލަޖައްސައި ދީ އެކަން ހަގީގަތަކަށް ހަދާދިން ޝާޔާ ޤްރުއާން ހިތުދަސްކޮށްލަން ނެގީ 5 އަހަރެވެ. މި ކާމިޔާބީގައި ހިފްޒް ކްލާހުގެ ހުރިހާ އެދުރުންގެ ފަރާތުން ނުހަނު ގިނަ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށާއި އަދި ހިތުދަސްކުރުމަށް ފަސޭހަ އުކުޅުތައް އުގަންނާ ދިން ކަމަށް ޝާޔާގެ މަންމަ ބުންޏެވެ. އަދި 2019 ވަނަ އަހަރަކީ ވަރަށް ހާއްސަ އަހަރެއް ކަމަށާއި ޤްރުއާން ފޮތް އެއްކޮށް ހިތުދަސްކުރުމުން ރައިސުލްޖުމްހޫރިއްޔާ ދެއްވާ މެޑައްޔާއި ސަނަދު އެެ އަހަރު ލިބިގެން ދިޔުމަކީ އުފާވެރި އަދި ވަރަށް ހާއްސަ އަހަރަކަށް ވި ކަމެއް ކަމަށް މަންމަ ފާހަގަ ކުރިއެވެ.

ތައުލީމީ ހަޔާތް

މާލެއަށް އުފަން ޝާޔާ އަކީ އެންމެ ޅަ އުމުރުން ފެށިގެންވެސް ކިޔުވުމަށް ޝައުގުވެރިކަން ހުންނަ ތޫނުފިލި ކުއްޖެކެވެ. ބައެއް ފަހަރު ބަލިވެ އުޅެން ޖެހުމުން ސްކޫލަށް ނުދެވޭ ދުވަސްތައް ގިނަވި ކަމަށާއި ނަމަވެސް ސްކޫލްގެ ފިލާވަޅުތަކުގެ އިތުރުން ޤްރުއާން ފިލާވަޅުތައްވެސް އަވަސް ކަމާއެކު ނަގައިގަނެ ދަސްކުރާ ކަމަށް ޝާޔާގެ މަންމަ ފާހަގަ ކުރިއެވެ.

ޤްރުއާން މުބާރާތުން 2 ވަނަ ހޯދުމަށް ފަހު ޝާޔާ މަންމަ އާއި ބައްޕަ (ކ) އަދި ޝާރްޖާގެ ޤްރުއާން އެކެޑަމީގެ ޓީޗަރު / ފޮޓޯ: ޝާޔާގެ އާއިލާ

ތުއްތު އުމުރުން ފެށިގެން ވެސް ނުބަލާ ކިޔެވުމުގެ ގޮފިން ކިޔަވާ ހިތްވާ ޝާޔާއަކީ މަންމަގެ ބަސްއަހާ، އަދި ސްކޫލްގެ ކިޔެވުމަށް ވެސް އެހާމެ މޮޅު ކުއްޖެކެވެ. މިހާރު އުމުރުން 14 އަހަރު ވެފައި ވާ ޝާޔާ ތައުލީމު ހާސިލް ކުރަމުން ދަނީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 8 ގައެވެ. ސްކޫލްގެ ޕްރިފެކްޓް ކަމުގެ މަގާމު ފުރަމުގެ އިތުރުން އެކިއެކި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ހަދައެވެ. ބަލީގެ ސަބަބުން ކުޅިވަރު ކުރުމުގައި މާގިނަ ވަގުތު ހޭދަ ނުކުރެވުނަސް ލިބޭ ހުސްވަގުތުތަކުގައި ޤްރުއާން ކިޔަވާ މުރާޖައާ ކުރުމަށް އިސްކަން ދެއެވެ.

މިސްރުގެ މުބާރާތުގެ ކާމިޔާބީއަށް ކުރި މަސައްކަތް

މިސްރު މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ޝާޔާއަށް ލިބުނީ ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލި ފުރުސަތަކަށް ނަން ހުށަހަޅާ ބައިވެރި ވި ތިން ކުދިންގެ މެދުގައި ވާދަކޮށް ކުރި ހޯދައިގެންނެވެ. ފެބްރުއަރީ 4 އިން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މިސްރުގެ ޤްރުއާން މުބާރާތުގައި ވާދަކޮށް މުބާރާތުން ދެ ވަނަ ހާސިލް ކުރުމުން އިނާމަކަށް 150،000 އިޖިޕްޓް ޕައުންޑްގެ ދެވޭނެކަމަށް މިސްރުގެ އައުގާފް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މުބާރާތުގެ އިތުރުންވެސް ދުބާއީގައި ކުރިއަށް ދިޔަ ބޮޑު މުބާރާތެއް ކަމަށްވާ ފާތިމާ ޝައިހް މުބާރާތުގައި ވެސް ޝާޔާ ވާދަކޮށްފައި ވެއެވެ.

މިސްރުގެ މުބާރާތުގައި ވާދަކޮށް މިފަދަ ކާމިޔާބީއަކާ ހަމައަށް ވާސިލްވުމަކީ ނުހަނު އުފާވި ކަމެއްގެ ގޮތުގައި ފާހަގަކޮށް ޝާޔާގެ މަންމަ އިތުރަށް ބުނީ މި މުބާރާތުަގައި ބައިވެރިވެފައި ވަނީ ގިނައިން 20 އަހަރުން މަތީގެ މީހުން ކަމަށާއި މިކަހަލަ ވާދަވެރި މުބާރާތެއްގައި ޝާޔާ ހޯދި ކާމިޔާބީއާ މެދު ފަހުރުވެރި ވާކަމަށެވެ. އަދި ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ހަމަޖެހިފަ އިވަނީ މި އަހަރުގެ ރޯދަ މަހުގެ 27 ވަނަ ދުވަހު ކަމުން މި ހަފްލާގައި ބައިވެރިވުމަށް މިސްރަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

ޤްރުއާން މުބާރާތުން 2 ވަނަ ހޯދުމަށް ފަހު ޝާޔާ ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: ޝާޔާގެ އާއިލާ

ޤްރުއާން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް

ކޮންމެދުވަހަކުވެސް ބިޒީ ތާވަލެއް އެކުލަވައި އެއާ އެއްގޮތުން މިހާރުވެސް ޝާޔާ ރާއްޖެއިން ބޭރުގެ އެކަޑަމައީ އެއް މެދުވެރިކޮށް އޮންލައިންކޮށް ގުރުައާން އުގެނެމުން ދެއެވެ. 10 ގިރާއަތަށް ކިޔަވައިދޭ މި ކްލާހުގައި މިހާރު ތިން ގިރާއަތް ނިމި ސެޓިފިކެޓް ލިބިފައިވާ ކަމަށާއި މީގެ އިތުރުން އަރަބި ބަސް ދަސްކުރުމަށްޓަކައި އަރަބި ކްލާހެއްގައި ބައިވެރިވެ އަވަދިނެތި ކުރިއަށް ދާ ކަމަށް ޝާޔާގެ މަންމަ ބުންޏެވެ.

ގާރީ އަބްދުލްބާސިތްގެ ކިޔެވުންތައް އަޑުއެހުމަށް ހާއްސަ ޝައުގުވެރިކަން ހުންނަ ޝާޔާގެ އެންމެ ބޮޑު އުއްމީދަކީ މި ދާއިރާއިން ޑޮކްޓަރޭޓް ކަން ހާސިލް ކުރުމެވެ. އަދި މެޑިސިން ހަދާ ޑޮކްޓަރަކަށް ވުމަކީވެސް ޝާޔާގެ ޝައުގު ހުންނަ ދާއިރާއެއް ކަމުގައި ފާހަގަ ކުރިއެވެ.

ޝުކުރުގެ ލިސްޓާއި މެސެޖް

މިދާއިރާއިން ކުރިއަށް ދާން ބޭނުންވެފައި ތިބި ކުދިންނަށް ޝާޔާގެ ފަރާތުން ދޭން ބޭނުންވާ މެސެޖެއްގެ ގޮތުގައި ފާހަގަކުރީ އަބަދުވެސް ދީނުގެ ކަންކަމަށް އިސްކަންދީ މައިންބަފައިންގެ ބަސް ގަބޫލުކޮށްގެން ކުރިއަށްދާ ނަމަ އެއްވެސް ކަމެއް ކުރުމުގައި އުނދަގުލެއް ނުވާނެ ކަމަށެވެ. އޭގެ އިތުރުން ކުރާހިތުން އެކަމެއް ކުރުމުގެ އެއަޒުމުގައި ފަށާ ކޮންމެ ކަމެއްވެސް ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ވާނެ ކަމަށް ޝާޔާ ބުންޏެވެ. އަދި މިހިސާބަށް ވާސިލް ވެވުނީ މަންމައާއި ބައްޕަ ކޮށްދޭ ބުރަ މަސައްކަތުންކަން ފާހަގަ ކޮށް މައިންބަފައިންނަށް ޝުކުރު އަދާކޮށްފައި ވެއެވެ. މީގެ އިތުރުންވެސް މިހިސާބައް ވާސިލްވާން އެކި ގޮތް ގޮތުން އެހީތެރިވި މީހުންނާއި އެދުރުންނަށް ޝުކުރު އަދާކުރިއެވެ.

ރާއްޖޭގައި ކީރިތި ޤްރުއާން ހިތުދަސް ކުރަމުން އަންނަ ހާފިޒުންނާއި ހާފިޒާއިން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާއިރު، މި މަތިވަރި އަޅުކަމުގައި ތުއްތު އުމުރުގެ ކުދިން ކުރިއަރަމުން އައުމަކީ ގައުމަށް އުފާވެރި ކަން ލިއްބައިދޭ ކަމެކެވެ. އަދި މި ރޮނގުން ކުރިއަށް ދާން ބޭނުންވާ އެންމެހާ ފަރާތްތަކުން ޝާޔާ ފަދަ ނުގުޑާ އަޒުމަކާއި ހިއްވަރެއް ގެންގުޅުމަކީ މިފަދަ ބޮޑު ކާމިޔާބީ އެއް ހާސިލް ކުރަމަށް އެޅިގެންދާނެ ބިންގަލަކަށް ވާނެއެވެ.