ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި ސައުދީގެ އެންމެ މޮޅު ދެ ޓީމު ކަމަށްވާ އަލް ހިލާލް އަދި އަލް ނަސްރުގެ ކުޅުންތެރިން ހިމެނޭހެން ހޮވާލި ޓީމާ ދެމެދު ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
ޕީއެސްޖީގެ ލައިނަލް މެސީ އަދި އަލް ނަސްރަށް އަލަށް ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމުގެ ގޮތުގައި ސިފަ ކުރި މިމެޗު ޕީއެސްޖީ ކާމިޔާބު ކުރީ 4-5 އިންނެވެ.
ވާދަ ވެރި ކުޅުމެއް ފެނިގެން ދިޔަ ފޯރިގަދަ މިމެޗުގެ 3 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެސީއެވެ. އެހެން ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ސައުދީގެ އޯލްސްޓާ ޓީމުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯއެވެ.
ނަން މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެން ދިޔަ މިމެޗުގެ 39 ވަނަ މިނެޓްގައި ޕީއެސްޖީގެ ހުއާން ބެނާޓްއަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ނަމަވެސް ދެން ވެސް ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު މާކީނޯސްއެވެ. ލީޑު ފުޅާ ކުރާނެ ފުރުސަތެއް ޕީއެސްޖީއަށް ލިބުނު އިރު މެޗުގެ 48 ވަނަ މިނެޓްގައި ނޭމާ ޖެހި ޕެނަލްޓީ ގޯލަށް ނުވަދެއެވެ.
އެއަށް ފަހުން ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ލަނޑެއް ޖަހާ ސައުދީގެ އޯލްސްޓާ ޓީމުން މެޗުގެ ސްކޯ 2-2 އަށް ހެދިއެވެ. މިލަނޑު ވެސް ޖަހާ ދިނީ ރޮނާލްޑޯއެވެ.
ދެވަނަ ހާފްގައި ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 53 ވަނަ މިނެޓްގައި ޕީއެސްޖީން އަނެއްކާވެސް ލީޑު ނެގިއެވެ. މިލަނޑު ކާމިޔާބުކޮށްދިޏި ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއެވެ. އޭނގެ 4 މިނެޓް ފަހުން ސައުދީގެ ޓީމުން ސްކޯ ހަމަހަމަ ކުރި އިރު މިލަނޑު އެޓީމަށް ޖަހާ ދިނީ ޖޭންގއެވެ.
މިމމެޗުގައި ދިން ތިން ވަނަ ޕެނަލްޓީން މެޗުގެ 60 ވަނަ މިނެޓްގައި ޕީސްޖީގެ ކިިލިއަން މަމްބާޕޭ ހަތަރު ވަނަ ފަހަރަށް ޕީއެސްޖީއަށް ލީޑު ނަގާ ދިނެވެ. އަދި މެޗުގެ 78 ވަނަ މިނެޓްގައި އެޓީމުގެ ހިއުގޯ އެކިޓެކޭ ޖަހާ ދިން ލަނޑާއެކު 5-3 އަކަށް ސްކޯވިއެވެ.
އެހެން ނަމަވެސް މެޗުގެ 94 ވަނަ މިނެޓްގައި ސައުދީ އޯލްސްޓާގެ ޓަލީޝާ ޖަހާ ދިން ލަނޑާއެކު ސްކޯގެ ފަރަގު ކުޑަވިއެވެ. މި ފޯރިގަދަ މެޗު ނިމުނީ 5-4ގެ ސްކޯލައިނަކުންނެވެ.