މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުއުނީ މަޖިލީހަށް ހުށަހެޅި ބިލެކެވެ.
މި ގާނޫނުގެ 136 ވަނަ މާއްދާގައިވަނީ ނޫސްވެރިން ލިޔާ ލިޔުންތަކުގައި މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން އެމީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
މަސްދަރު ހާމަކުރާ މާއްދާ އުނިކޮށްދިނުމަށް 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ހެއްކާ ބެހޭ ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހްތިޖާޖުކުަރަމުން ދަނިކޮށެވެ.
ހެއްކާ ބެހޭ ގާނޫނުގައިވާ ކަންތައްތަކާ މެދު ނޫސްވެރިން ކަންބޮޑުވުންފާޅުކޮށްފައިވާއިރު އެ ގާނޫނަށް ބަދަލު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ރައީސް އޮފީހަށް އިސްލާހެއްވެސް ހުށަހަޅާފައެވެ. މި ގޮތުން ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރަން އޭޖީއިން ވަނީ ހުށަހަޅާފައެވެ.