ކުޅުދުއްފުށި ސިޓީގެ ކުނި ކޮށި ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަށައިފިއެވެ.

އެންވަރަމެންޓް މިނިސްޓްރީ އިން ލަފާކުރާ ގޮތުގައި އެކި ބާވަތުގެ 100،000 ޓަނަށް ވުރެ ގިނަ ކުނި، މި ކުނި ކޮށީގައި ހިމެނެއެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މިކުނިކޮށި ސާފު ނުކުރުވެމުގެ ސަބަބުން ކުރިމަތިވާ އާންމު ސިއްހީ މައްސަލަތަކުން ރައްކާތެރިވާން އެ ސިޓީގެ ރައްޔިތުންނަށް ޖެހިފައިވާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުޅަނގު ދެކުނު ދާއިރާގެ މެންބަރު ރިލްވާން މުހައްމަދު ވިދާޅުވީ ކޮންމެ ހަފްތާއަކު އެއްފަހަރު ކުނިކޮށީގެ މައްްސަލަ ހައްލުކޮށް ދެއްވުން އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާ ކަމަށެވެ.

ރިލްވާން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ކުނިކޮށި ސާފުކުރަން ފަށައި، ކޮންމެ ދުވަހަކު 2 ބާޖުގެ ކުނި ކުނބުރުދުއަށް ގެންދާ ކަމަށާއި އެއީ 400 ޓަނުގެ ކުނި ކަމުގައެވެ. މި މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ނަމަ ދެތިންމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިމިގެންދާނެ ކަމަށް ވެސް ރިލްވާން ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގެ ވަށާ ފާރު ނިމިފައިވާ އިރު އެކަމަށް 4 މިލިއަން ރުފިޔާއާ ގާތް ކުރާ މިންވަރަށް ފައިސާ ހަރަދު ވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ކުނިކޮށީގެ މަސައްކަތަކީ ކުޅުދުއްފުށި ސިޓީއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ހިންގާ ހާއްސަ މަސައްކަތެކެވެ. 2021 ވަނަ އަހަރުން ފެށިގެން މި ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އިން ވަނީ ވެމްކޯއަށް ހަވާލު ކޮށްފައެވެ.