ޔޫއޭއީގެ ބަޖެޓު އެއާލައިން، ފްލައި ދުބާއީން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަން ނިންމާފައިވާ ދަތުރުތައް ފަސްކޮށްފިއެވެ.

މީގެކުރިން، ފްލައި ދުބާއީން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ މި އަހަރު ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ހަފުތާގެ ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވަން ނިންމާ ފްލައި ދުބާއީން އައްޑޫ އަށް ކުރާ ދަތުރުތަކުގެ އަގުތައްވެސް މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ.

އެހެންނަމަވެސް ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އިނާ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އެއާލައިނުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމާފައިވާ ދަތުރުތައް، މިހާރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ތާރީހު ފަސްކުރުމަށް ނިންމީ އެ ދަތުރުތައް މާކެޓްކުރަން އިތުރު ވަގުތު ބޭނުންވާތީ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފްލައި ދުބާއީން އައްޑޫ އަށް ކުރާ ދަތުރުތަކަށް މާކެޓް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލަމުން އެ ބަޔާނުގައި ބުނީ ދުނިޔޭގެ 8 މަންޒިލެއްގައި އޮންނަ ޓްރެވަލް އެކްސްޕޯތަކެއްގައި ބައިވެރިވެ، ރާއްޖެއަށް އެ އެއާލައިނުން ކުރާ ދަތުރުތައް އިޝްތިހާރު ކުރުމަށް ނިންމާފައި ވާކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައި ވަނީ 2013 ވަނަ އަހަރުއެވެ. އައްޑޫ އަށް ފްލައި ދުބާއިން ކުރަން ނިންމާފައިވާ ދަތުރުތައް ފެށުމުން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 28 އަށް އިތުރުވެގެން ދާނެއެވެ.