އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ދިޔައީ އެމްޑީޕީ ހަރުގެ ތެރެއިން ޤުރުއާނުގެ އަޑުވެސް ކަޑުވާލުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި، ރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާ ކުރިއަށް ދިޔަ ވަގުތު އެމްޑީޕީ ހަރުގެ ސަރަހައްދާއި ދާދި ކައިރީގައި އޮތް އާޓިފިޝަލް ބީޗުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވެސް ވަނީ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތައް އިޝާރަތްކުރަށްވާ މާރިޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ މެމްބަރުންގެ އަޑުކަޑުވާލުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި އެމްޑީޕީ ހަރުގެ ތެރެއިން ޤުރުއާނުގެ އަޑުކަޑުވާލުމަށް ވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައި ވާކަމަށާއި އެކަން އެމީހުން ކޮށްފައި ވަނީ ޤުރުއާން ކިޔަވާ މީހެއްގެ ސަބަބުން ނުވަތަ ޤުރުއާނުގެ އަޑުއިވުމުންވެސް ހަޖަމުނުވާތީ ކަމަށް ވިދާޅުވެ މާރިޔާ ވަނީ އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސާލިހްގެ ތަރުޖަމާނު މާރިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައިވެސް، ރައްޔިތުންގެ އަޑުއިއްވަން ނުކުތުމުން މައިކުތައް ކަނޑާލުމުން މެގަ ފޯނުތައް ހިފައިގެން ވާހަަކަދެއްކެވި ހަނދާންވެސް އެބަހުރި ކަމަށެވެ. "2018 ގައި އަޅުގަނޑުމެން ނުކުތް އިރު އަޅުގަނޑުމެން ތިބި ބިރުވެރިކަން މިއަދު ތިބޭފުޅުން ހިތަށް އަންނާނެ. މިއަދު މިތާ ހަރުގެ ދޮށުގައި ހިނގަމުން މިދަނީ އެ ބިރުވެރިކަން، އެމީހުން ރައްޔިތުންގެ އަޑުކަޑުވާލުމަށް މަސައްކަތް ކުރި ވަރު" މާރިޔާ ވިދާޅުވިއެވެ.

އިތުރަށް މާރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އެމްޑީޕީ ހަރުގެ ތެރޭގައި ބޮނޑިބަތްކޮޅެއް ކާލަން އުޅުނަސް، ފުލުހުން ނެރެގެން އެކަން ހުއްޓުވާކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނުސީދާކޮށް ބަހުގެ ހަމަލާ ދެއްވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ހީވެފައި އޮތީ ވެރިކަން ކުރަންޖެހޭނީ ވަކި ބައެއް ކަމަށެވެ. "އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ރާއްޖެއަށް ޑިމޮކްރަސީ އައިސްފައި ވާކަމަށް ހިތަށް އަރުވާ އެތެރޭގަ ކޯޅިގަންނަން ވީއޭ. ތިމަންނަމެން ނޫން އެހެން ބަޔަކު މި ޕާޓީގަ ހުރެގެން ނުވާނޭ. ވެރިކަން ކުރަންޖެހޭނީ ވެސް ވަކި ބަޔެކޭ." މާރިޔާ ވިދާޅުވިއެވެ.

މީގެ ކުރިން މާރިޔާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް ނަޝީދު އާއި ރައީސް ސޯލިހާ ވާދަކުރައްވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންނުވާ ކަމަށެވެ