ވީޑިއޯ ގޭމް ކުޅުމާއި ނެޓްފްލިކްސް އިން ތަފާތު ޝޯތައް ބެލުމަކީ މިހާރު ރާއްޖޭގައިވެސް އެންމެ ވައިގައި ހިފައިފައިވާ ދެކަންތަކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ދެޖިންސުގެ ކުޑަކުދިން، ފުރާވަރުގެ ކުދިން، ޒުވާނުން އަދި އުމުރުން ދޮށީ މީހުންވެސް ނިކަން ގަޔާވާ ކަމަކަށް މިކަން ވަނީ ވެފައެވެ.

ޒަމާނުއްސުރެ ދެޖިންސުގެ މީހުން މުނިފޫހި ފިލުވުމުގެ ގޮތުން ތަފާތު ވީޑިއޯ ގޭމުތައް ކުޅެއުޅެއެވެ. އޭގެތެރޭގައި އެވަގުތަކު އަލަށް ތައާރަފު ކުރާ އާ ގޭމްތައްވެސް ހިމެނެއެވެ. އެކި އުމުރުފުރާ ތަކަށް ހާއްސަކޮށްގެން ނެރެވޭ ގޭމުތަކާއި އާންމުކޮށް އެންމެންނަށް ވެސް ކުޅެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ގޭމުތަކެވެ.

ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ވާނެއޭ ބުނާ އުސޫލުން ވީޑިއޯ ގޭމަކީވެސް ވަކި ވަރަކަށް އެކަމަށް ވަގުތު ހޭދަކޮށްގެން ކުޅޭ އެއްޗަކަށް ހަދައިފި ނަމަ އޭގައި އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް މައްސަލައަކަށް ވަނީ އެކަމުގައި ތިމާމެންގެ އަގުހުރި ވަގުތު ބޭކާރު ކޮށްލުމެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުން އެތަކެއް އަގުހުރި ވަގުތުތަކެއް ބޭކާރުވެ ގެއްލިގެން ދެއެވެ.

އެކި އެކި ވީޑިއޯ ގޭމުތަކުގެ ސަބަބުން ކުދިންގެ ސިކުނޑިއަށާއި އަދި ހެދިބޮޑުވުމަށް ކުރާ އަސަރު ތަފާތެވެ. ކުދިންގެ އުމުރާއި ގުޅޭ ގޮތަށް އުފައްދާފައި ހުންނަ އަދި ކުދިންގެ ސިކުނޑި ތަރައްގީ ކޮށްދޭ އަދި ވިސްނުން ތޫނު ކޮށްދޭ ގޭމްތައް ހުންނަ އިރު ކޮންމެ ގޭމަކީ ކުއްޖާއަށް އެއިން ނޭދެވޭ އަސަރު ކުރާނޭ އެއްޗެއް ނޫނެވެ. ނަމަވެސް އަނެއްބައި ގޭމުތަކަކީ ކުދިންގެ އުޅުމަށާއި ގުޅުމަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާ ބިރުވެރި އަދި އަނިޔާވެރި އަމަލުތައް ސިފަވާގޮތަށް ފަރުމާ ކޮށްފައި ހުންނަ ގޭމުތަކެވެ.

ވީޑިއޯގޭމެއްގެ މަންޒަރުތަކެއް

ދިރާސާތަކުން ދައްކާގޮތުން އާންމު ކޮށް ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުއްޖަކު ކުއްލިއަކަށް ވަޔަލަންޓް ވެ ނުވަތަ އަނިޔާވެރި އަމަލު ނުހިންގިޔަސް ގިނަ ގިނައިން މިފަދަ މަންޒަރުތައް ފެންނަ ނުވަތަ މިފަދަ ގޭމުތައް ކުޅޭ ކުދިންގެ ފަރާތުން އަނިޔާވެރިކަން އެކުއްޖާގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަންތައް އާންމުކޮށް ދިމާވަނީ އަނިޔާވެރި ކަމާއި އިޖުތިމާއީ ގޮތުން ނުބައި ސުލޫކުތަކާއި ފިކުރުތައް ހިމެނޭ ގޭމުތަކުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ރާއްޖޭގައި އާންމުކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނޭ ގޮތުން ކުޅޭ އެންމެ އާންމު ގޭމުތަކުގެ ތެރޭގައި ޕަބްޖީ، ކޯލް އޮފް ޑިއުޓީ، މޯޓަލް ކޮމްބެޓް، އަދި ޑެޑް ސްޕޭސް ފަދަ ގޭމުތައް ހިމެނެއެވެ. މިގޭމުތަކުގައި އަނިޔާވެރިކަން އަދި މީހުން މެރުން ފަދަ ކަންތައް ހިމެނޭއިރު މިފަދަ ގޭމުތަކަށް ދެވިހިފާ ނުވަތަ މާގިނައިން ކުޅޭ ކުދިންގެ ފަރާތުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި، އަނިޔާވެރި އަމަލު ހިންގުމާއި އެފަދަ ކަންތައްތަކަށް ހިއްވަރު ދިނުމާއި، މުޖްތަމައު އަދި އާއިލާއާއި އެކަހެރިވުމާއި ގިނަވަގުތު އެކަނި ހޭދަކުރަން ބޭނުންވުމުގެ އިތުރުން ބަހުރުވަ އާއި އަމަލުތައް ބަދަލުވުން ހިމެނެއެވެ.

މީގެ އިތުރުން ކިޔެވުމަށް އާދަޔާހިލާފަށް ފަރުވާކުޑަ ކުރުމަކީވެސް މިފަދަ ކުދިންގެ ފަރާތުން ފެންނަ ކަންބޮޑުވާންޖެހޭ ކަމެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުން ވީޑިއޯ ގޭމު ކުޅެން ގިނަ އިރު ހޭދަކުރާ ކުދިން، އެހެން ކުދިންނާ އަޅާ ބަލާއިރު ކިޔެވުމުގައިވެސް ފަރުވާކުޑައެވެ. އަދި ލިބޭ މާކްސްތައް ވަރަށް ބޮޑުތަނުން ދަށެވެ. އަދި މައިންބަފައިންނާއި މުދައްރިސުންނާ ދޭތެރޭ މުއާމަލާތު ކުރާ ގޮތާއި ބަހުރުވަ ވެސް ތަފާތެވެ. މީގެ އިތުރުން ކުލާސްތެރޭގައި އުޅޭ އުޅުމުގައިއާއި މުޖުތަމައުގައި އުޅޭ އުޅުމުގައި މިޒާޖާއި އަހުލާގުވެސް އެހެން ކުދިންނާ ތަފާތުކަމަށް ދައްކައެވެ.

ކުޅޭ އެއްޗެހިން ތަކެތިހަދަން ކުޑަކުއްޖަކަށް ދަސްކޮށްދެނީ

ބައެއް ގޭމުތަކުން ކުދިންނަށް ފައިދާކުރޭ!

ގިނަ ވީޑިއޯ ގޭމުތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުއްޓަސް ބައެއް ގޭމުތަކަކީ ކުދިންގެ ސިކުނޑިއާއި ހުނަރުތައް ތަރައްގީ ކުރުމަށް ވަރަށް މުހިއްމު ދައުރެއްވެސް އަދާކުރާ އެއްޗެކެވެ. އޭގެ ތެރޭގައި، މައްސަލަތައް ހައްލުކޮށް ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްވުމާއި، ދުނިޔޭގެ ތާރީހާއި ސަގާފަތަށް އަހުލުވެރިވުމާއި، ވާދަވެރި މާހައުލެއްގައި ކުދިން ތަރައްގީކުރާ ހުނަރުތައް ދައްކާލެވުމުގެ ފުރުސަތު ތަނަވަސްވުމާއި އަދި ކަންކަމުގައި އިސްނެގުމުގެ ހުނަރު ދަސްވުން ހިމެނެއެވެ. އެފަދަ ގިނަ ގޭމްތަކަކީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ މެދުގައި މާ މަގުބޫލު ގޭމްތައް ކަމުގައި ނުވުވިޔަސް މައިންބަފއިންގެ ބެލުމުގެ ދަށުން އެފަދަ ގޭމްތަކަށް ހިތްވަރު ދިނުމަކީ ގޯހެއް ނޫނެވެ.

ނެޓްފްލިކްސް ސަބްސްކްރައިބާއެއް ނޫނިއްޔާ އެއީ "ވައި" މީހެއް!

ދިވެހިރާއްޖޭގެ އިންޓަނެޓު ލިބޭ ހުރިހާ ހިސާބެއްގައި ވެސް ނެޓްފްލިކްސް ބޭނުންކުރާ މީހުން އުޅޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދިވެހިންގެ ތެރޭގައި މި ޕްލެޓްފޯމު އެހާވެސް މަގުބޫލެވެ. ނެޓްފްލިކްސްއަށް އެންމެ ފަހުން އަޕްލޯޑު ކުރާ ފިލްމު ނުވަތަ ސީރީޒް އެންމެ ކުރީބައިގައި ބަލާލަން ކޮންމެ މީހަކުވެސް ބޭނުންވެއެވެ.

ނެޓްފްލިކްސް ޝޯތަކަކީވެސް އެއިން ކުރާ ރަނގަޅު އަސަރަށް ވުރެ ނޭދެވޭ އަސަރު ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަށް ވެސް ކުރާ އެއްޗެކެވެ. އެމީހަކު ބަލާހިތްވާ ސީރީސް ބެލުމުގައި އެތައް ގަޑި އިރެއް ހޭދަކޮށް ރޭގަނޑުގެ އަރާމު ނިދި ނަގާލާ މީހުންވެސް މަދެއް ނޫނެވެ. މިގޮތަށް ދައްކާ ގިނަ ފިލްމު އަދި ސީރީސްތަކަކީ ދިވެހިރާއްޖެ ކަހަލަ މުސްލިމް މުޖްތަމައުއަކަށް އެއްގޮތަކަށްވެސް ކަމުދާ ކަހަލަ އެއްޗެއް ނޫންކަމަށް ފާހަގަ ކުރެވެއެވެ.

މިގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރުތަކާއި، މަސްތުވާތަކެތި ބޭނުންކުރާ މަންޒަރުތަކުގެ އިތުރުން ޖިންސީ އަމަލުތަކާއި، ބަރަހަނާ އަދި އަނިޔާވެރި އެތައް މަންޒަރުތަކެއް މިފަދަ ޝޯތަކުން ދައްކުވައިދެއެވެ. މީގެއިތުރުން ބައެއް ފަހަރަށް މަސްތުވާތަކެއްޗާ ބެހޭ ތަފުސީލު (ނަންތަކާއި، ބޭނުންކުރާ ގޮތާއި) މިފަދަ ސީރީސްތަކުގައި މަދުން ނަމަވެސް ގެނެސްދެއެވެ. އަދި މިއީ ވަރަށް "ކޫލް" ކަމެއް ކަމުގައި ދައްކުވައި ޅަ ސިކުނޑިތައް ފަސާދަކުރުމަށް އެތަކެއް މަސައްކަތެއް ކުރެއެވެ. މިގޮތަށް މިފަދަ މަންޒަރުތައް ގިނަގިނައިން ފެނުމުގެ ސަބަބުން ކުދިން މިކަމަށް ހިތްޖެހި މިކަންތައް ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައި މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރިކަމަށް ދިރާސާތަކުން ދައްކައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ އެއް ކަމުގައިވާ ސްކްރީންބިންޖް އިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ފިލްމު ދައްކާ މަޝްހޫރު ޗެނަލްތައް ކަމުގައިވާ އެންބީސީ، އޭބީސީ، އަދި ސީބީއެސް ފަދަ ޗެނަލްތަކަށް ވުރެ ނެޓްފްލިކްސްގެ ޝޯތަކުން ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރުތައް ދައްކާލެއް 3 ގުނަ އިތުރެވެ.

ރާއްޖޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި ނެޓްފްލިކްސް ސީރީސްއެއް ކަމުގައިވާ ސްޓްރޭންޖާ ތިންގްސްގައި ދުންފަތުގެ އިސްތިއުމާލު ކުރާ 182 ސީން ދައްކައެވެ.

ދުންފަތާ ހަމައިން އަދި ނިމުނީކީ ނޫނެވެ. މިކަހަލަ ގިނަ ޝޯތަކުގައި ދައްކާ ބަރަހަނާ އަދި ޖިންސީ މަންޒަރުތަކަކީ އެއެއްޗެހި ބެލުމުގެ ސަބަބުން ކުދިން އަދި ބޮޑެތި މީހުންގެ ސިކުނޑިއަށް ވެސް ނޭދެވޭ އަސަރުކުރާ އެއްޗެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ސިކުނޑިއަށް އެއަންނަ ކަހަލަ ބަދަލު ބަރަހަނާ މަންޒަރު އާންމުކޮށް ބަލާ މީހުންގެ ސިކުނޑިއަށްވެސް އާދެއެވެ. މަސްތުވާތަކެއްޗަށް ދެވިހިފާ ބީދައިން މިކަހަލަ މަންޒަރުތައް ބެލުމަށް މީހާ ދެވިހިފަނީ މިސަބަބުތަކާއި ހުރެއެވެ. ބަރަހަނާ މަންޒަރުތައް ހިމެނޭ ފިލްމުތައް ބެލުމަކީ މީހާ އެކަމަށް ދެވިހިފާ ކަމެއް ކަމުގައި ވާއިރު ދީނީ ގޮތުން ބެލިޔަސް މިއީ ބޮޑުވެގެންވާ ފާފައެކެވެ. އަދި މިފަދަ މީހުންގެ ޒަވާޖީ ހަޔާތުގައިވެސް ގިނަ މައްސަލަތައް ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު---

ދިވެހިރާއްޖޭގައި މިފަދަ ކަންތައް މިހާ ނުރައްކާތެރި ދަރަޖައަކަށް އާންމުވެފައި ވީހިނދު މިކަމުގައި ކަމާ ބެހޭ އެއްވެސް އިދާރާއަކުން އެކަށޭނެ ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. ކުދިންގެ އުމުރާ ނުގުޅޭ މަންޒަރުތަކާއި އަޑުތައް ހުންނަ ވީޑިއޯ ފަދަ ތަކެތި ފިލްޓާ ކުރުން ނުވަތަ ސެންސަރު ނުކުރެވޭ ތަނުގައި ބޭނުން ކޮންމެ މީހަކަށް ވެސް ވަދެވޭ ގޮތަށް މިހުންނަ ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުންވެސް މުހިއްމު ކަމެއް ކަމުގައި ނުދެކެއެވެ. އަދި އެއީ ރާއްޖޭގެ އިންޓަނެޓް ޕްރޮވައިޑަރުންގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާ ކަމުގައިވެސް ދައްކައެވެ.

މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީ އިން ހާމަކުރާގޮތުން އިންޓަނެޓް ވެބްސައިޓް ތަކުގައި ހިމެނޭ ކޮންޓެންޓް ރެގިއުލޭޓް ކުރުމަކީ އެ އޮތޯރިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެހެންކަމުން، އެ އޮތޯރިޓީއިން އަމިއްލައަށް ވެބްސައިޓް ބްލޮކް ކުރުމުގެ މަސައްކަތެއް ނުކުރާ ކަމަށާއި، ނަމަވެސް، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ވަކި ވެބްސައިޓެއް ބްލޮކް ކުރުމަށް އަންގަވައިފި ނަމަ، އިންޓަނެޓް ސަރވިސް ޕްރަވައިޑަރުން މެދުވެރިކޮށް އެ ވެބްސައިޓެއް ބްލޮކް ކުރާ ކަމަށް ބުނެއެވެ.

ސާވިސް ޕްރޮވައިޑަރުންނާއި ކޭމް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ހިދުމަތްދޭ ދެކުންފުނި ކަމުގައިވާ ދިރާގާއި އުރީދޫ އަށް ވެސް މިމައްސަލައިގައި އާންމުންގެ ގިނަ ފާޑުކިޔުންތައް ރައްދުވެއެވެ. ނަމަވެސް އެފަރާތްތަކުން ވެސް މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާތަން ނުފެންނަ އިރު ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ވެބްސައިޓުތަކުގެ ރޭންކިން އަށް ބަލާ އިރުވެސް ފެންނަނީ ބަރަހަނާ މަންޒަރުތައް ދައްކާ ވެބްސައިޓުތައް 1 ވަނައިގައި ލީޑްކުރާތަނެވެ. އޭގެ މާނައަކީ ގިނަ ބަޔަކު އެފަދަ ސައިޓްތަކަށް ވަންނަ ކަމާއި އެފަދަ ސައިޓްތަކުގައި ހުންނަ ވީޑިއޯތައް ސްޓްރީމް ކުރާ ކޮންމެ ފަހަރަކު ސާވިސް ޕްރޮވައިޑަރުންނަށް ބޮޑުތަނުން ފައިދާ ވުމެވެ. އެހެނީ ސްޓްރީމް ކުރާ ކޮންމެ ފަހަރަކު އާންމުން ބޭނުން ކުރަނީ އިންޓަނެޓްގެ ޕެކޭޖްތައް ކަމަށް ވާއިރު އެ ކޮންމެ ފަހަރަކީ އެ ބޭނުންކުރާ މީހަގެ ފޯނުން ނުވަތަ ގޭގައި ހުންނަ ވަޔާލެސްގައި ހުންނަ ޑާޓާ އެލަވަންސުން ކެނޑެމުން ކެނޑެމުން ދާ ފަހަރަކަށް ވުމެވެ.

ރާއްޖެއާ ހިލާފަށް ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕޯން ސައިޓްތަކާއި ވަޔަލަންޓް އަދި ސަގާފަތާ ނުގުޅޭ މްނަޒަރު ފެންނަ ކޮންޓެންޓް ނުބެލެއެވެ. އެތަކެތި ފިލްޓާކޮށް ބްލޮކްކޮށް ހަދާފައި ހުންނަނީ އާންމުކޮށް އެތަކެތި ދޫކޮށްފައި ބެހެއްޓުމުން ނުކުންނަ ނުރަނގަޅު ނަތީޖާތަކާ ހުރެއެވެ.

ރާއްޖޭގައި އެގޮތަށްވެސް އެކަން ނުކުރާން އުޅޭ ސަބަބަކީ ސާވިސް ޕްރޮވައިޑަރުންގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކުރާތީތޯ ނުވަތަ އިޖުތިމާއީ ފޭރާން ހެޔޮގޮތުގައި އޮތުމަށް ނޭދޭތީތޯ ސުވާލު އުފެދެއެވެ.