އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވެއްޖެ ނަމަ 20 ޕަސެންޓް ވޯޓުވެސް ނުލިބޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ މިހާރު މާލޭގެ ސަލްޓަންޕާކުގައި ކުރިއަށް ދާ "އަންނި 2023" ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ނުކުމެވަޑައިގަތުމަށް އެއްގޮތަކަށް ވެސް ތާއީދު ނުކުރައްވާ މޭރުމަކުން ވާހަކަ ދައްކަވަމުން، ރައީސް ސޯލިހަށް ވޯޓެއް ލިޔަސް ލާނީ، މިވަގުތު ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ކަމަށާއި އެ މީސްމީހުންގެ އާއިލާތަކާއި އަނބިދަރީން ވެސް ސޯލިހަށް ވޯޓު ނުލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށް ވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް 20 ޕަސެންޓް ވޯޓުވެސް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ނުކުމެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށާއި 2018 އަކީ، ހަވާލު ކުރި ޓިކެޓެއް ކަމަށެވެ. އެހެން ކަމުން އަލަށް އިންތިހާބަކަށް ނުކުމެވަޑައިގަންނަ ވާ އިރު އެމަނިކުފާނަށް ތާއީދެއް ނެތް ކަމަށާއި އެމްޑީޕީގެ ވެރިކަމެއް ގާއިމު ކޮށް އެމްޑީޕީ އަނބުރާ އެމްޑީޕީގެ މެންބަރުންނަށް ހޯދައިދޭން އެ ޕާޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވަމުން ނަޝީދު ވިދާޅުވީ، ދަރަނި ދައްކަންވެސް ނަގަނީ ދަރަނި ކަމަށާއި، އެހެން ނުހަދާން ކޮންމެ ހަފްތާއަކު ރައީސް ސޯލިހުގެ އަރިހުގައި "ދަރަނި ދަރަނި ދަރަނި" ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކަންވެސް މެނޭޖް ކުރައްވަން ސޯލިހަަށް އެނގިވަޑައި ނުގަންނަވާކަން ދޭހަވާ މޭރުމަކުން ވާހަކަ ކުރިއަށް ގެންދަވާ ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަން ކާމިޔާބު ކުރައްވާ، ރާއްޖޭގެ ވެރިކަން ހޯއްދެވުމަށް ފަހު ޓެކްސް ވެސް ކުޑަކުރައްވާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކާއެކު ނަޝީދު ބޭއްވެވި ބައްދަލުވުމުގައި، ނަޝީދު މީގެ ކުރިންވެސް ތުހުމަތު ކުރެއްވި އެމްޑީޕީގެ 39 ހާސް މެންބަރުންގެ ވާހަކަ ދެއްކެވިއެވެ. އެ 39 ހާސް މެންބަރުން ވަކި ކުރެއްވީ ރައީސް ސޯލިހު ކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ، އެ 39 ހާސް ވަކި ކުރީ އެމީހުންގެ ވޯޓު ނުލިބޭނެކަން ޔަގީންވެގެން ކަމަށެވެ.

ނަޝީދު ވަނީ މިސަރުކާރުން ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތައް ވެސް ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މިސަރުކާރުން ހެދި ކޮންޓްރެކްޓްތަކުން އެއްވެސް ކަމެއް ކޮށް ނުދެވުނު ކަމަށާއި، މާލެ ސަރަހައްދުން ދޭން ބުނި ގޯތިތައްވެސް އަދި ހުރީ ކަނޑު އަޑީގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި މަސްވެރިކަމަށް ވެސް ހަމަ އަގު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު މަސްވެރިންނަށް ގޮވާލެއްވީ، ނަޝީދު ދޫކޮށް ނުލެއްވުމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމަށް ވެސް ރައީސް ސޯލިހުގެ ރިއެކްޝަނެއް ނެތް ކަމަށާއި އައްޑޫ ސިޓީ އާއި ބޮޑެތި ރަށްތަކުގައި އާބާދީ ބޮޑެތި ނަމަވެސް އެ ސަރަހައްދުތަކަށް ތަރައްގީގެ ރަނގަޅު ވިސްނުމެއް ވެސް މިސަރުކާރަށް ނުނެރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާމުގެ ވާހަކަ ބަޔާންކޮށް 18 މަސްދުވަހުގެ ތެރޭގައި ވޯޓު ނަގަން މެނިފެސްޓޯގައި އޮތަސް އެއަށްވެސް ރައީސް ސޯލިހު ރިއެކްޓެއް ނުކުރެއްވި ކަމަށެވެ.

ނަޝީދު ވަނީ މިރޭ ސަރުކާރުގެ އެސްއޯސީތަކާއި އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކަށް މެސެޖެއް ދެއްވާފައެވެ. ނަޝީދު ވިދާޅުވީ، އެއިން އެއްވެސް މަގާމަކީ ސަރުކާރުން ރައީސް ސޯލިހު ދެއްވި މަގާމެއް ނޫން ކަމަށާއި އެއީ ރައީސް ނަޝީދު ހިމެނެހޭހެން އެމްޑީޕީން އުފެއްދި ވަޒީފާ ކަމަށެވެ.

ފަހު ވާހަކައަކަށް ވިދާޅުވީ، އެންމެން ބެލްޓް އަޅައިގެން ބާރަށް ކަމަރު ބަނދެ ނަޝީދާ ބައިވެރިވުމަށާއި އެމަނިކުފާނު މަސައްކަތް ހުއްޓާލާނީ އަންނަ އަހަރުގެ ނޮވެންބަރު 11 ގައި ހުވާ ކުރައްވާފައި ކަމަށެވެ.