އިންޑިއާގެ ބެންގަލޫރުގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން ދިޔަ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް ގެއްލުނުތާ 2 ހަފްތާވެފައި ވާ ކަމަށާއި އަދި ފެނިފައި ނުވާ ކަމަށް އާއިލާއިން ބުނެފިއެވެ.
"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން އާލިމްގެ ކޮއްކޮ، އަހުމަދު އާޒިމް ބުނީ އާލިމް އެންމެ ފަހުން ފެނުނީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ކަމަށާއި އެ ސެންޓަރުން އާއިލާ އަށް އެކަން އެންގީ ޖެހިގެން އައި ދުވަހު ކަމަށެވެ.
8 ވަނަ ދުވަހުގެ ހެނދުނު އެ ސެންޓަރުގެ ގޭޓު ހުޅުވާފައި ހުރި ވަގުތެއްގައި އާލިމް ނިކުމެގެން ދިޔަ ކަމަށާއި އެނބުރި ނާންނަ ކަމަށް އެ ސެންޓަރާ ހަވާލާދީ އާޒިމް ބުނެއެވެ.
ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސްޓް ރިހެބިލިޓޭޝަން ސެންޓަރުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އާލިމް ފަރުވާ ހޯދަމުން އަންނައިރު އާލިމް ގެއްލުނު ހަބަރު އާއިލާއަށް އެ ސެންޓަރުން އެންގުމާއެކު ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފާ ވާނެ ކަމަށް އާޒިމް ބުނެއެވެ.
އާޒިމް ބުނީ އެ ސިޓީއަށް ފަހު ފޮރިން މިނިސްޓްރީ އިން އެމްބަސީ މެދުވެރިކޮށް ބެންގަލޫރުގެ ފުލުހުން ވެސް އާލިމް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެތަނުގައި ތިބި އެހެން މީހުންގެ ފަރާތުން ވެސް އާލިމް ހޯދުމަށް އެމްބަސީ އިން ގުޅަމުންދާ ކަން އެނގިފައިވާ ކަމަށް އާޒިމް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް ސަފާތު އަހްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ ބްލޮސަމްސް ކޮންވެލެސެންޓް ކެއާ ޓްރަސްޓް ގައި ރިހެބިލިޓޭޝަން ފަރުވާ ހޯދަމުން އަންނަ އާލިމް މި މަހުގެ 8 ވަނަ ދުވަހު ގެއްލުނު ކަމަށް މި މަހުގެ 13 ވަނަ ދުވަހު އާލިމްގެ ކޮއްކޮ އާޒިމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އަދި އިންޑިއާ ޕޮލިހާއި ބެންގަލޫރު ޕޮލިސް އާ ގުޅިގެން މައްސަލަ ތަހުގީގުކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ސަފާތު ވިދާޅުވިއެވެ.
ސަފަތު އިތުރަށް ވިދާޅުވީ އެ މިނިސްޓްރީން ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި ބެންގަލޫރުގައި ހުންނަ މޯލްޑިވްސްގެ އޮނަރަރީ ކޮންސުލާ ގުޅިގެން މިކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.