އިންޑިއާގެ ސިޓީ އެއް ކަމަށްވާ ގުވައިލާގެ އަންހެނަކު ހަތަރު ފައި ހުރި ކުއްޖެއް ވިހައިފިއެވެ.
އާރްތީ ކުޝްވަހާ ނަމަކަށް ކިޔާ މި އަންހެން މީހާ ވިހެއީ މިދިޔަ ބުދަ ދުވަހު ކަމްލާ ރާޖާ ހޮސްޕިޓަލުގައެވެ. ކުއްޖާ ވިހޭއިރު ކުއްޖާގެ ގައިގައި 2.3 ކިލޯ ހުރި ކަމަށާއި ދަރިފުޅުގެ ހާލަތު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑރ. އާރްކޭއެސް ޑާކަދު އާއި ހަވާލާދީ އެޖެންސީ އޭއެންއައި އިން ބުނީ ވިހޭއިރު ކުއްޖާގެ ހަތަރު ފައި އިން ނަމަވެސް އޭގެ ތެރެއިން ދެފައި ހަރަކާތެއް ނުކުރާނެ ކަމަށެވެ.
ކުއްޖާ މިހާރު ހޮސްޕިޓަލުގެ ސްޕެޝަލް ނިއުބޯން ކެއާ ޔުނިޓުގައި އެޑްމިޓްކޮށްފައިވާއިރު ކުއްޖާގެ ހާލަތު ގާތުން އަންނަނީ މޮނީޓާކުރަމުންނެވެ. ކުއްޖާގެ ހާލަތު އިތުރަށް ބެލުމަށް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށްފަހު އެއްވެސް މައްސަލައެއް ނޫޅޭނަމަ އިތުރުވެފައި އިން ދެފައި ސާޖަރީކޮށް ނަގާނެ ކަމަށް ޑަކްޓަރު ވިދާޅުވިއެވެ.
"އޭރުން އެހެން ކުދިންނެކޭ އެއްފަދައިން އެ ކުއްޖާ އަށްވެސް ނޯމަލް ދިރިއުޅުމެއް އުޅެވޭނެ،"
މިފަދަ ކޭސްތައް އިންޑިއާގައި ފުދޭވަރަކަށް ގިނައިރު މިދިޔަ މާޗު މަހު މާދްޔާ ޕްރަދޭޝްއަށް އުފަން އަންހެން މީހަކު ވިހޭ ކުއްޖާގެ ދެ ބޮލާއި ތިން އަތް ހުއްޓެވެ. އެ ކޭހުގައި އިސްކޮށް ހަރަކާތްތެރިވި ޑަކްޓަރު ބްރަޖޭޝް ލަހޯޓީ ވިދާޅުވީ އެ ކުއްޖާ އަށް ބަނޑުބޮޑު އިރު ސޮނޮގްރާމު ރިޕޯޓް ދެއްކީ އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑު ކަމަށެވެ. މި ކޭހަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކޭހެއް ކަމަށާއި އެ ކުއްޖާ މާގިނަ ދުވަހު ދުނިިޔޭގައި ނޯންނާނެ ކަމަށްވެސް ޑަކްޓަރު ވިދާޅުވިއެވެ.