ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މަޝްހޫރު ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ، ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާފުށީގެ ހިތްގައިމު މާހައުލުގައެވެ. ބަތަލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާ ގޮތުގެ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން ޖާންވީ ބުނީ ރާއްޖެ އަކީ ޗުއްޓީ ހޭދަކުރަން އެންމެ ހިތްގައިމު އެއް މަންޒިލް ކަމަށާއި އޭނާ އަށް އެންމެ ކަމުދަނީ ރާއްޖޭގެ މޫދާއި ކަނޑު ކަމަށެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖާންވީ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ ޝިކާރް ޕާރިޔާ އާ އެކުގައެވެ. ޝިކާރުގެ އިންސްޓަގްރާމްގައި ރާއްޖޭގެ އެއްވެސް މަންޒަރެއް ޕޯސްޓު ނުކުރި ނަމަވެސް އޭނާގެ ސްޓޯރީގައި ވަނީ ރާއްޖެ ކަމަށް ބެލެވޭ މަންޒަރެއްގެ ފޮޓޯ އެއް ޕޯސްޓްކޮށްފައެވެ.

ބަތަލާ ޖާންވީ ކަޕޫރު އެންމެ ފަހުން ފެނިގެންދިޔައީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފެއްދި ފިލްމު "މިލީ" އިންނެވެ. މި ފިލްމުން ފެނިގެން ދިޔައީ ނަރުސްކަން ކިޔަވަމުން އަންނަ ޖާންވީ ކޮލެޖު ނިންމުމަށް ފަހު ވީނުވީ އެއް ނޭނގި ގެއްލޭތަނެވެ. ޑީޕް ފްރީޒަރެއް ތެރޭގައި ތާށިވުމުން އެއިން ނުކުންނަން ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމު ކުޅެެގެން ޖާންވީ އަށް ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމަށް ޖާންވީ ވަނީ ކުރިން ބުނެފައެވެ. އަދި ސައިކޭސްޓްރިކް އަކަށް ދެއްކުމަށްފަހު ތެރަޕީ ސެޝަންތައް ނެގުމަށްފަހު ޑިޕްރެޝަނަށް ބޭސްވެސް ކާންޖެހުނު ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ބަތަލާ ޖާންވީ ބޮލީވުޑަށް ތައާރަފްވީ ބޮލީވުޑްގެ ކުޅަދާނަ ތަރި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެކު ފިލްމު "ދަޅަކް" އިންނެވެ.