ފުލުހުންގެ ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، ފިލައިގެން އުޅޭ މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުންގެ ތަހްގީގަކަށް ހާޒިރުކުރަން ބޭނުންވި، ނަމަވެސް ހާޒިރުކުރެވިފައި ނުވާތީ ހޯދަން އިއުލާނުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ށ. ފުނަދޫ / ޑޭޒީމާ، އަހްމަދު އަޝްރަފެވެ.

އަޝްރަފް ހޯދަން އިއުލާނުކޮށް ފުލުހުން ބުނީ، އޭނާ އަކީ ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވެފައިވާ، ނަމަވެސް އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހްގީގަށް ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެގޮތުން، އަޝްރަފް އުޅޭ ތަނެއް ނޭނގުމުގެ ސަބަބުންނާއި އާއިލާ އަށް ވެސް އޭނާ އުޅޭ ވަކި ތަނެއް އެނގިފައިނުވުމުގެ ސަބަބުން، ތަހްގީގަށް ހާޒިރުވުމަށް އަޝްރަފަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އަޝްރަފް ހާޒިރުވާން އަންގާފއި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރަށެވެ.