ގޯތަމް އަދާނީ އަކީ މިހާރު ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގެ 3 ވަނަ އަދި އޭޝިޔާ ސަރަހައްދުގެ އެންމެ މުއްސަނދި މީހާއެވެ.
މަޝްހޫރު އަދި މުއްސަނދި އެހެން މީހުން ފަދައިން އަދާނީ އަށް ވެސް ވަނީ އޭނާގެ ދިރިއުޅުމުގައި އަދި ވިޔަފާރީގައިވެސް ވަރަށް ގިނަ ނުރައްކާތަކާ ކުރިމަތި ލާންވެސް ޖެހިފައެވެ. ނަމަވެސް އަދާނީ އަކީ މިކަހަލަ ވާހަކަ އެހާ ފާޅުކަން ބޮޑުގޮތެއްގައި ދައްކާ މީހެއް ނޫނެވެ. ނޫސްވެރިން ސުވާލުކުރުމުން އަދާނީ ބުނެފައި ވަނީ މިކަހަލަ ދެތިން ހިތާމަވެރި ހާދިސާއާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. މީގެތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ހާދިސާތަކުގެ ތެރޭގައި، 1998 ވަނަ އަހަރުގެ ޖެނުއަރީގައި އިންޑިއާގެ އަހުމަދުއާބާދުގައި އަދާނީ އަދި އޭނާގެ މުވައްޒަފަކަށް ބަޔަކު ބަޑިން ބިރުދައްކައި ރަހީނު ކުރި ހާދިސާ ހިމެނެއެވެ.
މީގެ އިތުރުން 2008 ވަނަ އަހަރު އިންޑިއާގެ ތާޖް ހޮޓަލުގައި ދިން ޓެރަރިސްޓު ހަމަލާ ދިން ވަގުތު އަދާނީ ވެސް އެ ހޮޓަލުގެ ރެސްޓޯރަންޓު ހޯލުގައި ރޭގަނޑުގެ ކެއުމަށްޓަކައި އިނެވެ. ހަތިޔާރު އެޅި ދިހަ ވަރަކަށް މީހުން އެތަނަށް ވަދެ ވަނީ ބަޑި ޖަހާ ގިނަ އަދަދެއްގެ ބަޔަކު މަރާލާފައެވެ. 60 ގަޑި އިރަށް ދިގު ދެމިގެން ދިޔަ މިހަމަލާތަކުގައި 166 މީހުން މަރުވި އިރު އެތައް ބަޔަކު ރަހީނުންގެ ގޮތުގައިވެސް ހިފެހެއްޓިއެވެ.
މިހަމަލާ އިން އަދާނީ ސަލާމަތްވެފައި ވަނީ ވަރަށް ހަނި ފުރުސަތަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ހޮޓަލުގެ ސްޓާފުން އޭނާ ރައްކާތެރި ތަނަކަށް ވެއްދުމަށް ފަހު އަނެއް ދުވަހު ހެނދުނު ސިފައިންގެ ފުރިހަމަ ސެކިއުރިޓީ އާ އެކު އެތަނުގެ ވަލު ދޮރާށިން ނެރެ ސަލާމަތް ކޮށްދިން ކަމަށް ހަމަލާއަށް ފަހު އަހުމަދުއާބާދަށް ގޮސް ނޫސްވެރިންނަށް ދިން އިންޓަވިއުގައި އަދާނީ ބުނެފައި ވެއެވެ.
ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އަދާނީގެ ނެޓްވޯތަކީ 135.8 ބިލިއަން އެމެރިކާ ޑޮލަރެވެ.
އަދާނީ މިހާރު ވަނީ އިންޑިއާގެ އެންމެ މަގުބޫލު ނިއުސް ޗެނެލް ކަމުގައިވާ އެންޑީޓީވީ ގަނެފައެވެ. މީގެ ކުރިން ވެސް އެންޑީޓީވީގައި އަދާނީ ގުރޫޕްގެ 29.18 ޕަސެންޓް ހިއްސާ އޮވެއެވެ. މިހާރު އެއީ މޭޖާ ޝެއާހޯލްޑަރެވެ.
ގޯތަމް އަދާނީ އެންޑީޓީވީ ގަތުމުން އެތަނުގައި މަސައްކަތްކުރާ ނޫސްވެރިން ހިތްހަމަނުޖެހި ތަޖުރިބާކާރު އެތައް ނޫސްވެރިންނެއް ކެނޑިއްޖެއެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެންޑީޓީވީ އަކީ އިންޑިއާގައި ހިންގާ ހަމަ އެކަނި މިނިވަން ނޫސް އެޖެންސީ އަށް ވުމާ އެކު ތަނުގެ މިނިވަން ކަމަށް މިބަދަލުގެ ސަބަބުން ހުރަސް އެޅޭނެއެވެ.
މިމައްސަލައިގައި ވާހަކަ ދެއްކުން ނޫސްވެރިންނަށް މަނާކޮށްފައި ވާ ކަމަށްވެސް ނަން ނުޖެހުމަށް ޝަރުތުކޮށް އެންޑީޓީވީގެ އިސް ނޫސްވެރިއަކު ވަނީ ރޮއިޓާސް އަށް މައުލޫމާތު ދީފައެވެ. އަދި ތަނުގެ ހުރިހާ މުވައްޒަފުންވެސް ތިބީ މިކަމުގައި ވަރަށް މާޔޫސްވެފައި ކަމުގައިވެސް ބުނެފައި ވެއެވެ.
ގޯތަމް އަދާނީގެ ކުރިއެރުމުގެ ފެށުން
އުމުރުން 16 އަހަރުގައި ކިޔެވުން މެދުކަނޑާލުމަށް ފަހު ޖަވާހިރާއި އެއާ ގުޅުން ހުރި މަސައްކަތް ކުރުމަށް އަދާނީ މުމްބާއީއަށް ބަދަލުވިއެވެ. ނަމަވެސް އެ ވިޔަފާރި ކުރި ނޭރުމުގެ ސަބަބުން ދެއަހަރު ފަހުން އަނެއްކާ އުފަން ރަށް ގުޖުރާތަށް ބަދަލުވެ އުޅުނީ ބޭބެއެއް ހިންގަމުން ދިޔަ ތަކެތި ބަންދުކުރާ ފެކްޓަރީއެއް ހިންގުމުގައެވެ.
ފޮތީގެ ވިޔަފާރިކުރާ މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ އަދާނީ އޭނާގެ އަމިއްލަ ވިޔަފާރި 1998 ވަނަ އަހަރު ފެށިފަހުން އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހެއެވެ. ދަތިތަކާ އެކުވެސް ދިޔައީ ކުރިއަށެވެ. އެގޮތުން ފާއިތުވި 24 އަހަރުގެ ތެރޭގައި އަދާނީ މިވަނީ ވިޔަފާރީގައި ދުނިޔޭގެ ފެންވަރުގެ މަހުޖަނަކަށް ވެފައެވެ. އަދާނީގެ ވިޔަފާރިތަކުގެ ތެރޭގައި ބަނދަރުތަކާއި، މައިންތަކާއި، ރެއިލްވޭ ސްޓޭޝަންތަކާއި، ކަރަންޓުގެ އެކި ވިޔަފާރި ތަކުގެ އިތުރުން ގެދޮރުވެރިކަމުގެ އެތަކެއް ޕްރޮޖެކްޓުތަކެއް ވެސް ހިމެނެއެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ގައުމަކަށް މި ވިޔަފާރިތައް ވަނީ ފުޅާކޮށްފައެވެ.
އިންޑިއާގެ އެކި ހިސާބުތަކުގައި ޖުމްލަ 13 ބަނދަރެއް އަދާނީ ގުރޫޕުން ހިންގައެވެ. މީގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑު ބަނދަރު ކަމުގައިވާ ހުޅަނގު މުންދްރާގައި އޮންނަ ބަނދަރު ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ އެންމެ ބޮޑު ސިމެންތި އުފައްދާ ފެކްޓަރީ ވެސް ހިންގަނީ އަދާނީ ގުރޫޕުންނެވެ. އިންޑިއާގައި 7 އެއާޕޯޓު ހިންގާ އަދާނީ ގުރޫޕުން އަންނަނީ ދިއްލީ އާއި މުމްބާއީ އާ ދޭތެރޭ އެކްސްޕެރެސް ވޭ އެއް ވެސް ހަދަމުންނެވެ.
މައިނިންގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަދާނީ ގްރޫޕަކީ އިންޑިއާގައި އެންމެ ގިނައިން ކޯލްއިން ކަރަންޓު އުފެއްދުމުގައިވެސް އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ. މީގެ އިތުރުން އިންޑޮނީޝިއާ އަދި އޮސްޓްރޭލިއާގައި ވެސް އަދާނީ ކޯލް (ބޯޓުދެލި) ގެ ވިޔަފާރި ވަނީ ފުޅާކޮށްފައެވެ.
އަދާނީގެ ކުންފުނިން އަންނަނީ ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ކޯލް މައިނިން ކާރުހާނާ އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ މެދުތެރޭގެ އަވަށެއްގައި ހަދަމުންނެވެ. ނަމަވެސް އޮސްޓްރޭލިއާގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން އަންނީ މިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މީގެ އިތުރުން ގޯތަމް އަދާނީގެ މައްޗަށް ވަނީ ރިޝްވަތުގެ ބޮޑެތި އެތައް ތުހުމަތުތަކެއް ކޮށްފައެވެ.
އޮސްޓްރޭލިއާގެ ވެބްސައިޓެއްގައި އަދާނީ އާ ބެހޭގޮތުން ލިޔެފައިވާ ރިޕޯޓަކަށް ބަލާއިރު، 2011 ވަނަ އަހަރު ބޯޓުދެލި ބަރުކޮށްގެން ދިޔަ އަދާނީ ގްރޫޕުގެ ބޮޑު ބޯޓެއް މުމްބާއީގެ އައްސޭރިފަށަށް ބަންޑުން ޖަހާލައި އޭގައި ހުރި ބޯޓުދެލިތައް އެހިސާބުގެ ކަނޑުގެ ސަރަހައްދަށް އެޅުނުތާ 5 އަހަރު ވީއިރުވެސް އަދާނީ ގްރޫޕުން އެހިސާބު ސާފުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.
އެގޮތުން ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް އެޅިފައިވާ އިރު، 60،054 މެޓްރިކް ޓަނުގެ ބޯޓުދެލިވެސް ކަނޑަށް އެޅުނެވެ. އަދި މިކަމުގެ ސަބަބުން އެ ހިސާބުގެ ގޮނޑުދޮށްތަކަށް އެތައް ގެއްލުމެއް ލިބި އަދި ކަނޑުގެ ދިރުންތަކަށް ވެސް އަސަރު ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
ކަނޑުގެ ދިރުމަށް ގެއްލުން ދިނުމުގެ ކުށުގައާއި އެޅުނު ކުނި ސާފު ނުކުރުމުގެ ކުށުގައި އަދާނީ އާއި އިތުރު ބަޔަކު ވަނީ 2016 ވަނަ އަހަރު 975،000 އޮސްޓްރޭލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.
އަދާނީގެ މައްޗަށް އެތައް ތުހުމަތު ތަކެއް
މީގެ އިތުރުން އަދާނީގެ ކުންފުނިތަކުގައި މުވައްޒަފުން ލައްވައި ކުޑަ މުސާރަ އަކަށް މަސައްކަތް ކުރުވުމާއި، އުޅެންޖެހޭ މާހައުލުގެ ސަބަބުން މައިނިން ފަދަ މަސައްކަތުގައި އުޅޭ ގިނަ މަސައްކަތްތެރިން މަރުވުމާއި، ބޮޑެތި އަނިޔާތައް ލިބޭ ކަމުގައިވެސް ރިޕޯޓު ކޮށްފައި ވެއެވެ. އެހެންކަމުން އޮސްޓްރޭލިއާގެ މަސައްކަތްތެރިން ގެންގުޅުމުގައި އަދާނީ އަށް އިތުބާރު ކުރެވެން ނެތް ކަމުގައިވެސް ވެބްސައިޓުގައި ހާމަކޮށްފައި ވެއެވެ. އިންޑިއާގައި ހިންގާ ކާރުހާނާތަކުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ ކަމުގެ ތުހުމަތުވެސް އަދާނީގެ މައްޗަށް ކުރެއެވެ. އަދި މިގޮތަށް އެތައް ގަޑި އިރަކު މަސައްކަތް ކުރުމުން އުޖޫރައިގެ ގޮތުގައި ދެނީ ދުވާލެއްގެ މައްޗަށް 4 ވަރަކަށް ޑޮލަރު ކަމަށްވެސް މައުލޫމާތު ދިން ބައެއް މީހުން ބުނެފައި ވެއެވެ.
އަދާނީގެ މައްޗަށް ކުރެވޭ އިތުރު ތުހުމަތު ތަކުގެ ތެރޭގައި ކަސްޓަމްސްގެ އޮފިސަރުންނާއި، ފުލުހުން އަދި ތިމާވެށި ހިމާޔަތް ކުރާ ޖަމްއިއްޔާތަކުގެ ވެރިންނަށް ރިޝްވަތު ދިނުންވެސް ހިމެނެއެވެ.
މީގެ އިތުރުން އިންޑިޔާގެ މުންދްރާގައި އަދާނީ ހިންގާ އިންޑިއާގެ އެންމެ ބޮޑު އަލިފާން އަންދައިގެން ހިންގާ ހަކަތަ އުފައްދާ ފެކްޓަރީގެ ސަބަބުން ތިމާވެށްޓަށާއި އެ ހިސާބުގެ އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަމަށް ވެސް އިންޑިއާގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ މި ވެބްސައިޓުގައި ރިޕޯޓު ކޮށްފައި ވެއެވެ. އެގޮތުން މި ފެކްޓަރީ ހިންގުމަށް އެއަވަށުގައި ހިމާޔަތް ކޮށްފައިވާ އެތަކެއް ދަނޑުބިންތަކާއި ކުޅިތަކެއް ވަނީ ހަލާކު ކޮށްލާފައި ކަމަށް ވެއެވެ.
އިންޑިއާގެ އެކި ހިސާބުތަކުގައި އަދާނީގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ހަދާފައިވާ ކާރުހާނާތަކާއި ހަކަތަ އުފައްދާ ޕްލާންޓުތައް ގާއިމު ކުރުމަށް ތިމާވެށްޓަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ޖަރީމާތައް ހިންގާފައިވާ ކަމަށް އިންޑިއާ ރައްޔިތުންވެސް ތުހުމަތު ކުރެއެވެ. އަދި މިފަދަ ކަންކަމަށް ހުރަސް އަޅާ މީހުންގެ އަނގަ ބަަންދުކުރުމުގެ ގޮތުން ބޮޑެތި އަދަދު ތަކުން ރިޝްވަތުދޭ ކަމަަށް ވެސް އަަވަށް ތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށް ރިޕޯޓު ކުރެއެވެ.
މިިހާރުވެސް އަދާނީ އާއ ދެކޮޅަށް ރިޝްވަތާއި، ގާނޫނާއި ހިލާފަށް މަސައްކަތު ކުރުވުމާއި ކަޅުފައިސާ ދޮވުމާއި ޓެކްހަށް މަކަރު ހެދުމުގެ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި ކުރިއަށް ދެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުން ދެމިގަންނަން އަދާނީ އަށް ފަސޭހަވަނީ ސަރުކާރާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ބުނެއެވެ.
އަދާނީ އަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ކުރެއްވި އިރުން ފެށިގެން ވެސް އޭނާއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އެހެންކަމުން އަދާނީ މިހާ ކުރިއަރައި ދިއުމުގައި ސަރުކާރުގެ އަތެއް ވާކަމަށް ވަރަށް ގިނަ މީހުން ތުހުމަތު ކުރެއެވެ.
2012 ވަނަ އަހަރު އިންޑިއާ ސަރުކާރުގެ އޮޑިޓަރަކު ވަނީ އަދާނީ އާއި އެހެން ބައެއް ވިޔަފާރިވެރިންނަށް އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި ނަރެންދްރަ މޯދީ ނުއަގުގައި ތެޔޮ ވިއްކެވި ކަމަށް ތުހުމަތު ކޮށްފައެވެ.
އަދި 2017 ވަނަ އަހަރު ނޫސްވެރިއަކު ވަނީ މޯދީގެ ސަރުކާރުން އަދާނީ އަށް ގިނަގުނަ ފައިދާތައް ހޯދައިދޭ ކަމަށް ތުހުމަތުކޮށް ސިލްސިލާ ރިޕޯޓުތަކެއް ވެސް ގެނެސްދީފައެވެ. ނަމަވެސް މޯދީގެ ސަރުކާރުންނާއި އަދާނީ ގްރޫޕުން އަންނަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ.
ގޯތަމް އަދާނީގެ ބަޔޯގްރަފީ ލިޔުނު އާރް އެން ބާސްކަރް ލިޔެފައިވާ ގޮތުން އަދާނީ އަކީ މީހުންނާއި ގުޅޭ އަދި ގުޅުންތައް ދަމަހައްޓަން ދަންނަ ގާބިލު މީހަކަށް ވުމުގެ ސަބަބުން އޭނާ އަށް ވިޔަފާރީގެ ގިނަ ފުރުސަތުތައް ފަހިވެއެވެ. މީގެ އިތުރުން ސިޔާސީ އަދި އިޖްތިމާއީ ގޮތުން ހަރަކާތްތެރިވާ ގިނަ މީހުންނާ ގުޅުން ރަނގަޅު މީހެއް ކަމުގައި ކިޔެފައި ވެއެވެ. މިގޮތުން އަދާނީ ހިންގާ ޕްރޮޖެކްޓުތަކުން ފައިދާ ވުމުން މެނުވީ އެކަމުގައި އިންވެސްޓުކުރާ މީހުންގެ އަތުން ފައިސާވެސް ނުނަގާ ކަމަށް ވަނީ ބުނެފައެވެ.
އަދި ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމުގައި އަދާނީގެ ސިއްރަކީ މިއީ ކަމަށްވެސް ބުނެފައި ވެއެވެ. ނަމަވެސް އިންޑިއާގެ ރައްޔިތުންނާއި ވިޔަފާރި އަދި ދުނިޔޭގެ މަސްރަހް ދިރާސާކުރާ މީހުން އަދާނީ އަދި އޭނާގެ ބައިވެރިން ސިފަކުރަނީ "ކޮރަޕްޓެޑް" އަދި އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ ގޮތުގައެވެ.
މިހާރު ސުވާލު އުފެދެނީ އޭނާ އެންޑީޓީވީ ގަތުމުން މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން މޫނުމަތި ރީތި ކުރުމުގެ މަސައްކަތްތަކެއް ކުރުމުގެ އިތުރުން މީޑިއާގެ މުސްތަގުބަލާ މެދުގައެވެ.