ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން އުމްރާގެ އަޅުކަން އަދާކޮށްފިއެވެ.

ޝާހްރުކް ހާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ދުންކީ" ގެ ޝޫޓިން ސައުދީ އަރަބިއާގައި ނިންމާލުމަށް ފަހު ޝާހު ވަނީ މައްކާ އަށް ގޮސް އުމްރާގެ އަަޅުކަން ފުރިހަމަ ކޮށްފައެވެ. އޭނާ އުމްރާގެ އަޅުކަން ކުރުމަށް މައްކާ އަށް ގޮސްފައިވާ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެ ވީޑިއޯ އާއި ފޮޓޯތަކަށް އާންމުން ވަނީ ވަރަށް ޕޮޒިޓިވް ކޮމެންޓް ކޮށްފައެވެ.

ފިލްމު "ދުންކީ"ގެ މަސައްކަތް ކުރުމަށް އެކްޓަރު ޝާހްރުކް ސައުދީ އަށް ދިޔައީ މިދިޔަ މަސް ތެރޭގައެވެ. ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ޝާހްރުކް ވަނީ އިންސްޓަގްރާމުގައި ފިލްމުގެ މަސައްކަތް ނިންމާލި ވާހަކަ ހިއްސާކޮށްފައެވެ. އަދި ސައުދީ އިން ޝާހު އަށް ދިން އެއްބާރުލުމާއި ތަރުހީބަށް ވަނީ އެ ޕޯސްޓުގައި ޝުކުރު އަދާކޮށްފައެވެ.

އެކްޓަރު ޝާހު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖޯން އަބްރަހަމް އާއި ދީޕިކާ ޕަޑުކޯން އާއެކު ފިލްމު "ޕަތާން" އިންނެވެ. އެ ފިލްމު ސިނަމާތަކުގައި ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ޝާހްރުކް އެންމެ ފަހުން ފެނިގެން ދިޔައީ އެކްޓަރު ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އެކުގައި ފެނިގެންދިޔަ ފިލްމު "ބުރައްމަސްތުރާ" އިންނެވެ. އެ ފިލްމަށް ވަނީ ކްރިޓީކުންގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.