ބޮލީވުޑްގެ މަގްބޫލު ޖޯޑު ބަތަލާ އާލިއާ ބަޓް އާއި އެކްޓަރު ރަންބީރު ކަޕޫރުގެ އަލަތު ދަރިފުޅަށް ނަން ކިޔައިފިއެވެ.
އާލިއާ ބަޓް އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާގެ އަންހެން ދަރިފުޅުގެ ނަން ހާމަކުރީ ބާސެލޯނާ ޖާޒީ އެއް މެދުވެރިކޮށެވެ. ރަހާ ގެ ނަމުން ދަރިފުޅަށް ނަންދިން އިރު އާލިއާ ބުނީ ރަހާ ނަމަކީ ރަހާގެ މާމަ ހުށައެޅި ނަމެއް ކަމަށެވެ. އެންމެންވެސް އެނަމަށް ތާއީދު ކުރުމުން އެ ނަން ފާސްކުރީ ކަމަށް އާލިއާ ބުންޏެވެ. އާލިއާ ވަނީ ދަރިފުޅުގެ ނަމާއެކު ދަރިފުޅުގެ ނަމުގެ މާނަ ހާމަކޮށްފައެވެ. އަރަބިން އެ ނަމުގެ މާނަ އަކީ ހިތްހަމަޖެހުން، އުފާވެރިކަން އަދި މިނިވަން ކަމެވެ.
އާލިއާ ބުނީ ދަރިފުޅު އުރާލި ފުރަތަމަ ވަގުތުވެސް ދަރިފުޅާ އެންމެ އެކަށީގެންވާ ނަމަކީ ރަހާ ކަން އޭނާ އަށް އިހުސާސްވި ކަަމަށެވެ. އޭނާ ބުނީ ރަހާ ލިބުމުން އާއިލާ އަށް ބޮޑު އުފަލެއް ލިބުނު ކަމަށާއި ދަރިއަކު ލިބުމުން އިހުސާސްވަނީ ދިރިއުޅުން އަދި ފެށުނީ ކަމަށެވެ. ބަތަލާ އާލިއާ އާއި އެކްޓަރު ރަންބީރު ކަޕޫރު ކައިވެނިކުރީ މިދިޔަ އޭޕްރިލް މަހުގައެވެ. ވަރަށް ޕްރައިވެޓްކޮށް ބޭއްވި މި ހަފްލާގައި ބައިވެރިވީ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.
ބާސެލޯނާ ޖާޒީ އާއެކު ދަރިފުޅުގެ ނަން ހާމަކުރުމާއެކު ބާސެލޯނާގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ވަނީ ދެމަފިރިންނަށް މަރުހަބާ ކިޔައިފައެވެ. އަދި އެ އާއިލާ އާއި ބައްދަލުވުމަށް ކެތްމަދުވެފައި ތިބި ކަމަށްވެސް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.