ދުނިޔެއިން އެންމެ ދުވަސްވީ ބުޅަލުގެ އުމުރުން 26 އަހަރު ވެއްޖެއެވެ.

ފްލޮސީ ނަމަކަށް ކިޔާ މި ބުޅަލަށް 27 އަހަރުވާން ގާތްވެފައި ވާއިރު އެ ބުޅަލަކީ ޓޯޓޮއިޝެލް ބްރީޑުގެ ބުޅަލެވެ. ފްލޮސީގެ އުމުރުން 26 އަހަރާއި 329 ދުވަސް ވެފައި ވާއިރު ފްލޮސީ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. އިންސާނުންގެ އުމުރާ ބުޅަލުގެ އުމުރަކީ ތަފާތު އުމުރެއް ކަމަށް ވާއިރު ބުޅަލަކަށް 26 އަހަރު ވުމަކީ އިންސާނެއްގެ އުމުރުން 120 އަހަރެވެ.

ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ފްލޮސީ ޖާގަ ހޯދާފައި ވާއިރު ކުރިން ދުނިޔެއިން އެންމެ ދުވަސްވީ ބުޅަލުގެ ރެކޯޑު އޮންނަނީ އިނގިރޭސިވިލާތުގައި ގެންގުޅުނު ރުބެލް ނަމަކަށް ކިޔާ ބުޅަލެކެވެ. 2020 ވަނަ އަހަރު އެ ބުޅާ މަރުވިއިރު ބުޅާ މަރުވިއިރު އުމުރަކީ 31 އަހަރެވެ. ރުބެލްގެ ކުރިން ދުނިޔޭގެ އެންމެ ދުވަސްވީ ބުޅަލުގެ ރެކޯޑު އޮންނަނީ މޮގީ ގެ ނަމުން ނަންދީފައިވާ ބުޅަލަކަށެވެ. އެ ބުޅާ މަރުވީ 2005 ވަނަ އަހަރުއެވެ. ބުޅާ މަރުވިއިރު އުމުރަކީ 38 އަހަރެވެ.

ގޭތެރޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލުގެ އުމުރަކީ 15-10 އަހަރެވެ. ބޭރުގައި އުޅޭ ބުޅަލެއްގެ އުމުރަކީ ދެ އަހަރާއި ފަސް އަހަރާއި ދެމެދެވެ. އިނގިރޭސިވިލާތުގައި ފްލޮސީ ގެންގުޅޭ މީހާ، ވިކީ ބުނީ ފްލޮސީގެ އުމުރުން ދުވަސްވުމާއެކު އޭތީގެ އަޑުއިވުމުން އެއްކޮށް މަހުރޫމު ވެފައި ވާކަމަށެވެ. އަދި ލޮލުގެ ފެނުންވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އާންމު ގޮތެއްގައި ބުޅަލުގެ އުމުރުން ދުވަސްވާވަރަކަށް ބުޅަލުގެ ހިއްސުތައް މަޑުމަޑުން ނެތެމުން ދެއެވެ.