ހޮންގްކޮންގް މާޝަލް އާާޓްސް ލެޖެންޑު ބްރޫސް ލީ މަރުވީ މާ ގިނައިން ފެންބުއިމުގެ ސަބަބުން ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

ބްރޫސް ލީ ދުނިޔެއަށް އުފަންވީ 1940 ވަނަ އަހަރުގައެވެ. އުމުރުން 32 އަހަރުގައި 1973 ވަނަ އަހަރު ބްރޫސް ލީ މަރުވިއިރު އޭރު އޭނާގެ އޮޓޮޕްސީ ރިޕޯޓުގައި ވާ ގޮތުން އޭނާ މަރުވީ ސިކުނޑި ދުޅަވުމުންނެވެ. ނަމަވެސް ސިކުނޑި ދުޅަވާން މެދުވެރިވި ސަބަބެއް ހޯދިފައެއް ނުވެއެވެ.

ދާދިފަހުން "ކްލިނިކަލް ކިޑްނީ ޖަރނަލް" އިން ހެދި ދިރާސާއެއްގައި ވާގޮތުން ބްރޫސް ލީގެ ސިކުނޑި ދުޅަވާން ފެށީ އޭނާ މާގިނައިން ފެންބުއިމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ބްރޫސް ލީގެ އަނބިމީހާ އޭރު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބްރޫސް ލީ އެދުވަސްވަރު އުޅުނީ ވަރަށް ސްޓްރިކްޓް ޑައެޓެއްގައި ކަމަށާއި ކާއެއްޗެހި ނުކައި ހަމައެކަނި ދިޔާތަކެތި ބޭނުން ކޮށްގެން ކަމަށެވެ. އޭގެ ފަހުން އޭނާގެ ސިއްހީ ހާލަތު މަޑުމަޑުން ގޯސްވަމުން ދިޔަ ކަމަށް ވެސް އޭނާގެ އަންހެނުން ވަނީ ބުނެފައެވެ.

ދިރާސާގައި ވާގޮތުން ބްރޫސް ލީ އަކީ ގިނަ އަދަދަކަށް ކެނަބީސް ބޭނުންކުރާ މީހެއްކަމަށް ވުމުން އަވަސް އަވަހަށް ކަރުހިއްކާ ގޮތް ދިމާވާ ކަމަށާއި އޭގެ ސަބަބުން ވެސް ފެންބުއިން އިތުރުވެފައިވާ ކަމަށެވެ. އަދި ބްރޫސް ލީ މަރުވި ދުވަހު އޭނާ ހުރީ ވެސް ގިނަ އަދަކަށް ކެނަބީސް ބޭނުން ކޮށްގެން ކަމަށްވެސް އެ ދިރާސާގައި ބުނެފައި ވެއެވެ.

ބްރޫސްލީ ފަހުން ދިރިއުޅުނީ ޗައިނާގެ ބާރުގެ ދަށުގައި އޮތް ހޮންގްކޮންގް ދޫކޮށް އެމެރިކާއަށް ހިޖުރަކޮށް އެތާނގައެވެ.