އިނގިރޭސި ވިލާތަށް ނިސްބަތްވާ ޓާލިއާ ސިނޮޓް އަކީ ދިރިހުންނަށް ހަމައެކަނި ބިސްކޯދު ކެވޭ އަންހެނެކެވެ.
އޭނާގެ ހަށިގަނޑުގައި ހުރި ގެސްޓްރޯޕެރޭސިސް ކިޔާ ބައްޔެއްގެ ސަބަބުން އޭނާ ކާ އެއްޗެހި ގޮހޮރަށް ދިޔުން ވަރަށް ލަހެވެ. އެކަމުގެ ސަބަބުން އޭނާ ކާއެއްޗެހި ނުކާ ކަމަށާއި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ވެސް އޭނާގެ ހަށިގަނޑަށް ފޯރުކޮށްދެނީ ފީޑިން ޓިއުބަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންވެ އޭނާ ހަމަ އެކަނި ކާ ހަރުއެއްޗަކީ ޑައިޖެސްޓިވް ބިސްކޯދެވެ.
ޓާލިއާ ބުނީ ބަލީގެ އަލާމާތްތަށް އޭނާއަށް އެންމެ ފުރަތަމަ ފެންނަން ފެށީ 2018 ވަނަ އަހަރުކަމަށެވެ.
"އޭރު ކާ ކޮންމެ ފަހަރަކު ހޮޑުލަވާނެ. ގިނަފަހަރު ކާއިރަށް ހަމަ ހޮޑުލެވޭނެ،"
ޓާލިއާ ބުނީ އޭނާ އަށް ޖެހިފައިވާ ބައްޔަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވުމުން ޑަކްޓަރުންނަށް ވެސް އެ ބަލި ދެނެގަނެ ޑައިގްނޯސްކުރަން ދުވަސްތަކެއް ފާއިތުވި ކަމަށެވެ. ހަޖަމުކުރުމުގެ ނިޒާމު އެއްކޮށް ހަލާކުވެފައިވާ ޓާލިއާ ބުނީ މިހެން އުޅޭއިރު ބައެއް ދުވަސްދުވަހު ވަކި އެއްޗެއް ކާން ބޭނުންވާ ކަމަށާއި ނުހުރެވިގެން ކާލަނީ ކަމަށެވެ. ނަމަވެސް އެ ކެއުމުން އޭނާއަށްވާ އުނދަގޫ މާބޮޑު ކަމަށާއި ކާއެއްޗެހި ހުންނަނީ އޭނާގެ ކަރުގައި ތާށިވެފައި ކަމަށެވެ. ދެން ގަދަކަމުން ހޮޑުލައި އެގަޑީ ކެއި އެއްޗެހި ބޭރުކުރަނީ ކަމަށް ވެސް ޓާލިއާ ބުންޏެވެ.
ޑަކްޓަރުން މިވަގުތު އަންނަނީ ބަނޑަށް ގެސްޓްރިކް ޕޭސްމޭކާއެއް ލެއްވަން މަސައްކަތް ކުރަމުންނެވެ. އޭގެ ސަބަބުން ޓާލިއާގެ ހަޖަމުގެ މައްސަލަ ރަނގަޅުވާނެ ކަމަށް ޑަކްޓަރުން ބުނެއެވެ. އޭރުން ޓާލިއާ އަށްވެސް އާންމު މީހުން ދިރިއުޅޭ ގޮތަށް އާންމު ދިރިއުޅުމެއް އުޅެ ބޭނުން އެއްޗެއް ކާލެވޭނެއެވެ.