ދިހަ އަހަރުގެ ކުއްޖަކު އޭނާގެ މަންމަ ވިއްސަން އެހީތެރިވެދީފިއެވެ.

އެމެރިކާގެ މިޒޯރީގައި ދިރިއުޅޭ އުމުރުން އެންމެ 10 އަހަރުގެ މި އަންހެން ކުއްޖާގެ ކުޅަދާނަ ކަމަށް "ލޯކަލް ހީރޯ"އެއްގެ ލަގަބު ދިނެވެ. މިރަކްލް މޯރް ނަމަކަށް ކިޔާ މި އަންހެން ކުއްޖާގެ މަންމަ ވިހަން ބަނޑުގައި ރިއްސަން ފެށީ ވިހަން ދީފައި އޮތް ތާރީހަށް ވުރެ ތިން ހަފްތާ ކުރިންނެވެ. އެވަގުތު ގޭގައި ހަމައެކަނި ހުރީ މިރަކްލް އާއި އޭނާގެ ކޮއްކޮގެ އިތުރުން މަންމަ އެކަންޏެވެ.

ވިހަން ވެގެން މަންމަ ބަނޑުގައި ރިއްސަން ފެށުމާއެކު މިރަކްލް 911 އަށް ގުޅުމުން އެމީހުން މަންމަ ވިއްސަން އޭނާއަށް އެހީތެރިވެދިނެވެ. ކުރަންވީ ކަންތައްތައް މިރަކްލް އަށް ކިޔައިދިނުމުން އެކަންތައްތަކަށް އަމަލުކުރަން ފެށިއެވެ. 911 ގެ ރެސްކިއު ޓީމުން ވަނީ އޭނާއަށް "ލޯކަލް ހީރޯ" އެއްގެ ލަގަބު ދިނުމަށް ފަހު ސޯޝަލް މީޑިއާގައި ކަންތައް ހިނގާ ދިޔަ ގޮތް ކިޔައިދީފައެވެ.

ޑިސްޕެޗާ ސްކޮޓް ސްޓްރޭންގޯނާ ގެ އިރުޝާދުގެ ދަށުން މިރަކްލް އޭނާގެ މަންމަ ކުރަންވީ ކަންތައްތައް ކިޔައިދެމުން ގެންދިޔަ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ފާހާނާ ތަށި މަތީ މަންމަ އިށީންދެ ނީދުމަށް ބުނެ އޭނާ މަންމަ އާއެކު ގޮސް މަންމަގެ އެނދުގައި މަންމަ ބޭއްވިއެވެ.

"ކޮއްކޮ އެބަފެނޭ. ކޮއްކޮގެ ބޯ އެބަ ފެނޭ،" މިރަކްލް ބުނި ކަމަށް ޑިސްޕެޗާ ބުންޏެވެ.

މަންމަ ވިހެއުމުން ދެން ކަންތައް ކުރަންވީ ގޮތް މިރަކްލް އަށް ކިޔައިދިނުމުން "ބޭބީ" ނެގުމަށް ފަހު ފޮތިގަނޑަކުން ސާފުކުރީ ވެސް މިރަކްލް އެވެ. އަދި ތުއްތު ކުއްޖާ ވިހެއުމުން އެހީތެރި ވެ ދިނީ ވެސް 10 އަހަރުގެ މިރަކްލް އެވެ. އެއަށްފަހު "ބޭބީ" ފޮތިގަނޑަކަށް ލާ އޮޅާލުމަށްފަހު މަންމަގެ މޭމަތީ ބޭއްވިކަމަށް ޑިސްޕެޗާ ބުންޏެވެ.

މިރަކްލް ގެ ގެއާ ހަމައަށް ޕެރެމެޑިކް ދިޔުން ލަސްވުމާއެކު ވިއްސާނެ ގޮތް މިރަކްލް އަށް ކިޔައިދިނުމުން އޭނާ ވަނީ އެކަން ވަރަށް ފުރިހަމައަށް ކޮށްފައެވެ. އަދި ޕެރެމެޑިކް ގެއަށް ދިޔައިރު ވިހެއުމުގެ ހުރިހާ ކަމެއްވެސް ވަނީ ނިންމާލާފައެވެ.