ސަލާމަތީ ބާރުތައް ގުޅިގެން މާލެ އާއި އައްޑޫގެ ސަރަހައްދު ތަކުގައި ޓެރަރިޒަމާ ދެކޮޅަށް ފަށާފައި ވާ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައި ވާއިރު އެމީހުން ދިރިއުޅޭ ތަންތަން ފާސްކޮށް ބެލިބެލުމުން ތުހުމަތާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ވެސް ވަނީ ފެނިފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ އޮޕަރޭޝަނާ ގުޅޭ ތަފްސީލް ފަހުން ހިއްސާކުރާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސަލާމަތީ ބާރުތައް ގުޅިގެން، ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ފަށާފައި ވަނީ ބޮމުގެ އިންޒާރަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ބައެއް ފޮޓޯތަކުގައިވާ ގޮތުން، އައްޑޫ ހިތަދޫގެ ގެއެއްގައި އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ.
އެ ގެ ހުންނަނީ ކުރީގެ ޕޮލިސް ޓްރެއިނިން ސްކޫލް ކުރިމަތީގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ހަރުކަށި ފިކުރުގެ މައްސަލައިގައި މިދިޔަ އަހަރު އައްޑޫން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން ބައެއް މީހުންގެ އަތުން ބޮން ހަދަން ބޭނުންކުރާ ސާމާނު ފެނިފައި ވާ ކަމަށް އޭރު ބުންޏެވެ.