ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސް އިން މަސްވެރިންނަށް ފައިސާ ނުދޭތާ މަސް ދުވަސް ވުމުން ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އިހްތިޖާޖު ކުރަން ފަށައިފިއެވެ.
މާންދޫ ފިޝަރީޒް ކޮންޕްލެކްސްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިލާ ގުރޫޕުގެ ދަށުން ހިންގާ މަސްކާރުހާނާއެކެވެ.
ފައިސާ ނުލިބިގެން 22 ދޯންޏަކުން މިއަދު އިހްތިޖާޖް ކުރަމުން ދާއިރު މަސްވެރިން ގޮވަމުން ދަނީ ކިރާ މަހަށް ބަރާބަރަށް ފައިސާ ދިނުމަށެވެ.
މާންދޫ ފިޝަރީޒް ކޮންޕްލެކްސް އިން އޮޑިފަހަރަށް ދޭންޖެހޭ ފައިސާގެ އަދަދު އެތައް މިލިއަނަކަށް އަރާނެ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
އިހިތިޖާޖުގެ ބައިވެރިން އަންނަނީ އެ މީހުން އަތުން ގަނެފައިވާ މަހުގެ އަގު ދިނުމަށާއި މަހަށް ދޭންޖެހޭ އަގު ނުދެވޭނަމަ މަސްކޮޅު އޮޑިފަހަރުގެ ޓައްޕަށް އަޅައިދިނުމަށް ގޮވާލަމުންނެވެ. އަދި މާންދޫން މަސްވެރިންނަށް އައިސްއާއި ޑީސަލް ވިއްކާ އަގު ބޮޑުވުމުގެ ޝަކުވާ ވެސް މަޝްވެރިން އަންނަނީ ކުރަމުންނެވެ.
މަސްވެރިން ދަނީ ސަރުކާރު ކުންފުނިތަކުން ޑީސަލާއި އައިސް ވިއްކާ އަގުގައި މަސްވެރިންނަށް އައިސް އަދި ޑީސަލް ގަންނަން ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލަމުންނެވެ.
މަސްވެރިން ކިރާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ބާނާ މަސް ނުކިރުމާއި އައިސް ނުލިބުމާއި، ކިރާ މަހަށް ދޭންޖެހޭ އަގުނުލިބުމުގެ ބޮޑެތި މައްސަލަތައް ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތި ވަމުންނެވެ.