މިދިޔަ ބުރާސްފަތި ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވެފައިވާ މީހުންގެ ހަށިތައް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ހިނގި އެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ހަތަރު އަންހެނަކާއި ފަސް ފިރިހެނެއްގެ ހަށިތައް ދެނެގަނެވިފައިވާއިރު، އެކެއްގެ ހަށިގަނޑު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް، ފުލުހުން އޭރު ބުންޏެވެ. އަދި އެ ހާދިސާގައި ފިހުނު އެކަކަށް އައިޖީއެމްއެޗުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ކްރިޓިކަލް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން، ހަށިތައް ބޭނުންވާ އާއިލާތަކަށް ހަށިތައް ހަވާލުކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެ ހާދިސާގައި މަރުވި މީހުން ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ނިރުފެހިގެއާއި ސޭންޑްރޯޒްގޭގައި ދިރިއުޅޭ މީހުންނާއި، އެ ގޭގެ އަށް ދިޔަ ކަމަށް ބެލެވޭ މީހުންނާއި، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރަން އެދިފައެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ހާދިސާ އާ ގުޅިގެން ހިނގާފައިވާ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެންޑީއެމްއޭއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.