މަސްތުވާތަކެތި ބޭނުން ކޮށް ގެންގުޅުމުގެ ތުހުމަތުގައި 12 މީހަކު ރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނަކާއި ހަތަރު އަންހެނެކެވެ.

އެއީ ކޮންބައެއް ކަމާއި އެމީހުން ހައްޔަރު ކުރި އިރު ތިބި ހާލަތެއް ފުލުހުން ނުބުނެއެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އުޅޭ ބައެއް މީހުން ހިމެނޭ ކަމަށް ބުނެފައި އޮތަސް ކަމާގުޅޭ އެއްވެސް އިދާރާއަކުން އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

ފުލުހުން ބުނީ، މީޑިއާ އަށް ފޯރުކޮށްދީފައި ވަނީ މިވަގުތަށް ދެވެން އޮތް މައުލޫމާތު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.