މިދިޔަ ބުރާސްފަތި ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ 10 މީހުންގެ ތެރެއިން ނުވަ މީހުންގެ ހަށިގަނޑު ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ހިނގި އެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އަދި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ، ނިޔާވި މީހުންގެ ތެރެއިން ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައި ވަނީ ހަތަރު އަންހެނަކާއި ފަސް ފިރިހެނެއްގެ ކަމަށެވެ. އެއީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން، އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ. ދެން ފެނުނު ހަށިގަނޑަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނިޔާވި މީހުން ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ނިރުފެހިގެއާއި ސޭންޑްރޯޒްގޭގައި ދިރިއުޅޭ މީހުންނާއި، އެ ގޭގެ އަށް ދިޔަ ކަމަށް ބެލެވޭ މީހުންނާއި، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރަން އެދިފައެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ހާދިސާ އާ ގުޅިގެން ހިނގާފައިވާ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތްތައް އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.