އެފްރިކާ އަށް ނިސްބަތްވާ ޑޭވިޑް ސުކާޔޯ ކަލުހާނާ 15 މީހުންނާއި ކައިވެނިކޮށް 107 ދަރިން ތިބެއެވެ.
މި ފިރިހެން މީހާގެ 15 އަނބިން ތިބޭއިރު ޑޭވިޑް ބުނީ އޭނާ އަށް އެންމެ އަންބަކުން ނުފުދޭ ކަމަށާއި އޭނާ ބޭނުންވާ ކަންކަން އެންމެ މީހަކަށް ނުކޮށްދެވޭ ކަމަށެވެ. އެހެންވެ ދެވަނަ ކައިވެންޏެއްވެސް ކުރީ ކަމަށާއި ދެމީހުންވެގެން ވެސް އޭނާ ހިތްއެދޭ ގޮތަށް ކަންތައް ނުވުމުން ތިންވަނަ އަންބެއް ހޯދީ ކަމަށެވެ. އެގޮތަށް ގޮސް މިހާރު އޭނާގެ 15 އަނބިން ތިބެއެވެ.
ޑޭވިޑް ބުނީ 15 އަނބިން ތިބޭއިރުވެސް އެއްވެސް އަންބެއް އަނެއް މީހާ އާ ދޭތެރޭ އެއްވެސް ހަސަދައެއް ނުގެންގުޅޭ ކަމަށާއި ހުރިހާ އަނބިންވެސް އުޅެނީ ވަރަށް ހަމަޖެހިގެން އެއްކޮށް ގުޅިގެން ކަމަށެވެ. ޑޭވިޑް ބުނީ އޭނާ ބޭނުންވަނީ 1000 މީހުންނާއި ކައިވެނިކުރަން ކަމަށާއި އޭނާގެ ގައިގައި އެ ފެންވަރު ހުރި ކަމަށެވެ. އެއްގެއެއްގައި 15 އަނބިން އޭނާ ގެންގުޅޭއިރު ގޭތެރޭ މަސައްކަތްތައް ހުރިހާ އަނބިން ކުރަނީ ބަހާލައިގެން ކަމަށާއި އެހެންވެ އެކަކަށް ވެސް އެހާ ބުރަ ނޫންކަމަށެވެ.
އަދި ހުރިހާ އަންބަކަށްވެސް ޑޭވިޑް ކަންތައްތައް ކޮށްދެނީ ހަމަހަމައަށް ކަމަށާއި އެ ހުރިހާ އެންމެން ދެކެވެސް އޭނާ ވަރަށް ލޯބިވާ ކަމަށެވެ. 1988 ވަނަ އަހަރު ޑޭވިޑްގެ ފުރަތަމަ ކައިވެނި ކުރި އިރު އެ ކައިވެންޏަށް އޭނާ އަށް ވަނީ 13 ދަރިން ލިބިފައެވެ. އޭނާ ބުނީ ދަރިން ދެކެ ލޯބިވާ ކަމަށާއި ގިނަ ކުދިން ލިބުމަކީ ނަސީބެއް ކަމަށެވެ.
އުމުރުން 61 އަހަރުގެ ޑޭވިޑްގެ އަނބިން ބުނަނީ ޑޭވިޑް އިތުރު މީހުންނާ ކައިވެނިކުރުމަކީ މައްސަލައެއް ނޫންކަމަށާއި އެންމެވެސް އުޅޭނީ ގުޅިގެން ކަމަށެވެ. އަދި ޑޭވިޑް އަކީ ޒިންމާދާރު މީހެއް ކަމުން އިތުރު އަނބިން ގެންގުޅެވޭ ފެންވަރު އޭނާ ގައިގައި ހުންނާނެ ކަމަށެވެ.