ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިން އަށް އޭނާގެ ހަގު ދަރިފުޅު ގޮވައިގެން ލަންޑަނަށް ދިޔުމުން ފިރިމީހާ އެކްޓަރު ސައިފް އަލީ ހާން ދޮށީ ދަރިފުޅު ގޮވައިގެން ރާއްޖެ އަތުވެއްޖެއެވެ.

އެދެމަފިރިންގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން ގޮވައިގެން ސައިފް އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ނަމަވެސް އެމީހުން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އެނގިފައެއްނުވެއެވެ. ސައިފް އަކީ ފެށުނީއްސުރެ ސޯޝަލް މީޑިއާ އާއި ދުރު ތަރިއެއްކަމަށް ވުމުން ސައިފް އާއި ތައިމޫރު ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯއެއް ސޯޝަލް މީޑިއާއަކުން ނުފެންނާނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސައިފް އާއި ތައިމޫރު ރާއްޖެ އައިސް ގިނަ ކަންތައްތައް ތަޖުރިބާކޮށް އުޅޭ ކަމަށާއި އަދި ރިސޯޓުގައި މަސައްކަތްކުރާ ޗެފުންނާއެކު ތައިމޫރު އެމީހުންނަށް ކައްކަން ވެސް އެހީތެރިވާ ކަމަށެވެ. ކަރީނާ ހަގު ދަރިފުޅު ޖެހެންގަރު އަލީ ޚާން (ޖޭ) ގޮވައިގެން ލަންޑަނަށް ދިޔައީ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން އޭނާގެ ބައްޕަ ގާތު ބަހައްޓާފައެވެ. ކަރީނާ މަސައްކަތަށް ދިޔުމުން ސައިފް އަށް ޗުއްޓީ ލިބުމުން "ބޯއިސް ޓްރިޕް" އެއް ސައިފް ރާވާލީއެވެ.

ކުޅަދާނަ އެކްޓަރު ސައިފް އަލީ ހާން އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ތަރިއެވެ. އޭނާ ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ކަލް ހޯނަ ހޯ"، "ތާރާ ރަމް ޕަމް" އަދި "ހަމް ތުމް" ހިމެނެއެވެ. ވިއްސަކަށް އަހަރު ދުވަސްވަންދެން އިންޑަސްޓްރީގައި މަސައްކަތްކޮށްފައިވާ ކަރީނާ ވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންނާއެކު މަސައްކަތްކޮށްފައެވެ. އަދި ބޮލީވުޑްގެ އެންމެ މަގްބޫލު ފިލްމުތަކުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ކަބީ ހުޝީ ކަބީ ގަމް"، "3 އީޓިއަޓްސް"، "ރާވަން" އަދި "ޖަބް ވީ މެޓް" ހިމެނެއެވެ.