ދިރިހުއްޓާ ވަޅުލި މީހަކު، އޭނާގެ އަތުގައި އޮތް ގަޑިއެއްގެ އެހީގައި ސަލާމަތް ވެއްޖެއެވެ.
އެމެރިކާގެ ވޮޝިންޓަންގައި ހިނގި މިހާދިސާގައި ފިރިމީހާ ޗައެ ކިޔޮންކް ވަނީ އޭނާގެ އަނބިމީހާ ޔަންގް ސޫކް އަށް އަނިޔާކޮށް ވަޅިން ހަމަލާދިނުމަށް ފަހު ވަޅުގަނޑެއް ކޮނެ އޭނާ ވަޅުލާފައެވެ. އަންހެން މީހާ ވަޅުލި އިރު އޭނާ ވަޅުލީ އެހީއަށް އެދި ނުގޮވޭ ގޮތަށް އަނގަމައްޗާއި މުޅި ހަށިގަނޑުގައި ޑަކް ޓޭޕު އޮޅުމަށް ފަހުގައެވެ.
ނަމަވެސް ކަންދިމާކުރި ގޮތުން އޭނާ ވަނީ ސަލާމަތް ވެފައެވެ. މާ ފުން ނޫން އެ ވަަޅުގަނޑުން އަރާ އޭނާ ވަނީ އޭނާގެ އަތުގައި އެވަގުތު އޮތް އެޕަލް ގަޑި ބޭނުން ކޮށްގެން ފުލުހުންނަށް ގުޅާފައެވެ. އަންހެން މީހާ ސަލާމަތްވި ނަމަވެސް އޭނާގެ މުޅި ހަށިގަނޑުގައި ހުރީ ހުސް ޒަހަމްއެވެ. ފިރިމީހާ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ގައިގެ އެތަން މިތަނުން ލޭ އަންނާތީ އޭނާ ވަނީ މެޑިކަލް މީހުންގެ އެހީގައި ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައެވެ.
ފުލުހުންނަށް ދިން ބަޔާނުގައި އަންގް ސޫކް ބުނީ މި މަހު 16 ވަނަ ދުވަހު މެންދުރު ގަޑީގައި ފިރިމީހާ އޭނާ ކިޑްނެޕް ކޮށްގެން ޖަންގަންޏަށް ގެންދިޔަ ކަމަށާއި އަދި ވަޅިން ހަމަލާދީ އޭނާ އަށް ގުޑާނުލެވޭ ވަރަށް ގައިގައި ޓޭޕު އޮޅުމަށް ފަހު ވަޅުގަނޑަކަށް ލާ ފަސްއެޅި ކަމަށެވެ. ނަމަވެސް ފުންކޮށް ވަޅުގަނޑު ކޮނެފައި ނެތުމުގެ ސަބަބުން އޭނާ ސަލާމަތްވެ ގަޑީގެ އެހީގައި ގުޅީކަމަށެވެ.
ފުލުހުން ބުނީ ފުލުހުން އެ ތަނަށް ދިޔަ އިރު އޭނާގެ ކަރުގެ އިތުރުން މޫނާއި ފައިގައި ވެސް ހުރީ ޑަކްޓޭޕުން އަޅާފައި ކަމަށެވެ. ފުލުހުން މިހާރު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފިރިހެން މީހާއަށް ދައުވާ ކޮށްފައެވެ. އޭނާ އަށް ކުރާ ދައުވާ އަކީ ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އާއި މީހަކު ކިޑްނެޕް ކުރުމުގެ ދައުވާއެވެ. ކޯޓު މަރުހަލާގައި އޮތް މި ކޭސް ނިމެންދެން ޗައެ ކިޔޮންކް ހުރީ ޖަލުގައެވެ.