ތެލުގޫ، ތަމަޅަ އަދި ބޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ބަތަލާ ރަކުލް ޕްރީތު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.

އެކްޓަރު ސިދާތް މަލްހަތްރާ އާއެކު ކުޅުނު ފިލްމު "ތޭންކް ގޯޑް" ގެ މަސައްކަތް ނިންމާލުމަށްފަހު ފިލްމީ ދާއިރާ ކުޑަ ބްރޭކެއް ނަގާލާ ހިތްހަމަޖައްސާލަން ބަތަލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅު ފިނޮޅު ރިސޯޓުގައެވެ. ރާއްޖެ އައިސް ޗުއްޓީ ހޭދަކުރާ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑްކުރުމަށްފަހު ރަކުލް ބުނީ ބުރަ މަސައްކަތަކަށްފަހު ކުޑަ ބްރޭކެއް ލިބުމުން ޝުކުރުވެރިވާކަމަށެވެ.

ފުލުފުލުގައި ގިނަ ފިލްމުތަކެއް ކުޅުމަށްފަހު ރަކުލް ޗުއްޓީ އެއް ނެގީ 10 މަސްދުވަހުގެ މަސައްކަތަށްފަހުއެވެ. މީގެ ކުރިން ތިން ބުރު ރާއްޖެ އައި ރަކުލް މީގެ ކުރިން ބުނީ ރާއްޖެ އަކީ ޗުއްޓީ ހޭދަކޮށްލަން އަންނަން އެންމެ ކަމުދާ އެއް މަންޒިލްކަމަށާއި އޭނާ އާއި ރާއްޖޭގެ ބީޗާ އޮންނަ ގުޅުމަކީ ހާއްސަ ގުޅުމެއްކަމަށެވެ.

މި މަހު އޭނާގެ ބޮލީވުޑް ދެ ފިލްމެއް ވަނީ ރިލީޒްކޮށްފައެވެ. އެއީ ތޭންކް ގޯޑް އާއި އެކްޓަރު އަޔޫޝްމަން ކުރާނާ އާއެކު އޭނާ ފެނިގެންދިޔަ "ޑޮކްޓަރު ޖީ" އާއެވެ. ބަތަލާ އަތުގައި ގިނަ ޕްރޮޖެކްޓްތަކެއް ހުރިއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ތަމަޅަ ފިލްމު "ޗަތުރިވާލީ" އިންނެވެ. އެ ފިލްމުގެ މަންޒަރުތައް މިހާރު ވަނީ ލަކްނޯގައި ޝޫޓްކޮށް ނިންމާލާފައެވެ. ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާންކޮށްފައިނުވާއިރު ބަތަލާ ރަކުލް ބޮލީވުޑް ފިލްމަކުން ދެން އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރު އާއެކު "ސިންދްރެއްލާ" އިންނެވެ.