ސާޅީސް ތިން އަހަރު ތެރޭގައި 53 ކައިވެނި ކުރި ކަމަށް ސައުދީ އަށް ނިސްބަތްވާ މީހަކު ބުނެފިއެވެ.
ސައުދީ އަށް ނިސްބަތްވާ އަބޫ އަބްދުﷲ 63، ބުނީ އޭނާގެ އުމުރުން 20 އަހަރުގައި ފުރަތަމަ ކައިވެނި ކުރެވުނު ކަމަށެވެ. އުމުރުގެ ގޮތުން ހަ އަހަރު ދޮށީ އަންހެނަކާ އޭނާ ކައިވެނި ކުރި އިރު އެހެން މީހަކާ އިނުމުގެ އެއްވެސް ވިސްނުމެއް އަދި ހިޔާލެއްވެސް އޭރު ނުގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ކައިވެންޏަށް ދަރިން ލިބި ދުވަސްވާ ވަރަކުން ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހެން ފެށި ކަމަށާއި އޭގެ ސަބަބުން އެހެން ކައިވެންޏެއް ކުރަން ނިންމީ ކަމަށެވެ. އުމުރުން 23 އަހަރުގައި ދެ އަނތްބަށް އޭނާ ކައިވެނި ކުރީ ދޮށީ އަނބީގެ ހުއްދަ ހޯދައިގެންނެވެ. ނަމަވެސް ކައިވެންޏަށް ފަހު ދެ އަނބިންގެ ދެމެދުގައި ކޯޅުންތައް ގިނަވާން ފެށުމުން ތިންވަނަ މީހަކާ ވެސް އިނީ ކަމަށާއި އަދި ފަހުން ހަތަރު ވަނަ މީހަކާ ކައިވެނި ކުރި ކަމަށް އޭނާ ބުންޏެވެ.
ފަހުން އަނެއްކާވެސް އިތުރު ކައިވެންޏެއް ކުރަން ބޭނުން ވާތީ އަލަތު ކައިވެންޏާއި ދެވަނަ ކައިވެނި ރޫޅާލިއެވެ. އޭނާ ބުނީ އެހާ ގިނަ ކައިވެނިތަކެއް ކުރަން ޖެހުނީ އޭނާ އުފަލުގައި ބަހައްޓައިދޭނެ އަންހެނެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ. ކައިވެނީގައި ހުރިހާ އަނބިންނަށް ހަމަހަމަކޮށް ކަންތައް ކުރަން މަސައްކަތް ކުރި ކަމަށާއި އެންމެ އަވަހަށް ކައިވެނިކޮށް ވަރިކޮށްލީ ކައިވެނީގެ ފުރަތަމަ ރޭ ކަމަށެވެ.
އޭނާ ބުނީ ވަޒީފާގައި އުޅެމުން ބިޒްނަސް ޓްރިޕްތަކަށް އެކި ގައުމުތަކަށް ގޮސް އެ ގައުމުން ވެސް މީހުންނާ އިނދެފައި ހުންނާނެ ކަމަށެވެ.
"އެންމެންވެސް ބޭނުންވާނެ އެއް އަންހެނަކާއެކު މުޅި ދިރިއުޅުން ވޭތުކުރަން. ނަމަވެސް ހަމަޖެހުމާއި އުފާވެރިކަން އަނބިންގެ ފަރާތުން ނުލިބުމުން އަހަރެން ގިނައިން ކައިވެނިކުރީ ހަމަޖެހުމެއް ލިބޭތޯ،"
އަބޫ އަބްދުﷲ މިހާރު އުޅެނީ އެކަކާ ކައިވެނި ކޮށްގެންނެވެ. އަދި ދެވަނަ ކައިވެންޏެއް ކުރުމުގެ ވިސްނުމެއް އޭނާ މިހާރު ނުގެންގުޅެއެވެ.