ސްޓެލްކޯއަށް އެފްއޭއެމްއިން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދެއްކުމުން އެފްއޭއެމް ހައުސްއިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމާ ގުޅިގެން އެފްއޭއެމްއިން ބަޔާން ނުނެރި އަވަހަށް ބިލް ދެއްކުމަށް ސްޓޭލްކޯގެ އެމްޑީ އަހްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

ކަރަންޓު ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯއިން އެނގުމާ ގުޅިގެން އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ވަނީ، ވޭތުވެދިޔަ މުއްދަތުގައި ތެރޭގައި އެފްއޭމްގެ އިދާރާ އެފްއޭއެމް ހައުސް ތަފާތުއެކި ފަރާތްތަކުން ތަފާތުއެކި ބޭނުންތަކަށް ބޭނުންކޮށްފައި ވާއިރު އެހެން ބަޔަކު ބޭނުންކުރި ކަރަންޓަށް ޒިންމާވާން ޖެހޭ ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ސްޓޭލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ، ތަނަކުން ކަރަންޓު ހިދުމަތް ކަނޑާލަނީ އެކަމަށް އިހުލާސްތެރި ނިޔަތެއް ނެތިގެނެއް ނޫން ކަމަށެވެ. ސްޓެލްކޯއިން ކަރަންޓު ފީގެ ގޮތުގައި ނަގާ ފީން، ކަރަންޓު ހިދުމަތަށް އިންވެސްޓު ކުރާ ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތްދީ، ތަރުތީބު ކުރަނީ އޭގެ މައްޗަށް ބިނާކޮށް ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެއްވެސް ފަރާތަކުން ކަރަންޓު ފީ ނުދައްކާ ކަމަށްވާނަމަ އެކަމުގެ ބުރޫ އަރާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެކަން ހައްލުކޮށްދެއްވާނީ ކަރަންޓު ބިލު ދައްކައިގެން، ކަރަންޓު ބިލު ނުދައްކާނަމަ ކޮންތާކުންތޯ އަޅުގަނޑުމެން ލާރި ގެންނާނީ، ދައުލަތުން އެހުރިހާ ލާރިއެއް ނުދެވޭނެ،
ސްޓޭލްކޯގެ އެމްޑީ އަހްމަދު ޝަރީފް

ޝަރީފު ވަނީ އެފްއޭއެމް އިން ދައްކަން ޖެހޭ ފައިސާ ދައްކަން ގޮވާލައްވާފައެވެ. އަދި އެފްއޭއެމްއަށް ބަޔާންތައް ނެރުނު ނަމަވެސް އެކަމަށް ރައްދު ދީ ބަޔާން ނެރޭކަން ބޭނުން ނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފު ވަނީ އަވަހަށް ދައްކަން ޖެހޭ ބިލްތައް ދައްކަވާ، ކަލާސްކުރަން އިލްތިމާސްކުރައްވާފައެވެ.

އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާ ދައްކަން އޮތީމަ އަޅުގަނޑުމެން ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަނެތް ނެތިގެނެއް ނޫނޭ ނުބުނެވޭނެ، އަޅުގަނޑު ދައްނަވާނީ 6.5 މިލިއަން އަރަންދެކަ ކޮން ނިޔަތެއް އޮވެގެންތޯ އޮތީ، އަވަހަށް ފައިސާ ދައްކަވާ، އަޅުގަނޑު ދަންނަވާނީ އެފްއޭއެމްއަށް ބަޔާންތައް ނެރުއްވާނެ ކަމެއް ނެތޭ، އަޅުގަނޑުމެން ތިބޭފުޅުންނަށް ރައްދު ދީ ބަޔާން ނެރޭކަން ބޭނުމެއް ނެތް، އަވަހަށް އަޅުގަނޑުމެންނަށް ދައްކަން ޖެހޭ ބިލްތައް ދައްކަވާ، ކަލާސްކުރައްވާ، އަޅުގަނޑުމެން ކަރަންޓު ދޭނަން
ސްޓޭލްކޯގެ އެމްޑީ އަހްމަދު ޝަރީފް

އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނީ ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި އަދި ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް މިހާރުވެސް އެ އިމާރާތް ބޭނުން ކުރަމުން ދާ ކަމަށެވެ. އަދި އެ ފަރާތްތަކުން އެކިއެކި ބޭނުންތަކަށް އެ އިމާރާތް ބޭނުންކުރެވުނު މުއްދަތުގައާއި އަދި މިހާރުވެސް އެފްއޭއެމް ނޫން އެހެން ފަރާތްތަކުން ކަރަންޓާއި ފެން ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ހިނގާ އެއްވެސް ހަރަދަކީ އެކަމުގެ ޒިންމާ އެފްއޭއެމްއިން ނަގަން ޖެހޭ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ނުދެކެއެވެ.

އެ އަގު ދެއްކުމަކީ އެފްއޭއެމްގެ މަސްއޫލިއްޔަތެއް ނޫންކަމުގައާއި އެކަމުގެ ސަބަބުން އެފްއޭއެމް އާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް އެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

އެފްއޭއެމްއިން ބުނީ ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމައަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ހަރަދަށް ބިލުކުރެވިފައި ވަނީ ނުބައިކޮށް ކަމަށް އެ ފަރާތުން އިއުތިރާފް ވެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް އެ ފަރާތުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ހައްލު ނުވެފައިވާ ކަމަށާއި އެކަމުގައި އެފްއޭއެމް އިން ސްޓެލްކޯގެ މައްޗަށް ގާނޫނީ ގޮތުން އެއްވެސް ދައުވާއެއް އުފުލާފައި ނުވަނީ އެ ފަރާތުގެ އެދުމުގެ މަތިން މަޝްވަރާގެ މަތިން އެ މައްސަލަ ހައްލުކުރުމުގެ އުންމީދުގައި ކަމަށެވެ.

އެފްއޭއެމްއިން ޒިންމާވާން ނުޖެހޭ ފައިސާގެ އަދަދުތަކެއް އެކީ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްއަށް ޑިމާންޑްކޮށް ކަރަންޓް ކަނޑާލުމުގައި އެފްއޭއެމް ހައުސްގައި މިވަގުތުވެސް ސަރުކާރުގެ ބޭނުމަށް ބޭނުން ކުރެވެމުންދާ އެއްވެސް ފަންގިފިލާއަކުން ކަރަންޓް ބިލަށް ފައިސާ ދައްކާފައި ނުވާ ހާލުގަވެސް ކަރަންޓް ކަނޑާނުލާ ހަމައެކަނި އެފްއޭއެމްގެ އިދާރާއިން ބޭނުން ކުރަމުންދާ ފަންގިފިލާއިން ކަރަންޓް ކަނޑާލުމަކީ މިކަމުގައި ނިޔަތެއް އޮތްކަން ނުފެންނަ ކަމެއްކަމުގައި އެފްއޭއެމްއިން ފާހަގަކުރެއެވެ.