ވެސްޓް ބެންގާލް އަށް އުފަން 16 އަހަރު ކުއްޖެއް އޭނާގެ އަމިއްލަ ލޭ ވިއްކައިގެން ސްމާޓްފޯނެއް ގަންނަން މަސައްކަތް ކޮށްފިއެވެ.
އާދިއްތަ ދުވަހު އޮންލައިންކޮށް ސްމާޓްފޯނަކަށް އޯޑަރު ޖެހިއިރު އެ ފޯނު ގެއަށް ޑެލިވާކޮށްދޭނެ ކަމަށް ބުނެފައި ވަނީ އެ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ. 9000 އިންޑިއަން ރުޕީސް އަށް ގަންނަން އުޅުނު މި ފޯނަށް ރުފިޔާ އެއްކުރަން އޭނާ ހިޔާލުކުރީ މީހަކު ދުވަހަކުވެސް ހިތަށް ނާރުވާފަދަ ގޮތެކެވެ. އަމިއްލަ ލޭ ވިއްކައިގެން ފޯނު ގަތުމަށެވެ.
އެ ހިޔާލާ އެކު އޭނާ ވެސްޓް ބެންގާލުގައި ހުންނަ ބެލޫގެޓް ގެ ހޮސްޕިޓަލަށް އޭނާ ދިޔައީ އޭނާގެ އާއިލާ މީހުންނަށް ވެސް ވަގަށެވެ. މަންމަ ގާތު ޓިއުޝަނަށް ދާ ކަމަށް ބުނެ އޭނާ ސައިކަލުގައި ގެއިން ނައްޓާލުމަށްފަހު ބަސް ސްޓޭޝަން ކައިރީ ސައިކަލް ބެހެއްޓުމަށްފަހު ބަހަށް އަރައި ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ. އެދުވަހު އަންހެން ކުއްޖާ ޓިއުޝަނަށް ނުދާކަން މަންމަމެންނަށް ފަޅާއެރުމުން ކުއްޖާ ހޯދަން ކުރި މަސައްކަތުން އެނގުނީ ހޮސްޕިޓަލަށް ކުއްޖާ ދިޔަ ކަމަށެވެ. ނަމަވެސް ނޭނގުނީ ހޮސްޕިޓަލަށް ދިޔައީ ކީއްކުރަން ކަމަށެވެ.
އެކުއްޖާގެ އާއިލާ އާއި ހަވާލާދީ ބޭރުގެ ނޫހަކުން ބުނީ ކުއްޖާ އެންމެ ފުރަތަމަ ބުނީ އަމިއްލަ ލޭ ވިއްކައިގެން ރުފިޔާ ހޯދަން ނިންމީ އޭނާގެ ބޭބެގެ ސިއްހީ ފަރުވާއަށް ކަމަށެވެ. ނަމަވެސް ފަހުން އޭނާ އަށް ކައުންސިލިން ދިނުމުން އާއިލާ އަށް އަސްލު ކަންތައް ވީގޮތް ކިޔައިދިން ކަމަށެވެ.
"ފަހުން ބުނި ސްމާޓްފޯނަކަށް އޯޑަރު ދެވުމުން ފޯނަށް ރުފިޔާ ދެއްކުމަށް ލޭ ވިއްކަން އުޅުނު ވާހަކަ،"
ހޮސްޕިޓަލުން އެ އަންހެން ކުއްޖާގެ ލޭ ނުނަގައެވެ. ޗައިލްޑް ވެލްފްފެއާ ކޮމިޓީއަށް ކުއްޖާ ހަވާލުކުރުމުން އެ ކޮމިޓީ އިން ވަނީ ކުއްޖާ އޭނާގެ އާއިލާ އާއި ހަވާލުކޮށްފައެވެ.