އަމަންޑާ ގްރޫނެލް އުފަންވީ އިރު ވެސް ރަހިމެއް ނެތެވެ. ފުރާވަރަށް އެޅި އިރު އޭނާ އަށް މައްސަރު ކަންތައް ވެސް ދިމާނުވުމުން ހޮސްޕިޓަލަށް ގޮސް ގިނަ ޓެސްޓުތަކެއް ހަދައިގެން ލިބުނީ އޭނާ އަށް ދުވަހަކު ވެސް ކުދިންނެއް ނުލިބޭނެ ކަމުގެ ހަބަރެވެ.

އެ ހަބަރާއެކު އަމަންޑާ މުޅިން މާޔޫސްވިއެވެ. އެންމެ ތުއްތު އިރުން ފެށިގެން ވެސް ކުދިން ދެކެ އިންތިހާ އަށް ލޯބިވާ އަމަންޑާ އަށް އަމިއްލަ ދަރިއެއް ނުލިބޭނެކަމަށް ޑޮކްޓަރުން ބުނުން ވީ އޭނާއަށް ބަރުދާސްތު ނުކުރެވޭ ފަދަ ހަބަރަކަށެވެ. ކައިވެނި މަތިންވެސް ފޫހިވިއެވެ. ނަމަވެސް ފުރާވަރު އިރުގައި އޭނާ މީހަކު ދެކެ ލޯބިވެގެން އޭނާ އާ ކައިވެނިކުރަން ބޭނުންވިއެވެ. ލޯބިވެރިޔާ ގާތު އޭނާއަށް ކުދިން ނުލިބޭނެ ވާހަކަ ބުނުމުން އެކަން އެ މީހާއަށް އެއްވެސް މައްސަލައަކަށް ނުވިއެވެ. އެހެންވެ އަމަންޑާ އޭނާގެ ލޯބިވެރިޔާ އާއި ކައިވެނިކުރީއެވެ. ނަމަވެސް ދުވަސްވީ އެ ގުޅުން މަޑުމަޑުން ހީނަރުވަމުން ގޮސް ވަރިއާ ހިސާބަށް ދިޔައީއެވެ. އަނެއްކާވެސް އަމަންޑާ އަށް ކުރިމަތިވީ ހިތްދަތި ދުވަސްކޮޅެކެވެ.

"އުމުރުން 16 އަހަރުގައި ވެސް އަހަރެންނަށް އިހުސާސްވޭ ކޮންމެވެސް ގޯހެއް އުޅޭކަމާމެދު. 17 އަހަރު ވުމުންވެސް ޕީރިއަޑް ނުވުމުން ޑަކްޓަރަށް ދެއްކުމުން އެނގުނީ ރަހިމު ނެތްކަން އުފަންވީއިރުވެސް. އޭގެ ކުރިން ނުވެސް އެނގޭ. އެ ދުވަހު ޑަކްޓަރު ބުނީ ދުވަހަކުވެސް ދަރިންނެއް ނުލިބޭނޭ،" އޭނާ ބުންޏެވެ.

ދުވަސްތަކަކަށް ފަހު ރަހުމަތްތެރިއަކު އޭނާ އަށް ދިން ނަސޭހަތަކުން އަނެއްކާވެސް އޭނޤގެ ދިރިއުޅުން އުޖާލާވިއެވެ. އެއީ ރަހިމު ޓްރާންސްޕްލާންޓް ކުރުމަށެވެ. މަރުވެފައިވާ މީހެއްގެ ރަހިމު އަމަންޑާގެ ހަށިގަނޑަށް ލައްވައި އެކަން ކުރުމަށް އޭނާ މަސައްކަތް ފެށިއެވެ. އަދި އެކަން އަމަންޑާ އަށް ކާމިޔާބުވެސް ވިއެވެ. އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޯން އާއެކު ދަރިއަކު ހޯދަން މަސައްކަތް ކުރިއެވެ. ރަހިމު ޓްރާންސްޕްލާންޓް ކޮށްގެން އައިވީއެފް ހެދިއެވެ. މިއަދު އަމަންޑާ އަކީ ތުއްތު އަންހެން ކުއްޖެއްގެ މަންމައެކެވެ. އެ ދަރިފުޅަށް އަމަންޑާ ދިން ނަމަކީ ގްރޭސް އެވެ. އެ ނަމަކީ އަމަންޑާގެ މަރުމަތީގައި އޮތް އޭނާގެ މަންމަގެ އެންމެ ފަހު އެދުމެވެ.