ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހު 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މި މަހުގެ 28 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ މުފްތީ މެންކް ކަމަށެވެ. އަދި އެ ދުވަހުގެ ހުތުބާގެ މައުޟޫއަކީ "ﷲ ސުބްހާނަހޫ ވަތައާލާ އާއި އޮންނަ ގުޅުން އިޔާދަކޮށްލާ" އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މި 28 އިން 31 އަށް މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި ފުވައްމުލަކާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި ދީނީ ތަގުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ ދަތުރުގައި 28 ވަނަ ދުވަހުގެ ރޭ މާލޭގެ އަލިމަސް ކާނިވަލުގައި އަދި 29 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ސްޓޭޑިއަމްގައި ދީނީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ސިޓީ ސްކޮއާގައި އަދި 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މުފްތީ މެންކް ދީނީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ދަރުސްއެއްވެސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:45 ގައެވެ.

މީގެ ކުރި 2020 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓަރީގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތްފައިވާއިރު އެ ދަތުރުގައި މުފްތީ މެންކް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިވެސް ވަނީ ދަރުހެއްދެއްވާފައެވެ.

މުސްލިމުން އިސްލާމްދީނާ ދުރަށް ދިއުމާ ބެހޭގޮތުން ދެއްވާ އެ ދަރުސްގައި ދީނާ ދުރަށް މުސްލިމުން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި އަނބުރާ ދީނަށް ގެނެވޭނެ ގޮތާ ބެހޭގޮތުން އައްޑޫ ސިޓީގައި ދަރުހެއް ދެއްވާފައިވާއިރު އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުހެއް ދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ މުފްތީ ވަނީ ދެއްވާފައެވެ. 2018 ވަނަ އަހަރު ތެރޭގައިވެސް މުފްތީ ވަނީ ރާއްޖެ ވަޑަައިގެންފައެވެ.