ކިޔަވައިދިނުމާއި އުނގަންނައި ދިނުމުގައި މުދައްރިސުން އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރަމުން އަންނައިރު ވަޒީފާގެ އިތުރު ފުރުސަތުތައް ލިބުމާއެކު އެހެން ސްކޫލުތަކަށް ބަދަލުވުމަކީ ވަރަށް ގިނައިން ފެންނަމުންދާ މަންޒަރެކެވެ. އެހެންނަމަވެސް މާފަންނު މަދަރުސާގެ ޓީޗަރެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ފާތުމަތު ރަމީޒާ (ރަމީ) އަކީ މާފަންނު މަދަރުސާގައި ކިޔަވައި ދޭން ފެށީންސުރެ މިއަދާ ހަމައަށްވެސް އެ ސްކޫލުގައި ދެމިހުރި ލާމަސީލު ނަމޫނާ މުދައްރިސެކެވެ.
ފެބްރުއަރީ 15، 1984 މާފަންނު މަދަރުސާ ހުޅުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ ރަމީ، އެ ސްކޫލަށް ވަން އިރު އޭނާގެ އުމުރަކީ އެންމެ 18 އަހަރެވެ. އަދި މިހާރު 50 ގެ އަހަރުތައް ގުނަމުން އަންނަ ރަމީ ބުނާ ގޮތުގައި ކުޑަކުދިންނަށް ކިޔަވަދިނުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް ކަމަށާއި ކުޑައިރުންސުރެ ފެށިގެން އެކަމަށް އުންމީދު ކުރި ކަމަށެވެ.
ހާލަތު ނިޔާކުރި ގޮތުން ރަމީގެ ތައުލީމީ ހަޔާތް ގްރޭޑް 9 އަކާ ހިސާބުން ނިންމާލުމަށް ފަހު އޭނާ އެންމެ ފުރަތަމަ ވަޒީފާއަށް ވަނީ ޕަބްލިކް ވޯކްސްއަށެވެ. އެތަނުގައި އުޅުމުގެ ތެރޭގައި މާފަންނު މަދަރުސާ ހުޅުވަން އުޅޭކަމުގެ ހަބަރު ރައްޓެއްސެއްގެ ފަރާތުން ލިބި އެ ސްކޫލަށް އެހީތެރިވާން ދިޔަ ކަމަށް ރަމީ ކިޔައިދިނެވެ. އެއަށް ފަހު އޮފީހާއި ސްކޫލާއި ދެތަނުގައި އެއްކޮށް މަސައްކަތްކުރި ނަމަވެސް ވަކި ހިސާބަކުން ކޮންމެއްވެސް އެއްގޮތެއް ހިޔާރުކުރަން ޖެހުމުން ސްކޫލުގައި މަޑުކުރަން ނިންމާ ރަމީ އޮފީހުން ކެނޑުނެވެ.
ތައުލީމީ ދާއިރާގައި އަދި މާފަންނު މަދަރުސާއިން ވެސް މާ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ނުޖެހޭ ކަމަށާއި ކޮންމެ ކަމެއްވެސް ކުރަނީ ކުރާ ހިތުން ކަމަށް ވާއިރު ތައުލީމީ ދާއިރާގައި ހޭދަކުރާ ކޮންމެ ދުވަހަކީވެސް ވަރަށް ފާހަގަކޮށްލެވޭ ވަރަށް މުހިއްމު ދުވަހެއް ގޮތުގައި ރަމީ ފާހަގަ ކުރެއެވެ.
ސްކޫލުގެ އެކި އެކި މުބާރާތްތަކަށް ކުދިން ތައްޔާރުކޮށް ދީ އެކުދިންނަށް އެކޮށްދޭ މަސައްކަތުގެ ނަތީޖާ ރަނގަޅުވެ ހޯދާ ކޮންމެ ރަން ވަނައަކީ ރަމީ ދެކޭ ގޮތުގައި މި ދާއިރާގައި އޭނާއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މާފަންނު މަދަރުސާގައި ދެމިހުރުމުގެ ސިއްރަކީ ކޮބާ؟
މަސައްކަތް ކުރާ އެއްތަނެއްގައި 38 އަހަރު މީހަކު ހޭދަކުރާނީ ވަރަށް ވެސް ގިނަ ސަބަބުތަކެއް ހުރީމާކަން ގަބޫލުކުރަން ޖެހެއެވެ. ރަމީ ބުނާ ގޮތުގައި އޭނާއަކީ އަބަދުވެސް މަސައްކަތް ކުރާ ތަނެއްގައި ދެމިހުންނަން ވަރަށް ބޮޑަށް މަސައްކަތް ކުރާ މީހެއް ކަމަށާއި ވަރަށް ގިނަ ތަންތަނުން ބޮޑު މުސާރައަކާއެކު ރަނގަޅު ފުރުސަތު ލިބޭ ކަމަށެވެ.
މާފަންނު މަދަރުސާގެ މުވައްޒަފުންނާއި ވެރިންނަކީވެސް ވަރަށް ގުޅިގެން އެކުވެރިކަމާއެކު އުޅޭ ބައެއް ކަމަށާއި ކޮންމެ ކަމެއްގައިވެސް ހަމަ ހަމަކޮށް ކަންތައް ކުރަމުން ގެންދާ ކަމަށް ރަމީ ފާހަގަ ކުރެއެވެ. އަދި އާއިލާގެ މެންބަރަކު ބަލިވިޔަސް ސްކޫލުގައި ހުރެފައި ގެއަށް ދާން ޖެހިއްޖެނަމަ ވަރަށް ފަސޭހައިން އެ ފުރުސަތު ފަހިވެގެންދާ ކަަމަށާއި އެކަންކަމަކީ މާފަންނު މަދަރުސާގައި ދެމިހުންނަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ރަމީ ވަނީ ބުނެފައެވެ.
ރަމީ ބުނީ އާއިލާ އަދި ހާއްސަކޮށް ފިިރިމީހާގެ ފަރާތުން ބޮޑު ހިތްވަރާއި އެހީތެރިކަން ލިބޭ ކަމަށެވެ. އަދި އެ ސްކޫލުގައި އެހާ ގިނަ ދުވަހު ދެމިހުރުމުގެ އެންމެ ބޮޑު ސިއްރަކީވެސް އެ މީހުންގެ އެހީތެރިކަން ކަމުގައި ރަމީ ފާހަގަކުރެއެވެ. އަދި އެ ސްކޫލުގައި ހުރުމުގެ އަސްލެއް ކަމުގައި ތަނުގެ ވެރިން ކުރާ އިތުބާރުވެސް ހިމެނެއެވެ.
ރަމީ ބުނީ އެހެން ސްކޫލަކަށް ދާން ނުވިސްނާ ކަމަށާއި ތައުލީމީ ދާއިރާއިން މާފަންނު މަދަރުސާ ނޫން ސްކޫލަކުން އޭނާ ނުފެންނާނެ ކަމަށެވެ.
ރަމީއަކީ ދިވެހިންނަށް އާ މޫނެއްވެސް ނޫނެވެ. ރަމީއަކީ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަހްމަދު ނިމާލްގެ އަނބިމީހާއަށް ވާއިރު މީގެކުރިން ދިވެހި ލަވަ އަދި ފިލްމުތަކުން ރަމީ ވަނީ ފެނިގެން ގޮސްފައެވެ. އޭރުވެސް ރަމީ މަސައްކަތް ކުރަމުން އައީ މާފަންނު މަދަރުސާގައެވެ.
ރަމީ ބުނީ ފިލްމު ކުޅުމަކީވެސް ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އެކަން ކޮށް އުޅުނީ ހަފްތާ ބަންދާއި ސްކޫލުގެ ޗުއްޓީ ތެރޭގައި ކަމަށެވެ. އަދި ދުވަހަކުވެސް ސްކޫލުގެ ކަމަކަށް ބުރޫއަރާފަދަ ގޮތަކަށް އެފަދަ ކަމެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށްވެސް ރަމީ ވަނީ ބުނެފައެވެ.
ތައުލީމީ ދާއިރާގެ އެކި އެކި ދުވަސްވަރު، އޭރާއި މިހާރު ތަޖުރިބާކޮށްފައިވާ ޓީޗަރެއްގެ ހައިސިއްޔަތުން ރަމީ ބުނީ މިހާރުވެސް މުވައްޒަފުންގެ މެދުގައި ރަނގަޅު އެކުވެރި ގުޅުމެއް އޮތް ނަމަވެސް މީގެ ކުރިން އޮންނަ އެކުވެރިކަން މިހާރު ބައެއްފަހަރު ނުފެންނަ ކަމަށެވެ. އަދި އާ މަންހަޖަކީ ކުދިންގެ ކިޔެވުމަށް އައި ހެޔޮ ބަދަލެއްގެ ގޮތުގައި ރަމީ ފާހަގަކުރާއިރު ރަމީ ބުނީ ކުޅުމާއެކު ކިޔަވަދިނުމަކީ ވަރަށް ރަނގަޅަށް ކުދިންގެ ހަނދާނުގައި ދަސްވާ އެއްޗެއް ހަރުލާފައި ހުންނަ ކަމެއް ކަމަށެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ދާދިފަހުން ބަދަލުތަކެއް އައިސްފައިވީ ނަމަވެސް މާފަންނު މަދަރުސާގައި ސަރުކާރު މުވައްޒަފުންނާއި އަމިއްލަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު ރަމީއަކީ ސަރުކާރު މުވައްޒަފަކަށް ނުވުމާއެކު އެ ބަދަލު ނާންނަ ކަމަށް އޭނާ ބުނެއެވެ.
ބައްޔެއް ނުވާ ނަމަ ކޮންމެ ދުވަހަކު ސްކޫލަށް ކުއްޖާ ގެނައުމަކީ ބެލެނިވެރިންނަށް ރަމީ ހަނދާންކޮށްދޭން ބޭނުންވާ ކަމަކަށް ވާއިރު ސްކޫލުގައި ކުދިން ހޭދަކުރާ ވަގުތުކޮޅަކީ ވަރަށް ބައިވަރު އެއްޗެހިތަކެއް ދަސްވެގެންދާ ވަގުތުކޮޅެއް ކަމަށާއި އެ ވަގުތުކޮޅަށް ކުދިން ބަރާބަރަށް ގެނައުމަކީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއެވެ. އަދި ސްކޫލުގައި ކުޑަކުޑަ ކަމެއް ދިމާވި ނަމަވެސް ޓީޗަރާ ވާހަކަދައްކައިގެން އޮޅުން ފިލުވާލަން ޖެހޭ ކަމަށް ރަމީ ވަނީ ބުނެފައެވެ.
ހުރިހާ ޓީޗަރުންނަށްވެސް ރަމީ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. އެއީ ކޮންމެ ކަމެއް ކުރާއިރުވެސް ކުރާހިތުން އެކަމެއް ކުރުމަށާއި ކުރިއެރުން ލިބޭނީ ބައިވަރު މީހުން އުޅޭތަނެއްގައި ދިމާވާ ކުދިކުދި މައްސަލަތަކަކީ މާ ބޮޑު ކަމަކަށް ނުހަދާ ކުރިއަށްދާން މަސައްކަތް ކުރުމުން ކަމަށެވެ. އަދި ކުދިންނަށް ފޯރުކޮށްދޭން ޖެހޭ އެއްޗެއް އެ ކުއްޖަކަށް ފަހުމުވަންދެން ކިޔަވަދިނުމާއި ކުދިންނާ އަދި މުވައްޒަފުންނާ ގުޅިގެން އުޅެންވެސް ރަމީ ވަނީ ނަސޭހަތްތެރި ވެފައެވެ.