ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ލޯބި ޖޯޑުކަމަށްވާ ސިދާތް މަލްހަތްރާ އާއި ކިއާރާ އަދުވާނީގެ ކައިވެނި އަންނަ އަހަރުގެ އޭޕްރިލް މަހު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނިމިގެންދިޔަ "ކޮފީ ވިތު ކަރަން" ގެ ހަތްވަނަ ސީޒަނުގައި ބަތަލާ ކިއާރާ އާއި ޝާހިދު ކަޕޫރު ބައިވެރިވިއިރު އެ އެޕިސޯޑުގައި ޝާހިދު ކަޕޫރު ބުނީ މި އަހަރުގެ ފަހުކޮޅު ސިދާތު އާއި ކިއާރާ ވަރަށް ބޮޑު އިއުލާނެއް ކުރާނެ ކަމަށެވެ. އަދި އެއީ ފިލްމެއްގެ ވާހަކަ ނޫންކަމަށްވެސް ޝާހިދު ބުންޏެވެ. ބެލެވޭ ގޮތުގައި އެ ބޮޑު އިއުލާނަކީ ސިދާތު އާއި ކިއާރާގެ ކައިވެނީގެ ވާހަކައެވެ.

ހަބަރުތަކުން ބުނާގޮތުގައި ސިދާތު އާއި ކިއާރާ އަންނަ އަހަރު ކައިވެނިކުރަން ނިންމިއިރު ދެމީހުންގެ ކައިވެނި ހަފްލާ ބާއްވާނީ ވަރަށް ޕްރައިވެޓްކޮށް ކަމަށެވެ. ކައިވެނީގެ ހަފްލާ އަށް ބޮލީވުޑްގެ ގިނަ ބަޔަކަށް ދައުވަތު ނުދޭނެ ކަމަށާއި ހަފްލާ އަށް ދައުވަތު ދޭނީ ހަމައެކަނި އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް އެކަނި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޝޭރްޝާހް"ގެ ސެޓުން ދެތަރިން ގުޅުނުއިރު ދެމީހުން ކެމިސްޓްރީ ވަރަށް މެޗުވާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ބަތަލާ ކިއާރާ އެންމެ ފަހުން ފެނިގެންދިޔައީ އަނިލް ކަޕޫރު، ވަރުން ދަވަން އަދި ނީތޫ ކަޕޫރާއެކު "ޖުގް ޖުގް ޖިއޯ" އިންނެވެ. އެކްޓަރު ސިދާތު އެންމެ އަވަހަށް ފެނިގެންދާނީ އަޖޭ ދޭވްގަން އާއެކު "ތެންކް ގޯޑް" އިންނެވެ. އޭނާ މިހާރު މަސައްކަތްކުރަނީ ރޯހިތު ޝެޓީގެ ފިލްމެއްގައެވެ.