މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި ލަވަކިޔުންތެރިޔާ ފާތިމަތު ނައްބަތު ޝަކީބް އާއި އައިޑަލްގެ ދެވަނަ ސީޒަނުން ވިދާލި ހަސަން އިރުފާން (ޒަކިއްޓެ) ކައިވެނިކޮށްފިއެވެ.

ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއްވެފައިވާއިރު މި ދެމީހުން ކައިވެނި ކުރީ އިއްޔެގެ ވަގުތެއްގައެވެ. ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު މިދެތަރިންނަށް ލިބުނުއިރު ދެތަރިންނަކީ ވެސް މިއަދު މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ދެ ލަވަކިޔުންތެރިންނެވެ. ނައްބަތު އާއި ޒަކިއްޓެގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރެމުން އަންނައިރު ޒަކިއްޓެ ވަނީ ކައިވެނީގެ ފޮޓޯއެއް އޭނާގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ދެތަރިން ވަނީ އެންގޭޖްކޮށްފައެވެ. މޯލްޑިވިއަން އައިޑަލަށްފަހު ނައްބަތު ވަނީ ޓީވީއެމްގެ "އެހަނދާނުގައި" ގެ ޝޯ ތަކުގައި ވެސް ލަވަ ހުށައަޅާފައެވެ. ދެ ތަރިން އެކުގައިވެސް އެކި އެކި ހަފްލާ ތަކުގައި ލަވަ ކިޔަމުން އަންނައިރު ޒަކިއްޓެ ވަނީ ރިސޯޓް މިއުޒިކްގެ ދާއިރާ އިން ވަރަށް ކުރިއަށް ޖެހިލައިފައެވެ.

ލަވަކިޔުމުގެ އިތުރުން ޒަކިއްޓެ ވަނީ ދިވެހި ފިލްމީ ދާއިރާއަށް ވެސް ތައާރަފްވެފައެވެ. އޭނާ ފިލްމީ ދާއިރާ އަށް ނުކުތީ ޑާކްރެއިން އެންޓަޓެއިންމަންޓުން 2018 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ގޮށްރާޅު" އިންނެވެ. އެ ފިލްމުގައި ޒަކިއްޓެގެ އެކްޓިން އަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.