ދިވެހިންގެ މެދުގައި ކަރާ އެންމެ މަގްބޫލުވެގެންދަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގައެވެ. އެ ރޯދަމަހެއްގައި ކަރާ ފަނިކޮޅެއް ބޯ ނުލެވިއްޖެ ނަމަ ރޯދަ މަސްވެސް ހީނުވެއެވެ.
ރޯދަ މަސް ނޫނަސްވެސް ކަރާ އާންމު ދިރިއުޅުމުގައި ވެސް ކެއުން މުހިއްމެވެ. ކަރާ އަކީ އޭގެ ޒާތުގައި ގިނަ އަދަދަކަށް ފެން އެކުލެވިގެންވާ މޭވާ އެކެވެ. އަދި ކަރާ އަކީ އަނގަޔަށް މީރު މޭވާއެއްވެސް މެއެވެ. 90 އިންސައްތައަށްވުރެ ގިނަ އަދަދަކަށް ކަރާގައި ފެން އެކުލެވޭއިރު ކެލޮރީ އެންމެ މަދު މޭވާތަކުގެ ތެރޭގައި ކަރާ ހިމެނެއެވެ. ހަމައެއާއެކު އިންސާނާގެ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން ސީ އާއި ވިޓަމިން އޭ ކަރާ ކެއުމުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދެއެވެ.
ކަރާ އިން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި ކަރާ ކެއުމުން ކަރުހިއްކާ މިންވަރު މަދުވެ އަބަދުވެސް ހައިޑްރޭޓްކޮށް މީހާ ބަހައްޓައިދެއެވެ. އޭގެ ސަބަބުން އަވަސްއަވަހަށް ބަނޑުހައި ވުމުގެ ފުރުސަތު މަދުކޮށްދީ ހަށިގަނޑުގެ ބެލެންސް އެއްވަރެއްގައި ހިފަހައްޓައިދެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކަރާ ކެއުމަކީ ބައެއް ވައްތަރުތަކުގެ ކެންސަރު ޖެހުމުން މީހާ ސަލާމަތްކޮށްދޭ މޭވާ އެކެވެ.
އޭގެ އިތުރުން ހިތުގައި ލޭ ހިނގާ މިންވަރު ރަނގަޅުކޮށްދީ ލޭ މައްޗަށް ދިޔުމުން މީހާ ސަލާމަތް ކޮށްދިނުމަށް ކަރާ އެހީތެރިވެދެއެވެ. އަދި ހާޓްއެޓޭކް ޖެހުމުން މީހާ ސަލާމަތްކޮށްދޭ މޭވާ އަކަށްވެސް ކަރާވެގެން ދެއެވެ. ހަޖަމުގެ ބައި ރަނގަޅުކޮށްދީ ހަމުގެ މައްސަލަތަކުން ވެސް ކަރާ ކެއުމުން ރައްކާތެރިވެގެންދެއެވެ.