ކޮންޓެކްޓް ލެންސް ލައްވައިގެން ފެންވެރުމުގެ ސަބަބުން ލޮލުގައި އިންފެކްޝަން އުފެދި ލޯ ނަގައިފިއެވެ.

މޭރީ މެންސަން 54، ވައަތު ލޯ ހިރުވާ ކޮންމެވެސް ގޯހެއް އުޅޭ ކަމުގެ އިހުސާސްވީ 2015 ވަނަ އަހަރުގައެވެ. އޭނ ބުނީ ލޯ ތެރޭ އެއްޗެއް ތާށިވެފައި ހުންނަ ކަހަލަ އިހުސާސެއް އަބަދު އޭނާ އަށް ވި ކަމަށެވެ. ގިނަ ދުވަސްވީ ވަރަކަށް އެލޮލުގެ ފެނުން ދަށްވާން ފެށުމުން އަވަހަށް ހޮސްޕިޓަލަށް ގޮސް ދެއްކި ކަމަށާއި ޑަކްޓަރު ބުނީ އޭނާގެ ވައަތު ލޮލުގައި އެކަންތޮމީބާ ކެރެޓައިޓިސްޓް ނަމަކަށް ކިޔާ ބެކްޓިރިއާ އެއް އުފެދިފައިވާ ކަމަށެވެ. އޭގެ ސަބަބުން ލޮލުގެ ދިރުން އޭނާ އަށް ގެއްލެމުން އަންނަ ކަމަށެވެ.

މޭރީ ވަނީ 30 ދުވަސްވަންދެން ލައްވައިގެން އުޅެވޭ ކަހަލަ ކޮންޓެކްޓް ލެންސް ލައްވައިގެން އުޅެފައެވެ. މާނައަކީ އޭނާ ފެންވަރާ ނިދާ ހަދަނީ ވެސް ލެންސު ލައްވައިގެންނެވެ. އަދި ލެންސު ލައްވައިގެން ފެންވެރުމުގެ ސަބަބުން ލޯ އިންފެކްޓްވީ އެވެ. މޭރީ ބުނީ ފަސް އަހަރު ދުވަސްވަންދެން އެކި ކަހަލަ ބޭސްތައް ކައިގެންވެސް ފަރުވާއެއް ނުލިބުން ކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ކޯނިއާ ޓްރާންސްޕްލާންޓް ހަދައިގެންވެސް އެއްވެސް ކަހަލަ އުންމީދެއް ނުލިބުން ވައަތު ލޯ ނަގަން ޖެހުނީ ކަމަށެވެ.

"މިކަންތަކުގެ ސަބަބުން އަހަރެން ވަޒީފާ އަށް ދިޔުންވެސް މެދުކަނޑާލިން. އޭރު އަހަރެން މަސައްކަތް ކުރީ ރެސްޓޯރަންޓެއްގެ ބަދިގެއްގެ އިތުރުން ސްކޫލެއްގައި. ކޮންމެ ބައި ގަޑިއިރަކުން ޖެހޭ ލޮލަށް ބޭސް އަޅަން. ވަރަށް ވޭން އެޅި،"

މޭރީ ބުނީ ހަފްތާ އަކު މަދުވެގެން ތިން ފަހަރު އޭނާ ހޮސްޕިޓަލަށް ވެސް ދާ ކަމަށާއި ބައެއް ހަފްތާތަކުގައި ހޮސްޕިޓަލަށް ދާންޖެހޭ މިންވަރު އަދި މާ ބޮޑަށް އިތުރުވާ ކަމަށެވެ. އޭގެ ސަބަބުން ވަޒީފާ އެންމެ ފުރިހަމަ ގޮތެއްގައި އަދާނުކުރެވޭނެތީވެ ވަޒީފާއިން ކެނޑުނީ ކަމަށެވެ. 2020 ވަނަ އަހަރު މޭރީގެ ވައަތު ލޯ ނެގި އިރު މިހާރު އޭނާގެ ސިއްހީ ހާލަތު އަންނަނީ ރަނގަޅުވެފައެވެ.

މިހާރު އޭނާ މަސައްކަތްކުރަނީ އެޑްމިން އެސިސްޓަންޓެއްގެ މަގާމުގައެވެ.