އެފްރިކާގެ ގައުމެއް ކަމަށް ވާ ގެމްބިއާގައި ކީޑްނީ ފެއިލްވެ 66 ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެ އެއީ އިންޑިއާގައި އުފައްދާފައިވާ 4 ބާވަތެއްގެ ކޯފް ސިރަޕް (ކެއްސާތީ ބޯ ބޭސް) އަކުން ވާކަމެއް ކަމަށް ބަލައި އެ ބޭނުން ނުކުރަން ޑަބްލިއުއއެޗްއޯއިން އަންގައިފިއެވެ.

އެ ބޭސްތައް އުފައްދާފައި ވާ ކުންފުންޏަނީ އިންޑިއާގެ މެއިޑެން ފާމަސޫޓިކަލްސް އެވެ.

މިއާއެކު އިންޑިއާގެ އޮފިޝަލުން ވަނީ، އެ ކުދިން މަރުވީ އެ ބޭހުންކަން ސާބިތުވާނެ ހެކި ދެއްކުމަށް ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯއިން ފާހަގަ ކުރި 4 ބޭހަކީ؛

  • ޕްރޮމެތަޒައިން އޯރަލް ސޮލިއުޝަން
  • ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް
  • މެކޮފް ބޭބީ ކޯފްސިރަޕް
  • މެގްރިޕް އެން ކޯލްޑް ސިރަޕް އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މި ބޭސްތައް ދުނިޔޭގެ އެހެން ބައެއް ބާޒާރަށްވެސް ނެރެފައި ވެދާނެ ކަމަށާއި، މި ބޭސްތަކުގެ ރައްކާތެރިކަމުގެ ޔަގީންކަން ދިނުމަށް އިންޑިއާ ކުންފުނިން ނުކުޅެދިފައި ވާ ކަމަށެވެ.

އިތުރަށް ޑަބްލިއުއެޗްއޯއިން ބުނީ އެ ބޭސް ބޭނުން ކުރުމުން ގެއްލުމެއް ލިބި އަދި މަރުވުމުގެ ފުރުސަތު ކުޑަކުދިންގެ މެދުގައި ބޮޑުކަމަށެވެ.

ހުސްވި ޖުލައި މަހުން ފެށިގެން ގެމްބިއާގައި ކީޑްނީ ހަލާކު ވެ ކުޑަކުދިން މަރުވާ ނިސްބަތް އިތުރުވެފައި ވާކަމަށް ގެމްބިއާގެ ސިއްހީ އިދާރާތަކުން ޑަބްލިއުއެޗްއޯއަށް ވަނީ އަންގާފައެވެ. އަދި މި ސިރަޕްތަކުގެ ބަދަލުގައި ގުޅަބޭސް ބޭނުން ކުރުމަށް އާންމު ރައްޔިތުންނަށް އެގައުމުގައި ވަނީ އިރުޝާދު ވެސް ދީފައެވެ.

ގެމްބިއާގެ ހެލްތް ސާވިސް ޑިރެކްޓަރާ ހަވާލާދީ ބީބީސީން ބުނީ، އެ ސިރަޕްތައް މަނާ ކުރި ފަހުން ކުޑަކުދިން މަރުވާ ނިސްބަތް ދަށްވެފައި ވާ ކަމަށާއި ނަމަވެސް ހުސްވި 2 ހަފްތާގެ ތެރޭގައި 2 ކުއްޖަކު މަރުވެފައި ވާކަމަށް ރެކޯޑް ކުރެވިފައި ޥާ ކަމަށެވެ.

ލެބޯޓަރީ ތަހުލީލު ތަކަށް ފަހު ޑަބްލިއުއެޗްއޯއިން ބުނީ، އެ ބޭސްތަކުގައި އެކަށީގެން ވާ މިންވަރަށް ވުރެ ގިނައިން ޑައިތެލީން ގްލިކޯލް އާއި އެތެލީން ގްލިކޯލް ހުރިކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އެއީ ވިހަ މާއްދާއެއް ކަމަށާއި އޭގެ ސަބަބުން ބަނޑުގައި ރިހުމާއި، ބޭރަށް ހިންގުމާއި ހޮޑުލެވުމާއި ކުޑަކަމުދާން ދަތިވުމާއި ބޮލުގައި ރިހުމާއި، ވިސްނުމަށް ބަދަލު އައުމުގެ އިތުރުން ކިޑްނީ ހަލާކު ކޮށްލާ ކަމަށެވެ. އަދި ނަތީޖާއަކީ މަރުކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އީ ކޮލި ކިޔާ ބެކްޓީރިއާއެއް ވެސް އެ ބޭސްތަކުން ފެނިފައި ވާ ކަމަށައި އޭގެ ސަބަބުން ބޭރަށް ހިންގުމާއި ހޮޑުލެވޭނެ ކަމަށް ވެސް ބުނެއެވެ.

މި މައްސަލަ ފެންމަތިވެ އިންޑިއާގެ ސެންޓްރަލް ޑްރަގް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަނުން، ޑަބްލިއުއެޗްއޯއަށް ފޮނުވި އީމެއިލް އެއްގައި ބުނެފައި ވަނީ، މެއިޑަން ކުންފުނިން ގެމްބިއާއަށް ފޮނުވި ބޭސް ތައްޔާރު ކުރުމުގައި ބައެއް ކެމިކަލްއަށް ހުށަހެޅި ނުވަތަ ބޭހުގައި ބޭނުން ކުރާން ޖެހޭ މިންގަނޑުތަކުން ބޭރުވެފައި ހުރުން އެކަށީގެން ވާ ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ހުންނަ ރޯގާ ބޭސްތަކާއި ކެއްސާތޯ ދޭ ސިރަޕްތައް

ރާއްޖެ އަކީވެސް އިންޑިއާގައި އުފައްދާ ގިނަ ބާވަތްތަކެއްގެ ކޯފް ސިރަޕް ވިއްކާ ގައުމެކެވެ. ރާއްޖޭގައި އާންމުކޮށް ހުންނަނީ، އެސްކޮރިލް، ކޮފްސީ، ޓްކްސުރިލް، ޕިރިޓޮމް، ބެނަޑްރީލް ފަދަ ބޭސްތަކެވެ.

ދާދިފަހުން ރާއްޖޭގައި ޕިރިޓޮން އެކްސްޕެކްޓޮރަންޓްގެ ބެޗެއް ބޭނުން ކުރުން ވެސް މަނާ ކުރިއެވެ.