އަޔަލޭންޑަށް ނިސްބަތްވާ އުމުރުން 66 އަހަރުގެ އަންހެނެއްގެ ބަނޑުން 55 ބެޓެރި ނަގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި އަންހެން މީހާގެ ބަނޑުގައި ހުރި ބެޓެރިތައް ފެނުނީ އަންހެން މީހާ އެކްސްރޭ އެއް ހެއްދުމުން ކަމަށެވެ. އަދި 55 ބެޓެރި ދިރުވާލައިގެން ހުރެ ސިއްހީ މާބޮޑު މައްސަލަ އެއް މި އަންހެން މީހާ އަށް ކުރިމަތިނުވާތީ ޑޮކްޓަރުން ތިބީ ހައިރާންވެފައެވެ. ޑޮކްޓަރުން ބުނީ މި ކަހަލަ ކޭސްތަކަކީ ވަރަށް މަދުން ފެންނަ ކޭސްތަކެއް ކަމަށެވެ.

މި އަންހެން މީހާ ވަނީ މިހާރު ސާޖަރީކޮށް ހުރިހާ ބެޓެރިތަކެއް ބަނޑުން ނަގާފައެވެ. އޭނާގެ ބަނޑުން ނެގީ އޭއޭ ބެޓެރި އާއި އޭއޭއޭ ބެޓެރިއެވެ. އެކްސްރޭ އިން ބެޓެރީތައް ފެނުމާއެކު ޑަކްޓަރުން ނިންމީ ބޮޑުކަމުދާއިރު އެ ބެޓެރިތައް ވެއްޓޭނެ ކަމަށެވެ. އެހެން ކަމަށް ބަލައި ފުރަތަމަ ހަފްތާގައި އެ މީހާ މޮނިޓާ ކުރިއެވެ. ހަފްތާއެއް ވެގެންދިޔަ އިރު ބޮޑުކަމުދިޔަ އިރު ފަސް ބެޓެރި ވެއްޓުނު ނަމަވެސް ފަހުން އެއްވެސް ބެޓެރި އެއް ބޭރުވެފައެއް ނުވެއެވެ. އެހެން ސާޖަރީ ހަދަން ޑަކްޓަރުން ނިންމިއެވެ.

ހުރިހާ ބެޓެރިތަކެއް އަންހެން މީހާގެ ހަށިގަނޑުން މިހާރު ނަގާފައިވާއިރު އަންހެން މީހާގެ ހާލަތު ރަނގަޅެވެ. ޑޮކްޓަރުން ބުނީ ހަށިގަނޑުގައި ބެޓެރިތައް ހުރި އިރު ބެޓެރިތަކުން އެތެރެހަށްޓަށް އެއްވެސް ވަރަކަށް ލީކުނުވެ ހުރުމަކީ އަޖައިބު ކުރުވަނިވި ކަމެއް ކަމަށެވެ. އަދި މީހެއްގެ ހަށިގަނޑުގައި މިހާ ގިނަ ބެޓެރިތަކެއް ހުއްޓާ ފެނިފައި ނުވާ ކަމަށާއި ބެލެވޭ ގޮތުގައި އޭނާ ބެޓެރި ކައިފައި ވަނީ އަމިއްލަ ހަށިގަނޑަށް ގެއްލުންދީ މަރުވުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ވަނީ ހުރިހާ ބެޓެރިތަކެއް ނެގުމަށްފަހު މި އަންހެން މީހާގެ ފުރާނަ ސަލާމަތް ކޮށްފައެވެ.