ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކާޖޮލްގެ ކުރިއަށް އޮތް ފިލްމު "ސަލާމް ވެންކީ" އަންނަ ޑިސެމްބަރު މަހު ތިއޭޓާތަކަށް ގެންނަން ނިންމައިފިއެވެ.

ބަތަލާ ރިވަތީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ މަންމަ އަކާއި އޭނާގެ ފިރިހެން ދަރިފުޅުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަންނަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ސިނަމާތަކަށް ގެންނަ މި ފިލްމަކީ ފެމެލީ ޑްރާމާ އެކެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ދިރިއުޅުމުގައި ގޮންޖެހުންތަކެއް ދިމާވުމުން މަޔަކު ކުރާ ކަންތައްތައް މި ފިލްމުން ފެނިގެންދާނެއެވެ.

"ސަލާމް ވެންކީ" ގައި ކާޖޮލްގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ވިޝާލް ޖެތުވާ، އަހާނާ ކުމްރާ، ރާހުލް ބޯސް، ރަޖީވް ކަންޑެލްވާލް އަދި އާނަންތު މަހާދޭވަން އެވެ. މި ފިލްމާ ގުޅޭގޮތުން ފިލްމުގެ ބަތަލާ ކާޖޮލް ބުނީ މި ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ގެނެސްދޭ ފިިލްމެއް ކަމުން މި ފިލްމުގައި ވަރަށް ވޭނާއި އަސަރު އެކުލެވިގެންވާނެ ކަމަށެވެ. ދަރިއަކު ހިމާޔަތް ކުރަން މަޔަކު ކުރާ މަސައްކަތާއި ހިތްވަރު މި ފިލްމުން ފެނިގެންދާނެ ކަމަށް ވެސް ކާޖޮލް ވަނީ ބުނެފައެވެ.

ކާމިޔާބު ބަތަލާ ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ތްރިބަންގާ" އިންނެވެ. އެ ފިލްމަކީ ވެސް އާއިލީ ފިލްމެކެވެ. އެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިރު ކާޖޮލް މިހާރު ގިނައިން ކުޅެނީ މައެއްގެ ރޯލެވެ.