މިހާރުވެސް ސަރުކާރު ހިންގަވަމުން ގެންދަވާ، ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރަސްމީކޮށް ސައުދީގެ ބޮޑުވަޒީރަކަށް ހަމަޖައްސައިފިއެވެ.

ރަސްގެފާނެ ސަލްމާން ބިން އަބްދުލްއަޒީޒުގެ ގަރާރަކުން އެކަން އިއުލާން ކުރެއްވުމާއެކު، މިހާރު ސައުދީ ސަރުކާރުގެ ވެރިއަކީ މުހައްމަދެވެ. ކެބިނެޓަށް ގެންނެވި ބަދަލާއެކު ޑިފެންސް މިނިސްޓަރުކަން ދެއްވީ، ރަސްގެފާނުގެ ދެވަނަ ދަރިކަލުން ހާލިދު ބިން ސަލްމާނަށެވެ.

ތެލުގެ މުއްސަނދިކަން ލިބި، ދުނިޔޭގެ ތެލުގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ގައުމުގެ ގޮތުގައި އޮތް ސައުދީގެ ކެބިނެޓަށް މި ބަދަލު ގެނައުމުގެ ކުރިން މުހައްމަދަކީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރެވެ.

ކެބިނެޓަށް މި ބަދަލު ގެނައި ނަމަވެސް، އެހެން މަގާމުތަކުގައި މިހާރުވެސް ތިއްބެވި ބޭފުޅުން އެ މަގާމުތަކުގައި ދެމި ތިއްބަވާނެއެވެ. އެ ކެބިނެޓުގައި ފާހަގަ ކޮށްލެވޭ ބައެއް މަގާމުތަކަކީ، ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާދު އަލް ސައުދު އާއި ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން އާއި އިންވެސްޓްމަންޓް މިނިސްޓަރު ހާލިދް އަލް ފާލިހްއެވެ. މި ބަދަލާއެކުވެސް ކެބިނެޓް ޖަލްސާތަކުގެ ޗެއާ ކުރައްވާނީ އަދިވެސް 86 އަހަރުފުޅުގެ ރަސްގެފާނެވެ.

ދާދިފަހުން ރަސްގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައި ވާ އިރު، ކެބިނެޓަށް މި ބަދަލު ގެނައި ސަބަބު ސައުދީއަކުން ހާމައެއް ނުކުރެއެވެ.

ސައުދީގެ އާ ބޮޑުވަޒީރު މުހައްމަދަކީ، އުމުރުފުޅުން 37 އަހަރުގެ ޒުވާން ބޭފުޅެއް ނަމަވެސް، ރަސްކަމު ބާރުތަކުގެ ތެރެއިން، އިގްތިސޯދީ ޒިންމާތަކާއި، ޑިފެންސް މިނިސްޓްރީއާއި ތެލުގެ ސިނާއަތާއި، ދާހިލީ ކަންކަން ބަލަހައްޓަވަމުން ގެންދެވީވެސް މުހައްމަދެވެ.

މުހައްމަދު ވަނީ، 2030 އަށް އަމާޒު ކޮށް ސައުދީ އޮންނާނެ ގޮތުގެ ތަސައްވުރެއްވެސް އިއުލާން ކުރައްވާފައެވެ. އެ ތަސައްވުރުގައި ވާ ގޮތުން، 2030 ގައި މެދުއިރުމަތީގެ އަރަބިންގެ "ހިތަކަށް ވާނީ" ސައުދީއެވެ. އަދި އެކަން ހާސިލު ކުރެއްވުމަށް އިންވެސްޓްމަންޓްގެ ސިޔާސަތުތަކަށް ބަދަލުގެނެސް ފުޅާކޮށް 3 ބައްރު ގުޅާލަދޭ ހަބަކަށް ސައުދީ ހެއްދެވުން ހިމެނެއެވެ.

މީގެ އިތުރުން ތެލަށް ބަރޯސާވުން ކުޑަކޮށް، އިގުތިސޯދީ ހަރަކާތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމާއެކު، ޓެކްނޮލޮޖީއާ ރައްޓެހި ނިޒާމަކަށް ސަރުކާގެ ހިންގުން ބަދަލުކުރުންވެސް ހިމެނެއެވެ.