ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރުން އެންމެ މުހިއްމު އެއްކަމެވެ. ފައިދާ ހުރި ކާނާ ހަށިގަނޑަށް ބޭނުންވާފަދައިން ކަސްރަތަކީ ވެސް ހަށިގަނޑަށް ބޭނުންވާ ނުހަނު މުހިއްމު ކަމެކެވެ.
ބައެއް ފަހަރު ޖިމަށްދާން ކިޔާފައިވެސް ގިނަ ފަހަރު އޮންނާނީ ނުދެވިފައެވެ. ކުރަންޖެހޭ ކަންކަން ގިނަވެ ޖިމަށް ނުދެވޭ މީހުންވެސް ގިނައެވެ. އަނެއް ބައި މީހުންނަކީ ޖިމަށް ގޮސްވެސް މުޅިން މާޔޫސްވެފައި ތިބޭ މީހުންނެވެ. އެ ތަނުގައި ހުންނަ އެއްޗެހި ފެނިފައިވެސް ބައެއް މީހުން ބިރުން ރޫރޫއަޅައެވެ. އަނެއް ބައި މީހުން ޖިމަށް ދަނީ އޭނާ ޖިމަށް ދަމޭ ބުނާށެވެ. ގޮސްވެސް ކަމެއް ނުކުރެއެވެ. އަތް އުރާލައިގެން ތިބެނީއެވެ.
މިހުރިހާ ވައްތަރެއްގެ މީހުން އުޅޭއިރު ބައެއް މީހުންނަކީ ޖިމު ފެނުމުން ޑީމޯޓިވޭޓްވާ މީހުންނެވެ. އެތަނުގައި ހުންނަ އެއްޗެހި ފެނިފައި މިކަން ކުރެވޭނެ ބާވައޭ ހިތަށް އަރާ މީހުންވެސް މަދެއްނޫނެވެ. މި ކިޔާދެނީ ޖިމު ތެރޭގައި މޯޓިވޭޓް ވާނެ ގޮތްތަކެވެ. ޕާސަނަލް ޓްރެއިނަރުންގެ ތަޖުރިބާއާ އެކުގައެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކަސްރަތަކީ ތިމާގެ ހަށިގަނޑަށް ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް ކުރުމުން އޭގެ ފައިދާ ލިބޭނެ ކަމެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން ފިޒިކަލް އަދި މެންޓަލް ހެލްތުގެ ފައިދާ ވެސް ކުރާނެއެވެ. ނަމަވެސް ފަތިހު ފަތިހާ ތެދުވެ ޖިމަށް ދާން ކަންނެތްވާ ފަހަރުވެސް އާދެއެވެ.
ޔޫކޭގައި ހުންނަ އޮރި ޖިމް ގެ ޕާސަނަލް ޓްރެއިނާ ޖެސީ ޖޯންސް ވިލިއަމްސް ބުނީ ޖިމު ތެރޭގައި މީހާގެ އުޅުން މޯޓިވޭޓްކޮށް ބަހައްޓަން ބޭނުންނަމަ އޭނާގެ ޖިމަށް އަންނަ ސަބަބު އަމިއްލަ ނަފްސަށް ފުރަތަމަ ވިސްނައިދޭން ޖެހޭނެއެވެ. އޭނާ ބުނީ ޖިމަށް ދިޔުމުގެ ކުރިން ކުޑަކޮށް ދުވެލުމަށްފަހު ޖިމަށް އައުމަކީ މޯޓިވޭޓްވާން ލިބޭނެ ފުރުސަތެއްކަމަށެވެ. އަދި ތިމާ ކަސްރަތު މިކުރަނީ ކޮންކަމެއް ހާސިލްކުރަން ކަން ތިމާގެ ވިސްނުމުގައި ބަހައްޓައިގެން ޖިމުގެ މާހައުލުގައި އޭނާގެ އަމަލުތައް ބަހައްޓައިފިނަމަ މޯޓިވޭޓް ވާނެ ކަމަށެވެ.
"ކަސްރަތާއި ގުޅޭ އިންސްޕިރޭޝަނަލް ކުއޯޓްސް ކޮޓަރީގައި ހުންނަ މޫނު ބަލާ ލޯގަނޑުގައި ހިތްޕާފައި ބަހައްޓަންޖެހޭ. މީގެ ސަބަބުން ޖިމަށްދާން ބާރުއަޅާ. ދެން ޖިމަށް އައުމަށްފަހު ޖިމަށް އަންނަނީ ކީއްކުރަން ކަން އޭނާގެ ސިކުނޑީގައި ބެހެއްޓުން މުހިއްމު. އޭރުން މިކަމަކީ އެއްވެސް އުނދަގޫ ކަމެއް ނޫން،"
އެކަނި ކަސްރަތު ކުރަން ފޫހިވާނަމަ ރަހުމަތްތެރި ގްރޫޕަކާ އެއްކޮށް ޖިމަށް ގޮސް ސަކަރާތް ޖަހަމުން ވެސް ކަސްރަތު ކުރެވިދާނެއެވެ. ގްރޫޕްކޮށް ކަސްރަރު ކުރުމަކީ މާހައުލުގައި އުފާވެރިކަން ހިމެނޭ ކަމަކަށް ވުމުން ކަސްރަތު ކުރާ މީހުންވެސް އެކަން ކުރާ ހިތްވާނެ ކަމަށް ޖެސީ ބުނެއެވެ. ހާއްސަކޮށް ޖިމަށް ގަވާއިދުން އަންނަ މީހުން އޭނާގެ ހަށިގަނޑު ކުރިން ހުރީ ކިހިނެއްތޯ އާއި ޖިމަށް އަންނަން ފެށިފަހުން ހަށިގަނޑަށް އައި ބަދަލުތަކަކީ ކޮބައިކަން ބެލުމަކީ ޖިމަށް އައިސް ކަސްރަތު ކުރުމަށް އިތުރު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެެވެ.