ދުނިޔޭގެ ގިނަ ގައުމުތަކުގައި ފްރެންޗައިޒް ޝޯއެއްގެ ގޮތުގައި ގެނެސްދެމުން އަންނަ މަޝްހޫރު "އައިޑޮލް" ސައުދީ އަރަބިޔާގެ ވާޝަނެއް ގެނެސްދޭން ނިންމައިފިއެވެ.

ސައުދީ އައިޑަލް ގެނެސްދޭން ނިންމިއިރު އައިޑަލް ގެނެސްދޭނީ އަންނަ ޑިސެމްބަރު މަހުގައެވެ. މި ޝޯ ދެއްކުމާއެކު މި ޝޯ ވެގެންދާނީ ސައުދީ އަޑިއަލްގެ ފުރަތަމަ ސީޒަނަށެވެ.

އައިޑަލް އާއި ގުޅޭގޮތުން ޖެނެރަލް އެންޓައިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް ޝެއިހް ވިދާޅުވީ މި ސީޒަން ފިލްމު ކުރުން އަންނަ އޮކްޓޯބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަތަރު މީހުން ހިމެނޭ ޓީމެއް ޖަޖުންގެ ޕެނަލުގައި ހިމަނާފައިވާއިރު ސައުދީ އައިޑަލްގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ ސައުދީ ލަވަކިޔުންތެރިޔާ އަސީލް އަބޫ ބަކުރު، ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ލަވަކިޔުންތެރިޔާ އަހްލާމް، ސީރިޔާ އަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އައްސާލާ، އިރާގު ލަވަކިޔުންތެރިޔާ މަޖީދު އަލް މުހަންދީއެވެ.

އަލް ޝެއިހް ވިދާޅުވީ ސައުދީގައި މިކަހަލަ ބޮޑު ލަވަ މުބާރާތެއް ބޭއްވުމަކީ މިއުޒިކަށް ލޯބިކުރާ އެތައް ޒުވާނުންނަށް ހުޅުވުނު ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި އެންމެންވެސް ހިފުމަށެވެ. އަދި އެތައް ބައެއްގެ ފަންނުވެރިކަން މިފަދަ ޕްލެޓްފޯމުން ފެނުމުގެ ފުރުސަތު މިކަަލަ ޝޯތަކުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދީ އިން އައިޑަލް އަށް ތައްޔާރުވަމުން އަންނައިރު އިންޑިއާގައި މިހާރު ވަނީ އައިޑަލް ފަށާފައެވެ. ރާއްޖޭގައިވެސް މީގެ ކުރިން ވަނީ މޯލްޑިވިއަން އައިޑަލްގެ ނަމުގައި ކާމިޔާބު ތިން ސީޒަނެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ.